އީގަލްސްގެ މި ފަހަރުގެ އަމާޒަކީ ވެސް ނިއު ބަލިކުރުން

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ހާލަތު ތަފާތު ވިޔަސް ނިއު ރޭޑިއަންޓް ބަލިކުރެވޭނެ ކަމަށް އެ ޓީމަށް ދެކޮޅަށް ކުޅޭ އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.


އީގަލްސް އިން ވަނީ ލީގުގެ ފުރަތަމަ ބުުރުގައި 1-0 އިން ނިއު އަތުން މޮޅުވެފަ އެވެ. އޭގެ ފަހުން އީގަލްސްގެ ފޯމު ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފަ އެވެ. ނިއު އިން އީގަލްސްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނުއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ ބެނާޑޯ ޓަވަރޭސް އެވެ. މިރޭގެ މެޗަށް ނުކުންނައިރު، ނިއު އަށް އިރުޝާދުދޭނީ އޮސްކާ ބްރުޒޮން އެވެ.

"ނިއު ރޭޑިއަންޓަކީ އަޅުގަނޑުމެންނަށް ބަލިނުކުރެވޭނެ ޓީމެއް ނޫން. ފުރަތަމަ ބުރުގައި ވެސް އެކަން ފެނިއްޖެ. އޭރާއި މިހާރާއި ނިއު ރޭޑިއަންޓް ވެސް އީގަލްސް ވެސް ތަފާތު. އެކަމު އަދިވެސް ނިއު އަތުން މޮޅުވެވޭނެ،" ސާންތީ ބުންޏެވެ.

އޮސްކާ ހަވާލުވި ފަހުން ނިއު އިން ކުޅުނު ދެ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން މޮޅުވިއިރު، ވިކްޓަރީއާ 1-1 އިން ވަނީ އެއްވަރުވެފަ އެވެ. ސާންތީ ބުނީ މި ދެ މެޗަށް ބެލިޔަސް ނިއުގެ ކުޅުން ބަދަލުވެފައިވާ ކަމަށެވެ.

"އާ ކޯޗާ އެކު ނިއުގެ ކުޅުން ބަދަލުވެއްޖެ. ބޯޅަ ތިރީގައި ބާއްވައިގެން ކުޅެން އުޅޭތަން ފެނޭ. ކޯޗެއް އައިސް ހަވާލުވާއިރު އުނދަގޫތަކެއް ހުންނާނެ ވަގުތުތަކެއް ބޭނުންވާނެ. އެކަމު ގަބޫލުކުރަން ޖެހޭ ނިއުގައި އޮތީ ނަތީޖާ ނެރެވޭ ފެންވަރުގެ ޓީމެއްކަން،" ސާންތީ ބުންޏެވެ.

"ވިސްނައިފިއްޔާ އެޑްވާންޓޭޖް ތަކެއް ނެގިދާނެ. އެއީ ކޮންމެ އަކަސް އާ ކޯޗެއް އައިސްފިއްޔާ ހުންނާނެ ޓެކްނިކަލީ ވެސް އުނދަގޫތަކެއް. އަދި އޭނަ ބޭނުންވާ ގޮތަށް ރާވާލަން ވެސް ބޭނުންވާނެ."

އީގަލްސް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ އެއްވަރަށް 12 މެޗުން 21 ޕޮއިންޓާ އެކު އެވެ. އީގަލްސް މިރޭ ނިއުއާ ދެކޮޅަށް ނުކުތުމުގެ ކުރިން ގްރީން ސްޓްރީޓްސް މިއަދު ހަވީރު ކުޅޭނީ މާޒިޔާއާ އެވެ. ފަހު މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުމުގެ ކުރިން ސާންތީގެ ވިސްނުން ހުރީ މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމެވެ.

"ގްރީން ސްޓްރީޓްސް މެޗަށް ދިއުމުގެ ކުރިން އަޅުގަނޑުމެން އެބަ ބޭނުންވޭ މި ތިން ޕޮއިންޓް. އަޅުގަނޑުމެން އެ މެޗުގެ ކުރިން އެބަ ބޭނުންވޭ ޕްރިމިއާ ލީގަށް ވަންނަން،" ސާންތީ ބުންޏެވެ.

މެޗަށް ތައްޔާރުވާން ލިބުނީ ތިން ދުވަސް ކަމަށާއި މި މުއްދަތު ތެރޭގައި ނިއު ކަހަލަ ޓީމަކާ ދެކޮޅަށް އެންމެ ރަނގަޅަށް ތައްޔާރުވެގެން ނުކުންނަން އުނދަގޫތަކެއް އެބަހުރި ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

"ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ވަކި ގޮތަކަށް މި ރާވަން ޖެހެނީ. ދެން ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އެބައޮތް ކުޅުންތެރިންނަށް ވަރުބަލިކަމުގެ މައްސަލަތައް ވެސް އީގަލްސް އަކީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅަށް ކުޅެމުންދާ ޓީމެއް. މީގެ ކުރިން ޕާފޯމް ކުރި ވަރަށް ވުރެ ރަނގަޅަށް ކުޅެ ނިއު ރޭޑިއަންޓަށް ރަނގަޅު ފައިޓެއް ދޭނެ އީގަލްސް އިން،" އޭނާ ބުންޏެވެ.

ލީގު މެޗެއްގެ ތެރެއިން ނިއު ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަހު ދެ މެޗަށް ނުކުންނައިރު އީގަލްސް އަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އެ ޓީމުގެ ރޫހު ރަނގަޅުވުން ކަމަށާއި ޓީމުގައި ހުރި މައްސަލަތަކަށް ވުރެ ބޮޑަށް ކުޅުންތެރިން ކްލަބަށް އިސްކަންދޭތީ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

"ކުޅުންތެރިންގެ ރޫހު ރަނގަޅު. އަދި ކުޅުންތެރިން ވެސް ތިބީ މިކަން ކުރާ ހިތުން. އެއީ ޓީމު ތެރޭގައި އެބަހުރި އެހެން ޓީމުތަކުގައި ވެސް ހުރި ކަހަލަ މައްސަލަތައް. އެ ކަންތައް ވެސް ހަނދާން ނައްތާލާފައި އީގަލްސް ކުޅުންތެރިން ވެސް ތިބީ ރަނގަޅު ރޫހެއްގައި ޓީމަށް ކާމިޔާބު ހޯދައިދޭން،" ސާންތީ ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗަށް އީގަލްސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ މުޖުތާޒް މުހައްމަދު (މުޖޭ) ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމަކީ ލިބުނު ހީނަރުކަމެއް ކަމަށާއި އެ މަގާމަށް މިރޭ ކުޅޭނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށެވެ.

ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ އޮސްކާ ހަވާލުވުމަށް ފަހު މަސައްކަތް ކުރަނީ ނިއުގެ ގޭމް ޕްލޭން ބަދަލުކޮށް މީހުން ބަލާހިތްވާ ކަހަލަ ކުޅުމެއް ދެއްކުމަށް ކަމަށެވެ.

"އާ ކޯޗު (އޮސްކާ) އައިސް މީޑިއާ އަށް ވެސް ހިއްސާ ކޮށްފައި އޮތީ އޭނާ މަސައްކަތެއް ކުރާ ވާހަކަ. ނިއުގެ ގޭމް ޕްލޭން ބަދަލުކޮށްލާ ސްޓައިލް ވެސް ބަދަލުކޮށްލަން. ދެން ކޮންމެ ވެސް ވަރަކަށް ނަތީޖާގެ ވާހަކަތަކެއް ވެސް ދެއްކި. މި ވަގުތު އެހާ މުހިއްމު ކަމެއް ރިޒަލްޓަށް ނުދެކޭ ކަމަށް. އެކަމު ނިއުގައި އޮތީ ނަތީޖާ ހޯދޭނެ ފެންވަރުގެ ސްކޮޑެއް،" ސަމްޕަތު ބުންޏެވެ.

ފުރަތަމަ ބުރުގައި އީގަލްސް އަތުން ބަލިވެފައި އޮތުމުން ނިއު އިން މި މެޗަށްދޭ ސަމާލުކަން އިތުރުވާނެ އެވެ. ސަމްޕަތު ބުނީ ނިއު އަކީ ފަސޭހައިން ބަލިވާން ބޭނުންވާ ޓީމެއް ނޫން ކަމަށެވެ.

"ނިއު އިން އަބަދުވެސް މަސައްކަތް ކުރާނެ މޮޅުވާން. އެއީ ނިއު ރޭޑިއަންޓަކީ އެހާ ފަސޭހައިން ބަލިވާން ބޭނުންވާ ބައެއް ނޫން. އެކަން އެނގޭނެ ނިއުގެ ތާރީހަށް ވެސް ބަލާލީމަ،" ސަމްޕަތު ބުންޏެވެ.

އީގަލްސް އަކީ ވެސް ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި ނިއު އިން އެކަމަށް ތައްޔާރުވާނެ ކަމަށް ސަމްޕަތު ވަނީ ފާހަގަކޮށްފަ އެވެ.

"ސާންތީ ޕްރޮޖެކްޓެއް ހިންގާ ވާހަކަ ވެސް ހާމަކޮށްފައި އޮތީ. އީގަލްސް އަކީ ވެސް ޕާސިން ގޭމެއް ކުޅޭ ޓީމެއް. ގާތްގަނޑަކަށް ނިއު ވެސް މިދަނީ އެކަހަލަ ގޭމަކަށް. އަޅުގަނޑުމެންނަށް މި އުޅެނީ ހައި އިންޓެންސިޓީ ގޭމެއް ނުކުޅެވިގެން މި އުޅެނީ،" ސަމްޕަތު ބުންޏެވެ.

އޭނާ ބުނީ ނިއުގެ ކުޅުންތެރިންގެ ފިޓްނަސް މިހާރު ހުރި ލެވެލަށް ބަލާއިރު ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ އުނދަގޫތަކެއް އެބަހުރި ކަަމަށެވެ.

"އަނިޔާގެ މައްސަލަތައް އެބަހުރި ކޮންމެވެސް ވަރެއްގެ މައްސަލައެއް. ފިޓްނަސް ލެވެލް ރަނގަޅެއް ނޫން. ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން މިދަނީ،" ސަމްޕަތު ބުންޏެވެ.

ނިއު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.