މި ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތެއް ނެތް؟!

ގައުމީ ފުޓްބޯޅަ ޓީމު މި އަހަރު ކުޅޭ ފުރަތަމަ މެޗަށް ކޯޗު ޑަރެން ސްޓެވާޓް އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން ވަނީ ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެކަމަކު ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން ފާހަގަކޮށްލެވޭ ބައެއް ނަންތަކެއް ވަނީ އުނިވެފަ އެވެ. މިދިޔަ އަހަރާއި މި އަހަރު ތަފާތު ދެއްކި ބައެއް ކުޅުންތެރިންނަށް، ތަފާތު ސަބަބުތަކާ ހުރެ ފުރުސަތެއް ނުލިބެ އެވެ.


އެފަދަ ބައެއް ކުޅުންތެރިންގެ ތެރޭގައި ނިއު ރޭޑިއަންޓުގެ އަކްރަމް އަބްދުލްގަނީ އާއި އަހުމަދު ނުހާދު (ގުއްޕެ) އާއި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ނާފިއު (ކަޅޭ) ހިމެނެ އެވެ.

މީގެ ތެރެއިން އަކްރަމަކީ ފާއިތުވި އަށެއްކަ އަހަރު ގައުމީ ޓީމުގައި ގަވާއިދުން ހިމެނި ގިނަ މުބާރާތްތަކެއް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ. ޑިފެންސް ލައިނާއި މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު ފޯމް ގެއްލި ގައުމީ ޓީމުން ޖާގަ ގެއްލުނަސް މި ސީޒަނުގައި ނިއުގައި އޭނާ ވަނީ ފުރަތަމަ ދެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވިކްޓަރީގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން ނިއުގެ ގުއްޕެ (ވ) މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހިބަދޫން ފާހަގަވި ގުއްޕެ އަކީ މިދިޔަ އަހަރުން ފެށިގެން ނިއުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. އަރިމަތިން ޑިފެންސަށް ކުޅޭ ގުއްޕެ އަކީ މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން އެއް ކުޅުންތެރިޔާ އެވެ. އޭނާ ފާހަގަކުރެވެނީ އިތުބާރާ އެކު ކުޅޭ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެކަމަކު 29 ކުޅުންތެރިންގެ ސްކޮޑުން އޭނާ އަށް ފުުރުސަތެއް ނެތެވެ.

ސަޑޭ ވަނީ މިދިޔަ ސީޒަނުގައި ވެލެންސިއާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ވެލެންސިއާ އިން އެފްއޭ ކަޕް ކާމިޔާބުކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. އޭނާ އަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ސަރަހައްދީ ގިނަ މުބާރާތްތަކެއް ކުޅެ ތަޖުރިބާ ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިޔެކެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރިއިރު ކެޕްޓަންކަން ކުރި ރިލޭގެ ފޯމް ދޭތެރެއަކުން ދަށްވި ނަމަވެސް އޭނާ އަކީ ފުލް ބެކަށް ކުޅެން އަދިވެސް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. މި އަހަރު ވިކްޓަރީގައި މިހާތަނަށް އޭނާ އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމުގެ ޑިފެންސް ލައިނުގައި ގިނަ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް ރިލޭ އަށް ފުރުސަތެއް ނުލިބުނެވެ.

ރާއްޖޭން 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ އަދި 23 އަހަރުން ދަށުގެ ޓީމުން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބްރޮންޒް މެޑަލް ހޯދިއިރު ޓީމުގައި ހިމެނުނު ނާފިއު ދުވަސްކޮޅަކު ގެއްލުމަށް ފަހު ޓީސީ ސްޕޯޓްސް ކްލަބާ ގުޅި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅޭ މި ކުޅުންތެރިޔާ ވަނީ، ޓީސީން ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރިއިރު ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕުގެ މެޗެއްގައި ޒިޔަން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގޯލްކީޕަރުންނަށް ބަލާއިރު ނިއުގެ ރިޒާވް ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އަކީ މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕުގައި ބ. އޭދަފުށީ ޓީމުގައި ފުލްކޮށް ކުޅެ މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. އަދި މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެ ތަޖުރިބާ ވެސް އެބަހުއްޓެވެ. މިވަގުތު ރާއްޖޭގައި ތިބި ކީޕަރުންނަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނަ މެޗު ކުޅުމު އެއް ކީޕަރަށް އޭނާ ވާނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ އަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ. ވާދަކުރަން ޖެހެނީ ފަލަސްތީނާއި އޮމާނާއި ބޫޓާނާ އެވެ. މި ޓީމުތަކާ ދެކޮޅަށް މީގެ ކުރިން ކުޅެ ތަޖުރިބާ ހޯދާފައިވާ އަދި މިވަގުތު ވެސް ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިންނަށް ކޯޗު ފުރުސަތު ދިނުން މުހިއްމެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނެން ކޮންމެ މެޗެއް ވެސް އެހާމެ މުހިއްމު އިރު، ރަނގަޅު ފުރަތަމަ އެގާރައެއްގެ އިތުރުން، ވަރުގަދަ ބެންޗެއް ވެސް އޮންނަން ޖެހެ އެވެ. މިފަދަ މެޗުތަކާ ކުރިމަތިލާއިރު ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ނުހަނު ބޮޑުވާނެ އެވެ.