ބިދޭސީ ކުޅުންތެރިން ގެނެސް މީދޫ ޓީމުގެ ކޯޗަކަށް ޝާޒް

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އަމާޒުކޮށް ރ. މީދޫ ފުޓްބޯޅަ ޓީމަށް ނައިޖީރިއާގެ ފޯވާޑަކާއި ޕާކިސްތާނުގެ ގޯލްކީޕަރެއް ގެންނަން ނިންމައި ކޯޗަކަށް ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ ހަމަޖައްސައިފި އެވެ.


މީދޫ ޓީމަށް ގެންނަ ނައިޖީރިއާ ފޯވާޑް ފްރެންސިސް އިކެޗުކްވޫ ވަނީ ނައިޖީރިއާ އާއި ސޫދާން ލީގުގައި ކުޅެފަ އެވެ. މީގެ އިތުރުން ނައިޖީރިއާގެ 23 އަހަރުން ދަށުގެ ޓީމުގެ ސްކޮޑުގައި އެއް ފަހަރު ހިމެނުނު ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ޓީމަށް ގެންނަ ޕާކިސްތާން ގޯލްކީޕަރު އަބްދުލް ބާސިތު ވަނީ ޕާކިސްތާން ލީގުގައި ކުޅެފަ އެވެ.

މީދޫ ކައުންސިލް މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ އަމާޒަކީ ދިވެހި ޕްރިމިއާ ލީގާ ހަމަޔަށް ދިއުން ކަމަށެވެ. އެފްއޭއެމްގެ އާ އޮނިގަނޑާ އެކު މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި މާލޭގައި ކުޅޭ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

މީދޫގެ ކޯޗު ޝާޒަކީ މި އަހަރު އެންމެ ފުރަތަމަ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހަމަޖެއްސި ކޯޗެވެ. ނަމަވެސް ސީޒަން ނުފެށެނީސް އެ ކްލަބުން ވަނީ އޭނާ ވަކިކޮށް އަލީ ސުޒޭން ގެނެސްފަ އެވެ.

ޝާޒުގެ ބެލުމުގެ ދަށުން މީދޫ ޓީމުން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕްރެކްޓިސް ފަށައިފަ އެވެ. ޝާޒް ބުނީ އަމާޒަކީ ދެވޭ އެންމެ ދުރަކަށް ދިއުން ކަމަށާއި އަދި މިއީ މީދޫ އިން ފުޓްބޯޅައިގެ ތެރެއަށް ނުކުތުމުގެ ފެށުމެއް ކަމަށެވެ.

"މި އަތޮޅުގައި އެބައޮތް އުނގޫފާރާއި އަލިފުށި ފަދަ ވަރުގަދަ ޓީމުތައް. ޒޯނަށް ބަލާއިރު ވެސް ޅ. ނައިފަރާއި ހިންނަވަރު އަދި ބ. އޭދަފުށި އެބައޮތް. އަޅުގަނޑުމެންގެ އަމާޒަކީ ދެވޭ އެންމެ ދުރަކަށް ދިއުން. އަދި މި އަހަރު ސީދާ ޕްރިމިއާ ލީގަށް ނުވެދުނަސް މިއީ ފެށުމެއް ކަމަށް ބަލައިގެން، މުސްތަގުބަލަށް ރާވައިގެން ކުރިއަށް މިގެންދަނީ،" ކުރިން ބީޖީ ސްޕޯޓްސް އަށް ވެސް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.

އޭނާ ބުނީ މީދޫގައި ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް ބޭނުންވަނީ ތަޖުރިބާ ކަމަށެވެ. ބިދޭސީ ދެ ކުޅުންތެރިން ގެނައީ ވެސް އެ ކުޅުންތެރިނަށް އިތުރު ސަޕޯޓެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ވިސްނުމަކީ ކުޅުންތެރިން ޑިވެލޮޕްކޮށް މީދޫ އިން ފުޓްބޯޅައިގެ ތެރެއަށް ނުކުތުން،" ޝާޒް ބުންޏެވެ.

މީދޫ އަކީ 2015 ވަނަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕުގެ ރ. އަތޮޅުގެ ރަނަރަޕެވެ.