ބަންގްލަދޭޝް އަތުން ބަލިވެ ގަދަ ދޭއްގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ

ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން މިރޭ ބަންގްލަދޭޝް އަތުން 86-52 ޕޮއިންޓުން ބަލިވެ މުބާރާތުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނުނުގެ ފުރުސަތު ގެއްލިއްޖެ އެވެ.


މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ ހޯދި ރާއްޖޭން މި ފަހަރު އަމިއްލަ ގައުމުގައި މުބާރާތާ ކުރިމަތިލީ އެ ކާމިޔާބީ ތަކުރާރުކުރުމަށެވެ. ފުރަތަމަ މެޗުގައި ގަދަގަދަ އިންޑިއާ އަތުން ބަލިވި ނަމަވެސް ވަރުގަދަ ފައިޓެއް ދިނެވެ. ދެ ވަނަ މެޗުން ރޭ ރާއްޖެ ބަލިވީ، ފެންވަރުގެ ގޮތުން ދާދި ހަމަހަމަ ނޭޕާލް އަތުން ހަނި ގޮތަކަށެވެ. ރާއްޖެ އަށް ބާކީ އޮތީ އަންގާރަ ދުވަހު ކުޅޭ ސްރީ ލަންކާ މެޗެވެ. ރާއްޖެ އަށް ތިން ވަނަ ހޯދުމަށް އޮތީ ވެސް ހަނި ފުރުސަތެކެވެ.

މިރޭގެ މޮޅާ އެކު ބަންގްލަދޭޝް ވަނީ ދަށް ވެގެން މުބާރާތުގެ ދެ ވަނަ މަގާމް ކަށަވަރުކޮށްފަ އެވެ. ތިން މެޗުން ހޯދި ތިން މޮޅާ އެކު ހަ ޕޮއިންޓާ އެކު އެ ޓީމު މި ވަގުތު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ދެ މެޗު ކުޅެފައިވާ އިންޑިއާ އެވެ. ދެ މެޗު ކުޅެފައިވާ ނޭޕާލާއި ތިން މެޗު ކުޅެފައިވާ ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ދެ މެޗު ކުޅެފައިވާ ސްރީ ލަންކާ އޮތީ ދެ ޕޮއިންޓާ އެކު ފުލުގަ އެވެ.

ރާއްޖޭގެ އެސިސްޓަންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލި) ބުނީ ބަންގްލަދޭޝްގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވިއިރު އެ ޓީމުގެ އައުޓް ސައިޑް ޝޫޓިން ދަށް ކަމަށާއި މި ފަހަރު އެބައި ރަނގަޅުކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ.

"ޒިލާ އާއި ޒަކިއްޓެ އަކީ ލޯކަލް މެޗުތަކުގައި ޕްރެޝަރުގައި ވެސް ކޮންމެ ހަތަރު ބޯޅައަކުން ދެ ބޯޅަ ނުވަތަ ތިން ބޯޅަ ވައްޓާލާ ކުޅުންތެރިން. އެކަމަކު މިރޭ ދިޔައީ އެކަން ނުވެ. ނަސީބު ވެސް ދެރަވީ. އަދި އެގޮތަށް ދާ ކޮންމެ ފަހަރަކު ބަންގްލަދޭޝް އިން ފުރުސަތުގެ ބޭނުން ހިފި،" އިއްލި ބުންޏެވެ.

އޭނާ ބުނީ ތިން މެޗުން ބަލިވި ނަމަވެސް އަޒުމަށް ބަދަލެއް ނާންނަ ކަމަށާއި ފަހު މެޗުގައި ލަންކާ ބަލިކުރަން ބޭނުންވާ ކަމަށެވެ.

ބަންގްލަދޭޝްގެ ކޯޗު މުހައްމަދު މިޒަނުރް ރަހްމާން ވެސް ވަނީ އެ ޓީމުގެ އައުޓްސައިޑް ޝޫޓިންގެ ބައި ރަނގަޅުވިކަން ފާހަގަކޮށްފަ އެވެ. އޭނާ ބުނީ އިންޑިއާ ކިތަންމެ ވަރުގަދަ ނަމަވެސް ދޫނުދޭނެ ކަމަށާއި މުބާރާތަށް އައީ ރިހި މެޑެއްޔަކުން ފުއްދާލަން ނޫން ކަމަށެވެ.

"އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދަން ނުކުންނާނީ،" އޭނާ ބުންޏެވެ.

ބަންގްލަދޭޝްގެ ސޮޔާބް ޕޮޓަށް ބޯޅަ ވައްޓާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭގެ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރުގައި ބަންގްލަދޭޝް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައިވަނިކޮށް ރާއްޖޭން ފަހަތުން އަރައި ކުރި ހޯދި އެވެ. އެކަމަކު ބަންގްލަދޭޝް އިން އަލުން ކުރި ހޯދައި ނެގި ލީޑާ އެކު ފުރަތަމަ ކުއާޓަރު ނިންމާލީ 12-9 އިން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓަރު ފަށާއިގެން ބަންގްލަދޭޝް އިން ހަތް ޕޮއިންޓަށް ތަފާތު ބޮޑުކުރި އެވެ. މި ކުއާޓަރުގައި ބަންގްލަދޭޝް ފެނިގެން ދިޔައީ މާ ވަރުގަދަކޮށެވެ. މި ކުއާޓަރު އެ ޓީމުން ނިންމާލީ 41-17 ޕޮއިންޓުން ބޮޑު ތަފާތަކާ އެކު އެވެ. ތިން ވަނަ ކުއާޓަރުގައި ވެސް ބަންގްލަދޭޝް އިން ތަފާތު ބޮޑުކުރި އެވެ. މި ކުއާޓަރުގައި ރާއްޖޭން ފުރަތަމަ ބާސްކެޓް އެޅީ ވެސް، ބަންގްލަދޭޝް އިން 55 ޕޮއިންޓް އެއްކޮށްފައި ވަނިކޮށެވެ. އޭގެ ފަހުން ކެޕްޓަން މުހައްމަދު ޒިލާލް ތިން ޕޮއިންޓް ހޯދައިދިނެވެ. ތިން ވަނަ ކުއާޓަރު ބަންގްލަދޭޝް ނިންމާލީ 59-26 ގެ ބޮޑު ތަފާތަކާ އެކު އެވެ.

ފަހު ކުއާޓަރުގައި ރާއްޖެ ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ބަންގްލަދޭޝް އަތުގައި އޮތް ބޮޑު ލީޑާ އެކު އެ ޓީމުން ޑިފެންސްކުރި އިރު ރާއްޖޭން ވަނީ މި ކުއާޓަރުގައި 26 ޕޮއިންޓް ހޯދައިފަ އެވެ. ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) ގެ ކުޅުން މި ކުއާޓަރުގައި ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އެކަމަކު ދޭތެރެ އަކުން ކުރިއަށް ޖެހިލައި ބަންގްލަދޭޝް އިން ވައްޓާލި ޕޮއިންޓްތަކާ އެކު އެ ޓީމުން ވަނީ 86-52 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި ބަންގްލަދޭޝްގެ ތަފާތަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަމްސުއްޒަމާން (ސޮޔާބް) އެވެ. އޭނާ ވަނީ 31 ޕޮއިންޓް އެއްކޮށްފަ އެވެ. އެ ޓީމުގެ ކުމާރު ބިސްވާސް 17 ޕޮއިންޓް ހޯދިއިރު ރަހްމާން އަޓައުރް ވަނީ 13 ޕޮއިންޓް އެއްކޮށްދީފަ އެވެ.

ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ، އަށް ޕޮއިންޓާ އެކު ޗިކު އެވެ. އަހުމަދު ޒަބީރާއި އަލީ ފަޒްލީ، ކޮންމެ ކުޅުންތެރިއަކު ހަތް ޕޮއިންޓް ހޯދައިދިނެވެ.

މުބާރާތުގައި މާދަމާ ހަވީރު އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު މާދަމާރޭ އޮންނާނީ ސްރީ ލަންކާ އާއި ނޭޕާލުގެ މެޗެވެ. އަންގާރަ ދުވަހު ހަވީރު ނޭޕާލާއި އިންޑިއާ ވާދަކުރާއިރު ފަހު މެޗުގައި އެރޭ ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.