އިމްރާން، ގަލާޑޯ، ޖަމީލް އަދި މުއްކި ސަސްޕެންޑްކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މި މަހު ހަތް ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން އީގަލްސް 1-0 އިން މޮޅުވި މެޗަަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން އެ މައްސަލަތައް ބެލުމަށް ފަހު އެ ދެ ކްލަބަށް އަދަބުދީފި އެވެ.


އެފްއޭއެމުން އަދަބުދީފައިވަނީ ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ، ނެދަލެންޑްސް މިޑްފީލްޑަރު ޖަމީލް ލީފްލޭންގް، ސޮލާހު އަދި އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އާއި އެ ޓީމުގެ މުބީން އިބްރާހިމް (މުއްކި) އަށެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޯޑުގައިވާ ގޮތަށް މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ނިއުގެ ގަލާޑޯ އާއި ޖަމީލް އަދި އީގަލްސްގެ މުއްކި ދެ މެޗަށް ސަސްޕެންޑްކޮށް ކޮންމެ ކުޅުންތެރިއަކު 4000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ނިއުގެ އިމްރާނަށް ދިން އަދަބަކީ ދެ މެޗަށް ސަސްޕެންޑްކޮށް 2000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

އީގަލްސްގެ ނިމާދު (ނިމާ) ފަސް މެޗަށް ސަސްޕެންޑް ކުރިއިރު، 8000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ނިއުގެ ސޮލާ ވަނީ ހަ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.

ގަލާޑޯ އަށް އަދަބުދިނީ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާމްކުރި ވަގުތު މުއްކިގެ ހައްޓަށް ހަމަލާ ދިންކަން ސާބިތުވެ، ކުޅިވަރުގެ ރޫހާއި ހިލާފު އަމަލެއް ހިންގާފައިވާކަން ސާބިތުވުމުންނެވެ. މުއްކި އަށް ވެސް އަދަބު ދީފައިވަނީ ގަލާޑޯއަށް ހަމަލާދިނުމާއި ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގާފައިވާކަން ސާބިތުވުމުންނެވެ. ނިއުގެ ޖަމީލަށް އަދަބުދިނީ އީގަލްސްގެ އެސިސްޓަންޓް ކޯޗު އަަހުމަދު ޝާކިރު (ޝާކިއްޓެ) ގައިގައި ފައިން ޖެހުމުންނެވެ.

ނިއުގެ ކީޕަރު އިމްރާނަށް އަދަބު ދިނީ އޭނާގެ ސަބަބުން ހިނގައިދިޔަ ކަންތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމުންނާއި ދަނޑުގެ މަސްރަހު ހޫނުވުމަށް އޭނާގެ ސަބަބުން މަގުފަހިވެފައިވާތީ އާއި ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު ކުޅުންތެރިއެއްގެ ފަރާތުން މި ފަދަ އަމަލެއް ފެނުމުން ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

އީގަލްސްގެ ނިމާ އަށް އަދަބު ދިނީ ނިއުގެ ސޮލާހާއި ނިއުގެ ކީޕަރު އިމްރާނަށް ހަމާލާދީ ނިމާގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެފައިވާތީ އާއި ފުރަތަމަ ޑިވިޝަން ކޯޗެއްގެ މަގާމުގައި ހުރެ މި ފަދަ އަމަލެއް ހިންގާފައިވާތީ އެވެ.

ނިއުގެ ސޮލާހަށް އަދަބުދިނީ ޓީމު ލިސްޓުގައި ނެތި ދަނޑަށް އަރައި އީގަލްސްގެ މުއްކި އަށް ހަމަލާދީ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލެއް ހިންގާފައިވާތީ އާއި ސޮލާހުގެ ސަބަބުން އިތުރު ސަޕޯޓަރުންނަށް ދަނޑަށް އަަރަން މަގުފަހިވެފައިވާތީ އެކަމަށް ބެލުމަށް ފަހު އެވެ.

އެފްއޭއެމުން ބުނީ މައްސަލަ ބެލުމުގައި ތަފާތު ވަސީލަތްތައް ބޭނުންކޮށްފައިވާނެ ކަމަށެވެ. މި ގޮތުން މައްސަލަ ބެލުމަށް ރިއާޔަތް ކޮށްފައިވަނީ މެޗު ރިޕޯޓާއި ހިނގާދިޔަ ހާދިސާގެ ރިޕޯޓް، ރެފްރީގެ ނަތީޖާ ރިޕޯޓް، ދެ ޓީމުގެ ކުޅުންތެރިންގެ ލިސްޓު، އީގަލްސް އިން ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމް، ނިއު އިން ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމް، ނިއު އިން ހުށަހެޅި ސިޓީ، ހިނގާދިޔަ ހާދިސާގެ ރެކޯޑިން އަދި 2012 ވަނަ އަހަރު އެކުލަވާލި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑަށެވެ.

ނިއު އާއި އީގަލްސްގެ މުހިއްމު ކުޅުންތެރިން ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފައިވާއިރު، އަންނަ ހޮނިހިރު ދުވަހު މާލެ ލީގުގެ ދެ ވަނަ ބުރު ފެށުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ދެ ވަނަ ބުރުގައި ނިއު ކުޅޭ ފުރަތަމަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭ ވެލެންސިއާއާ ދެކޮޅަށެވެ. އަދި އީގަލްސް އާދިއްތަ ދުވަހު ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.