ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އަރައިފި

ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓްސް އަރައިފި އެވެ.


އެ ޓީމުން 13 ޕޮއިންޓް ހަމަކޮށްފައިވާއިރު އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ދެ ވަނައިގައި 15 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ނިއު ރޭޑިއަންޓެވެ. ޓީސީ އޮތީ 10 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެކަމަކު މި ބުރުގައި ޓީސީ އަށް އިތުރު މެޗެއް އޮތުމުން އެ ޓީމަށް ތިން ވަނައިގައި މި ބުރު ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.

ފުރަތަމަ ޑިވިޝަނަށް އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އިން ވަނީ މި މެޗުގައި ވެސް އެ ޓީމުގެ މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ. ޓީސީން ވެސް ރަނގަޅަށް ކުޅުނު ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗު ފަށައިގެން ޓީސީ އަށް ރަނގަޅަށް ހަމަޖެހިނުލެވެނީސް ގްރީން ސްޓްރީޓްސް އިން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ ތިން ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޔޫކްރޭން މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ ޖެހުމުން ގޯލަށް ވަނީ ޓީސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ.

އޭގެ ފަހުން 17 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރަން ޓީސީގެ ކެޕްޓަން އަލީ ނާފިއު އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭރިއާ ތެރެއިން އޭނާ ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ގޯލްކީޕަރު ޔުން ކޮޗީ މަތަކުރި އެވެ.

ދެން ފެނިގެން ދިޔައި އިލިއާގެ ނުރައްކާތެރި ދެ ހަމަލައެވެ. ދެ ބޯޅަ ވެސް ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން މަތަކުރި އެވެ. އެކަމަކު 45 ވަނަ މިނެޓުގައި އޭރިއާ ކަނުން އިލިއާ ފޮނުވާލި ބާރު ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ވައްދާލައި ގްރީން ސްޓްރީޓްސް އަށް ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގްރީން ސްޓްރީޓްސް އިން ތިން ވަނަ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އިބްރާހިމް ރިޒްހާން ޖެހި ބޯޅަ ޓީސީގެ މިސްރު ޑިފެންޑަރު އީސާ އެލްމަގްރަބީ ވަނީ ގޯލް ރޮނގު މަތިން މަތަކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 60 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު ގޯލް ކުރިމަތިން މުޅިން ހުހަށް ހުއްޓާ އޭނާ އަށް ލިބުނު ބޯޅަ ވެއްޓިގެންފައި ޖެހުމުން އަމާޒުވީ ގޯލް ދަނޑިއަށެވެ.

ޓީސީން މެޗުގެ ތެރެއަށް އަލުން ވަނީ 71 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (އިއްބެ) ޖެހި ގޯލާ އެކު އެވެ. ނާފިއު ޖައްސާލި ބޯޅަ އޭނާ ގޯލަށް ވައްދާލީ ބޮލުންނެވެ.

މި ގޯލަށް ފަހު ޓީސީން ކުރިއަށް ޖެހުނު ނަމަވެސް 80 ވަނަ މިނެޓުގައި ރިޒްހާން ވަނީ ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލް ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން އޭނާގެ ޕްލޭނާ އެއްގޮތަށް، ބުރަކޮށް މަސައްކަތްކުރި ކަމަށާއި އެތަން މެޗު ބެލި އެންމެންނަށް ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކާމިޔާބީގައި ވަކި ހާއްސަ ސިއްރެއް ނެތް. މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތް. ޓީމުތަކުން ބޭނުންނުކުރި ގިނަ ކުޅުންތެރިން މިތިބީ. އެ ކުޅުންތެރިން އެ ސާބިތުކޮށްދެނީ އެ ކުޅުންތެރިންގެ ފެންވަރު،" ސޮބާ ބުންޏެވެ. "ކުޅުންތެރިންގެ ކޮމިޓްމަންޓާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ."

އޭނާ ބުނީ ޓީސީ ފަދަ ވަރުގަދަ ޓީމެއްގެ އަތުން ލިބުނު މޮޅާ އެކު ދެ ވަނަ ބުރާ ކުރިމަތިލާއިރު ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުރީކޮޅު ވަން ގޯލާ އެކު، މެޗު އަނބުރާލަން ދެ ވަނަ ހާފުގައި ފުރުސަތު ލިބުނު ނަމަވެސް ފަހަތަށް ދިޔަ ފަސޭހަ ބޯޅައެއް ގޯލަށް ވަނުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"ޑިފެންސް ލައިން ތަންކޮޅެއް ޑިސް އޯގަނައިޒްކޮށް ފެނިގެން ދިޔައީ. މިއީ ކުރީކޮޅު ގޯލެއް ވަނުމުން ދިމާވި މައްސަލައެއް ނޫން. ޓީސީ އަކީ މި ސީޒަނުގައި ފަހަތުން އަރައި ލަނޑު ޖަހާ ޓީމެއް. މިއަދު ވެސް ފުރުސަތު ލިބުނު. އެކަމަކު ފަހަތަށް ދިޔަ ބޯޅައެއް ވަދެގެން މެޗު އަތުން ދިޔައީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ފަހަތުން ފަޅިއަކަށް ކުޅޭ މުހައްމަދު އައްޒާމް ނެތްތައް ދެއްކި ކަމަށާއި އޭނާ ނުކުޅުނީ ފުޓްސަލް އަށް ދޫކޮށްފައި ހުރުމުން ކަމަށެވެ.

"އަދި މި ބުރުގައި މެޗެއް އެބައޮތް. އިރާދަކުރެވިއްޔާ އެ މެޗު ނަގައިގެން ތިން ވަނައިގައި ޓީސީން މި ބުރު ނިންމާލާނީ،" ނިޒާމްބެ ބުންޏެވެ.