ރޯދަމަހު ފައިދާ ބޮޑީ ބިދޭސީ ކުޅުންތެރިން ގިނަ ޓީމުތަކަށް: ސުޒޭން

ރޯދަ މަހު މެޗުތައް ކުޅޭއިރު އެޑްވާންޓޭޖް ބޮޑީ ބިދޭސީ ކުޅުންތެރިން ގިނަ ޓީމުތަކަށް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ސުޒޭން ބުނީ ރޯދަމަހު ބިދޭސީ ކުޅުންތެރިންގެ އެފޯޓް ބޮޑުވާނެ ކަމަށެވެ.

"މާޒިޔާ ވިޔަސް އަދި އެހެން ޓީމަކަށް ވިޔަސް ބޭރު ތިނެއް ނުވަތަ ހަތަރު ކުޅުންތެރިން ތިބޭއިރު ރޯދަ މަސް ތެރޭ އެ މީހުންގެ އެފަޓް ވަރުގަދަވާނެ. ބޭރު ގިނަ މީހުން ތިބޭ ޓީމަކަށް އެ އެޑްވާންޓޭޖް އެބައޮތް. މިދިޔަ އަހަރު ވެސް ރޯދަ މަސް ތެރޭ މިގޮތަށް މެޗުތައް ދިޔައީ،" ސުޒޭން ބުންޏެވެ.

ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑް ވިކްޓަރީން ލީޑު ނެގިއިރު މާޒިޔާ އިން އެއްވަރުކުރީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓުގަ އެވެ. ސުޒޭން ބުނީ މެޗުގެ ކުރީކޮޅު ލަނޑެއް ވަނުމާ އެކު އޭނާގެ ޓީމަށް އުނދަގޫވެގެން ދިޔަ ކަމަށެވެ.

"ފަހު ހާފުގައި ވަރަށް ބޮޑަށް ރިކަވާވި. ޗާންސް ވެސް ހޯދައި ރަނގަޅަށް ކުޅުނު. އެކަމަކު ލަނޑެއް ނުޖެހި ދިޔައީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މި ނަތީޖާ އިން ވަރަށް ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި އޭގެ ފައިދާ ފަހުން ނެގޭނެ ކަމަށެވެ.

"ޕޮޒިޓިވް ކަންކަން އިތުރަށް ޑިވެލޮޕްކޮށް ގޯސްކޮށް ދިޔަ ކަންކަން ރަނގަޅުކުރާނަން. އެގޮތަށް ބަލާއިރު އެޑްވާންޓޭޖް ނެގޭނެ މި ނަތީޖާއިން،" ސުޒޭން ބުންޏެވެ.