ހާލަތު ބަދަލުވެއްޖެ، މިއީ އުއްމީދީ މެޗެއް: ސުޒޭން

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި އަޑިގަނޑުން އަރައިގަންނަން ބޭނުންވާ ތިން ޕޮއިންޓް މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން ލިބޭނެ ކަމަށް ވަރަށް ބޮޑު އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ވިކްޓަރީއާ ސުޒޭން ހަވާލުވީ ސީޒަން ފެށެން ކުޑަތަންވެފައިވަނިކޮށް އެ ޓީމުގެ ކޯޗުކަމުން މުހައްމަދު ޝާޒްލީ ވަކިކުރުމުންނެވެ. އޭނާ ހަވާލުވެގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެސްޓީއޯ މާލޭ ލީގު ފެށިއިރު ފުރަތަމަ ތިން މެޗުން ވިކްޓަރީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ.

"ޓީމަށް ދިމާވި މައްސަލަތަކުގެ ބޮޑުބައި ރަނގަޅުވެއްޖެ. ޔަގީނުން ވެސް ކުރިން ދިމާވި ފިޓްނަސް މައްސަލަތައް ދެން ދިމާނުވާނެ. މާދަމާގެ މެޗަކީ ވަރަށް އުއްމީދީ މެޗެއް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ހުރިހާ ޓީމަކަށް ވެސް މާލީ މައްސަލަތަކެއް ކުރިމަތިވި ކަމަށައި އެކަމާ ގުޅިގެން ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރުކުރި ކަމަށެވެ. އެކަމަކު ކުންފުނިތަކާ އެކު ސޮއިކުރަން ފަށައި ފައިސާ ލިބެން ފެށުމާ އެކު އެކަންކަން ހައްލުވެ ކުޅުންތެރިންގެ ހިތްވަރުއާވާނެ ކަމަށެވެ.

"އެކަންކަން އަންނަނީ މަޑުމަޑުން ހަމަޔަކަށް އެޅުމުން. އެއާ އެކު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އިދިކޮޅަށް ނުކުންނަ ޓީސީ އޮތީ ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑްކަޕް ކާމިޔާބުކޮށް އަދި ލީގުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ވަރަށް ހިތްވަރާ އެކު ކަމަށެވެ.

"އެކަމަކު އެއަށް ވުރެ ވިކްޓަރީ އޮތް ހާލަތުން އަރައިގަންނަން ވިކްޓަރީން ސަމާލުވާންޖެހޭ. ވިކްޓަރީއަށް މިހާރު ބޭނުންވަނީ އެއް މޮޅު އެކަމުން އަރައިގަންނަން،" ސުޒޭން ބުންޏެވެ. "މާދަމާ އެކަން ހާސިލްވާނެ ކަމަށް އުއްމީދުކުރަނީ."

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުރީ މެޗުތަކާ ބަލާއިރު ވިކްޓަރީ މާދަމާ ތަފާތު ވާނެ ކަމަށާއި އެ ޓީމަށް ކުރިއެރުން އައިސްފައިވާ ކަމަށެވެ. އަދި ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބުމާ އެކު މެޗު އެއްގޮތަކަށް ވެސް ފަސޭހަވާނެ ކަމަށް ނުދެކޭ ކަމަށް ނިޒާމްބެ ބުންޏެވެ.

"މިއީ ގަދަ ގަތަރެއްގައި ހިމެނުމަށް ޓީސީ އަށް ވެސް މުހިއްމު މެޗެއް. އަނެއްކާ އަޅުގަނޑުމެން ވަރަށް ރަނގަޅު ރަންއެއްގައި މިއޮތީ. އެކަން ދެމެހެއްޓުމަށްޓަކައި މެޗުތަކުން މޮޅުވަމުން ދިއުން ވަރަށް މުހިއްމު،" ނިޒާމްބެ ބުންޏެވެ.

ޓީސީ އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް އޮތްއިރު ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ މާޒިޔާ އެވެ.

އެސްޓީއޯ މާލޭ ލީގުގައި މި ހަފުތާގައި ކުޅޭ މެޗުތައް:

ބުދަ: (16:00) އީގަލްސް - ވެލެންސިއާ

ބުދަ: (21:00) ޓީސީ - ވިކްޓަރީ

ބުރާސްފަތި: (16:00) ނިއު - މާޒިޔާ

ބުރާސްފަތި: (21:00) ޔުނައިޓެޑް ވިކްޓަރީ - ގްރީން ސްޓްރީޓްސް