ޓީސީ އެންމެ އުނދަގޫ، އެންމެ މުހިއްމު މެޗަށް ނުކުންނަނީ

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ އެންމެ އުނދަގޫ އަދި އެންމެ މުހިއްމު އެއް މެޗު ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


މެޗާ ކުރިމަތިލާއިރު ދެ ޓީމު ވެސް ވަނީ 10 ޕޮއިންޓް ހަމަކޮށްފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ތިން ވަނައިގައި ޓީސީ އޮތްއިރު ގްރީން ސްޓްރީޓްސް އޮތީ ހަތަރު ވަނައިގަ އެވެ.

ނިޒާމްބެ ބުނީ ގްރީން ސްޓްރީޓްސްއަކީ މި ސީޒަނުގައި އެއް ފެންވަރެއްގައި ކުޅެމުން އަންނަ ޓީމެއް ކަމަށާއި އެހެންކަމުން މިއީ އެންމެ އުނދަގޫ އެއް މެޗަށް ވާނެ ކަމަށެވެ.

"މިއީ ޓީސީ އަށް ހުރިހާ ގޮތަކުން ވެސް ވަރަށް މުހިއްމު މެޗެއް. ޕޮއިންޓުގެ ގޮތުން އެއްވަރެއްގައި އޮތް ޓީމަކާ ކުޅޭއިރު ތިން ޕޮއިންޓް ވަރަށް މުހިއްމު ކުރިއަށް ބުރެއް އޮތުމާ ވެސް އެކު. އަނެއްކޮޅުން ފަހަތުގައި އޮތް ޓީމުތަކުން މަޑުމަޑުން އެބައަރާ. އެގޮތުން ބަލާއިރު މިއީ ޓީސީ ކުޅޭނެ އެންމެ މުހިއްމު އެއް މެޗު،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓްސް އަކީ ވަރަށް އަވަސް، އެޓޭކިން ގޭމެއް ކުޅޭ ޓީމެއް ކަމަށާއި ޓީސީން ޓީސީގެ ސްޓައިލުގައި ކުޅުނު ނަމަވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"ޗޭންޖެސްތަކެއް ގެންނާނެ ގްރީން ސްޓްރީޓްސްގެ ކުޅުމާ މި ހުރިހާ ކަމަކަށް ބެލުމަށް ފަހު. ގްރީން ސްޓްރީޓްސް ފާހަގަކުރެވެނީ ވަރަށް ސްޕީޑީ އަދި އެޓޭކަށް ވިސްނައިގެން ކުޅޭ ޓީމެއްގެ ގޮތުގައި،" ނިޒާމްބެ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ ޓީސީ އަކީ އޭނާގެ ނަޒަރުގައި އެންމެ ވަރުގަދަ އެޓޭކިން ފޯސް އޮތް ޓީމު ކަމަށާއި އެހެންކަމުން މި މެޗު ފަސޭހަނުވާނެ ކަމަށެވެ.

"ކޮންމެ މެޗެއް ވެސް ލީގެއްގައި މުހިއްމުވާނެ. އެގޮތުން މިއީ ވެސް އަޅުގަނޑުމެން ކުރިމަތިލާނެ މުހިއްމު މެޗެއް. މޮޅުވާން ބޭނުމިއްޔާ ފަހަތަށް ޖެހިގެން ނުކުޅެވޭނެ. މޮޅެއް ބޭނުމިއްޔާ ޕްރެސްކޮށްގެން ކުޅޭނީ. އެކަމަކު މި މެޗު ފަސޭހަނުވާނެ އެއްގޮތަކަށް. އަޅުގަނޑުމެން ފަހު ވަގުތާ ހަމަޔަށް ވެސް މަސައްކަތްކުރާނަން މަދުވެގެން ޕޮއިންޓެއް ހޯދަން،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ދިމާވެފައިވާ އެންމެ ބޮޑު ޗެލެންޖަކީ ލިމިޓެޑް އަދަދަކަށް ކުޅުންތެރިން ތިބުން ކަމަށާއި މާދަމާގެ މެޗުގައި ޔޫކްރޭން މިޑްފީލްޑަރު ސޮބޮލް އިލިއާ އަށް ކުޅެވޭއިރު އަނެއްކޮޅުން މުހައްމަދު ޝައްފާޒް (ސައްޕޭ) އަށް ނުކުޅެވޭ ކަމަށެވެ.

ސޮބާ ބުނީ ޓީސީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާތާ ތިން އަހަރުވީ އިރު އެ ޓީމު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށާއި ހާއްސަކޮށް މި އަހަރު ބަންގްލަދޭޝް މުބާރާތުން ހޯދި ކާމިޔާބީ ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ރެސްޕެކްޓްކުރަން އެ ޓީމަށް. ހަރުދަނާ މެނޭޖްމަންޓެއް އޮވެ އަދި ކޯޗު ނިޒާމްގެ އަތުގައި ފުރިހަމަ ކޮންޓްރޯލްއޮވޭ. ރަނގަޅު ލެވެލެއްގައި އެ ޓީމު އޮތީ،" ސޮބާ ބުންޏެވެ.

ނިޒާމްބެ ވެސް ވަނީ ސޮބާ އަށް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ސޮބާ ކޯޗިންގައި މިހާރު އެހެރީ އަސްލު އެ މަސައްކަތް ފަށަން ޖެހޭ ހިސާބުގައި ކަމަށާއި މިހިސާބުން ފެށިގެން މަސައްކަތްކުރާއިރު ގިނަ ތަޖުރިބާތަކެއް ލިބޭނެ ކަމަށެވެ.