17 އަހަރަށް "ޝުކުރެއް ނެތް"، "ބޮޑުވީ އަދަބު"

އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން ނިއު ރޭޑިއަންޓް ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ދިން އަދަބަށް އިހުތިރާމްކުރާ ކަމަށާއި އެކަމަކު އެއީ އޭނާގެ އަމަލުތަކަށް ބިނާކޮށް ދީފައިވާ ސަސްޕެންޝަނެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.


އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އިމްރާން ދެ މެޗަށް ސަސްޕެންޑްކޮށް، 2000ރ. އިން ޖޫރިމަނާކުރީ، ދެ ކުޅުންތެރިއެއްގެ މެދުގައި ހިނގައިދިޔަ ކަންތައް ބޮޑު ހަމަނުޖެހުމަކަށް ވުމުގައި އިމްރާނުގެ ހިއްސާއެއް ވާ ކަމަށާއި، ދަނޑު މަތީގެ މަޝްރަހު ހޫނުކުރަން އިމްރާނުގެ އަމަލުތައް މަގުފަހިވެފައިވާތީ އާއި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުކަން 17 އަހަރަށް ވުރެ ގިނަ ދުވަހު ކޮށްފައިވާ އަދި ކުރިއަރަމުން އަންނަ ކުޅުންތެރިން މިސާލެއްގެ ގޮތުގައި ދެކެމުން އަންނަ ޝަހުސިއްޔަތެއްގެ ފަރާތުން އެފަދަ އަމަލެއް ފެނިފައިވާތީ ކަމަށް ބުނެފައިވެ އެވެ.

އެއަށް ރައްދު ދެމުން އިމްރާން ބުނީ 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލުތަކެއް ފެނުނު ކަމަށް އެފްއޭއެމުން ބުނެފައިވާއިރު، ވަކި އޭނާއަށް ވެގެން ދަނޑު މަތީގައި ތަފާތު ގޮތެއް ނޯންނަ ކަމަށެވެ.

"ހަމަ އެހެންމެ 17 އަހަރު ދުވަހު ގައުމީ ޓީމަށް ކުޅެ އޮފިޝަލްކޮށް ރިޓަޔާކޮށް އެފްއޭއެމަށް 2016، އޮކްޓޯބަރު 17 ވަނަ ދުވަހު ފޮނުވި ސިޓީއާ ބެހޭ ގޮތުން ސިޓީއެއް ވެސް އަދި ސޯޝަލް މީޑިއާ ޕޯސްޓެއް ވެސް ފެނިފައި ނުވުމަކީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ،" އިމްރާން ފޭސްބުކުގައި ލިޔެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ހުރިހާ ކްލަބްތަކާއި ކުޅުންތެރިންގެ ބެލެނިވެރި ފަރާތް ކަމަށްވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އޭނާ 17 އަހަރު ގައުމީ ޓީމަށް ކުޅެފައި ހުއްޓާލުމުން "ޝުކުރިއްޔާ" އޭ ވެސް ބުނެ ނުލެވުމަކީ ދިވެހި ފުޓްބޯޅައިގެ މިސާލު ދައްކަން ޖެހޭ ފަރާތުން ކަންކުރަން ޖެހޭ އެންމެ ރަނގަޅު ގޮތްތޯ ހިތުގައި ސުވާލު އުފެދޭ ކަމެކެވެ.

"އެހެންވެ ދެއްކި ހުއްޖަތަކީ އަޅުގަނޑަށް އެހާ ގަބޫލުކުރަން ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން އަޅާފައިވާ ފިޔަވަޅަކަށް ވާތީ އަޅުގަނޑު އެ ފިޔަވަޅަށް ފުރިހަމައަށް އިހުތިރާމްކޮށް ބޯލަނބާނެކަން ތި ހުރިހާ ސަޕޯޓަރުންނަށް ޔަގީންކޮށް އަރުވަމެވެ." ގަދަފަދަ ދެކުނު ކޮރެއާއާ އެއްވަރުކުރި މެޗާއި 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެެއް އަދާކުރި އިމްރާން ބުނެފައިވެ އެވެ.

އިމްރާން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ ތުހުމަތުތަކެއް ކުރެވޭ ވަރުގެ ކަމެއް، ﷲގެ ވާގިފުޅާ އެކު، އޭނާގެ ފަރާތުން ނުފެންނާނެކަމުގެ ޔަގީން ސަޕޯޓަރުންނަށާއި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެންމެންނަށް ދޭ ކަމަށެވެ.

"ދިވެހި ފުޓްބޯޅައަށް އަބަދުވެސް އެދެނީ އަދަށް ވުރެ ފެހި މާދަމާއެކެވެ،" އިމްރާން ބަޔާން ނިންމާލާފައިވެ އެވެ.

އެރޭގެ މެޗަށް ފަހު ހޫނުވީ ނިއުގެ އެޑްރިއަން ގަލާޑޯ އާއި އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާންކުރަނިކޮށް މުއްކި އާއި ނިއުގެ އެޑްރިއަން ގަލާޑޯއާ ދެމެދު ހިނގި ޒުވާބަކަށް ފަހު ފެނުނީ ގަލާޑޯ ދަނޑު މައްޗަށް ވެއްޓުނުތަނެވެ. އެ ވަގުތު އިމްރާން ވެސް ހިމެނޭ ގޮތަށް ނިއުގެ ގިނަ ކުޅުންތެރިންތަކެއް މުއްކި ވަށާލި އެވެ. އަދި ދެ ޓީމުގެ ކުޅުންތެރިންނާއި ބައެއް އޮފިޝަލުންނާ މެދު ހަމަލާތަކެއް ބަދަލުކުރި އެވެ. އެކަންތައްގަނޑު މައިތިރި ވުމަށް ފަހު، ދެން ހޫނުވީ އިމްރާން ދަނޑުން ފައިބަނިކޮށް އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ނިމާދު ގޮސް އިމްރާނު ގައިގައި ޖެހިގަތުމުންނެވެ. އެއާ އެކު އިމްރާން ވެސް ނިމާއާ ދިމާލަށް ދިޔަ އެވެ. އެކަމަކު ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް އިމްރާން ހުއްޓުވި އެވެ.

ޓަވަރޭސް ބުނީ ކެޕްޓަންގެ ހައިސިއްޔަތުން އިމްރާން ފުރަތަމަ ދިޔައީ ހަމަނުޖެހުން ހުއްޓުވަން ކަމަށާއި އެކަމަކު އޭގެ ބަދަލެއްގެ ގޮތުގައި ލިބުނީ އަދަބު ކަމަށެވެ.

ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މުއްކި އާއި ގަލާޑޯ އަދި ނިއުގެ ޖަމީލް ލީފްލޭންގް، ދެ މެޗަށް ސަސްޕެންޑްކޮށް 4000ރ. އިން ޖޫރިމަނާކުރުމަށެވެ. މުއްކި އަށް ގަލާޑޯ ހަމަލާ ދީފައިވާ ކަމަށާއި އަދި ގަލާޑޯ އަށް ވެސް މުއްކި ހަމަލާ ދިން ކަމަށް އަދި އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އަށް ޖަމީލް ހަމަލާދީފައިވާ ކަމަށް ޑިސިޕްލިނަރީ ކޮމިޓީއަށް ވަނީ ސާބިތުވެފަ އެވެ. އެކަމަކު ކުޅުންތެރިއަކަށް ހަމަލާދީފައިވާކަން އިމްރާނުގެ މައްޗަށް ސާބިތުވި ނުވި ނަމަވެސް އޭނާ އަށް ވެސް އައިސްފައިވާ އަނެއް ތިން ކުޅުންތެރިންނަށް އައިވަރުގެ ސަސްޕެންޝަނެކެވެ.

ކޮމިޓީން ވަނީ އީގަލްސްގެ ނިމާ ފަސް މެޗަށް ސަސްޕެންޑްކޮށް 8000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މީގެ އިތުރުން ނިއުގެ ސޮލާ އަށް ވަނީ ހަ މެޗުގެ ސަސްޕެންޝަނެއް ދީފަ އެވެ.

ނިއު އިން ވަނީ ޖަމީލް ފިޔަވައި އަނެއް ތިން ކުޅުންތެރިންގެ އަދަބުތައް އެޕީލްކޮށްފަ އެވެ. އެކަމަކު އެފްއޭއެމުގެ އެޕީލް ކޮމިޓީން ނިންމީ ޑިސިޕްލިނަރީ ކޮމިޓީން ދިން އަދަބުތައް ރަނގަޅު ކަމަށެވެ.