ކްރިކެޓް ބޯޑުގެ ރައީސަކަށް ކުރީގެ ކުޅުންތެރިޔާ އަފްލާހް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު އަފްލާހް (އަފޫ) އިންތިހާބުވެވަޑައިގެންފި އެވެ.


އާއްމު މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ފަސްކުރި އިންތިހާބު ރޭ ބޭއްވި އިރު އަފްލާހު ރައީސްކަމަށް ހޮވިވަޑައިގަތީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އަފްޒަލް ފާއިޒާ ވާދަކޮށްގެންނެވެ. ވޯޓުގެ ފުރަތަމަ ބުރު އެއްވަރުވުމުން ބޭއްވި ދެ ވަނަ ބުރުން އަފްލާހް ކުރި ހޯއްދެއްވީ 10-4 ވޯޓުންނެވެ. ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގަތީ މުހައްމަދު މާދިހު އިސްމާއީލެވެ.

ކްރިކެޓް ބޯޑުގެ ރައީސްކަން މިދިޔަ ދެ ދައުރުގައި ކުރެއްވި ރެޑިއަމް އަހުމަދު ހަސަން ދީދީ (އަހައްމައިދީ) ވަނީ މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން ކުރިން އިއުލާންކުރައްވައިފަ އެވެ.

ކްރިކެޓް ބޯޑުގެ އާ އެގްޒެކެޓިވް ކޮމިޓީ.

ރޭގެ އިންތިހާބުގައި ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރަކަށް ހޮވުނީ ކުރީގެ ކުޅުންތެރިޔާ އަދި ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމެވެ. ސްކޫލް ދެ މެމްބަރުންނަށް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ބާސްކެޓްބޯޅަ ކޯޗު މުހައްމަދު ވަހީދު (މޯޑް) ހޮވުނުއިރު ދެން ބޯޑަށް އިންތިހާބުވީ އަލި މަނިކު (އެއާލަންކާ އަލިބެ) އާއި އަހުމަދު ފައިސަލާއި މުހައްމަދު ފައިސަލް އަދި އަފްޒަލް ޖަލީލެވެ.

ކްރިކެޓް ބޯޑުގެ އާ ރައީސް އަފްލާހް "މިހާރަ"ށް ވިދާޅުވީ ކްރިކެޓަކީ އަބަދުވެސް އެންމެ ލޯބިވާ ކުޅިވަރު ކަމަށާއި ކުޅުންތެރިއެއްގެ ގޮތުން ކްރިކެޓުގައި ހަރަކާތްތެރިވުމަށް ފަހު ރައީސެއްގެ ގޮތުން ހިދުމަތްކުރަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މި ފުރުސަތުގައި އަޅުގަނޑު މަސައްކަތްކުރާނީ ލިބިފައިވާ ތަޖުރިބާތަކުގެ ބޭނުން ހިފައި ކްރިކެޓް އެހެން ހިސާބަކަށް ގެންދަން. މިދިޔަ ފަސް އަހަރު އެކްސްކޯގައި މަސައްކަތްކޮށް ތަޖުރިބާތައް ލިބިފައިވަނީ. މިކަމަށް ވަގުތު ދެވޭނެ. ކްރިކެޓް އެހެން ހިސާބަކަށް ގެންދިއުމުގެ ގާބިލްކަން އަޅުގަނޑުގެ ކިބައިގައި ހުރި ކަމަށް ގަބޫލުކުރަނީ،" އަފްލާހް ވިދާޅުވި އެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަފްލާހް ޖަލްސާގައި ވާހަކަދައްކަނީ.

އޭނާ ވިދާޅުވީ ކްރިކެޓް ކުޅެފައިވުމަކީ ކްރިކެޓް ކުރިއަރުވަން ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންގެ އިހުސާސްތައް އެނގި ކުޅުންތެރިން ބޭނުންވާ ވަސީލަތްތަކާއި ސަޕޯޓް އެނގޭނެ ކަމަށެވެ.

ރާއްޖޭން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުއްވި އަފްލާހް ވިދާޅުވީ ރާއްޖޭގެ ކްރިކެޓް މިހާރު އޮތީ ވެސް އެހާ ދަށް ލެވެލެއްގައި ނޫން ކަމަށާއި އެކަމަކު އިތުރަށް ކުރިއަށް ގެންދަން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ.

"ގްރާސްރޫޓް ލެވެލް އެބަޖެހޭ ވަރުގަދަކުރަން. ގްރާސްރޫޓް ލެވެލްގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުން، ބޮޑު ގެޕެއް އެބައޮތް. މީގެ އިތުރުން ސްކޫލް ކްރިކެޓް އިތުރަށް ވަރުގަދަކުރާނަން،" އަފްލާހް ވިދާޅުވި އެވެ.

"ގައުމީ ޓީމަށް ވެސް އަލުން އޭސީސީގެ މުބާރާތްތައް ހޯދަން ކްލަބް ލެވެލްގެ ކްރިކެޓް ކުރިއަރުވަން ޖެހޭ. މީގެ އިތުރުން ގައުމީ ޓީމަށް މެޗުތައް ހޯދައިދީ ގައުމީ ޓީމުގެ ފެންވަރު މަތިކުރުން އެއީ އެންމެ ބޮޑު އެެއް އަމާޒު."