މިސްކިތްމަގަށް އެއް ވަނަ، ޕޮލިހާއި ފުނާޑު ސެމީ އަށް

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕް އަންހެން ވޮލީބޯޅަ މުބާރާތުގެ ލީގުގެ ބުރު އެއް ވަނަ މަގާމް ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ހޯދިއިރު އެ ޓީމާ އެކު ސެމީ ފައިނަލުން ޕޮލިސް ކްލަބާއި ފުނާޑު ކްލަބް ފްރެންޑްސް ޖާގަ ހޯދައިފި އެވެ.


މިސްކިތްމަގު އެއް ވަނަ ކަށަވަރުކުރީ ފަހު މެޗުގައި އިއްޔެ ދަ ފޭދޫ ސްޕޯޓްސް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް މިސްކިތްމަގުން ކާމިޔާބުކުރީ 25-20، 25-17 އަދި 25-14 އިންނެވެ. މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މިސްކިތްމަގު ޓީމުގެ އައިޝަތު މާޖިދާ އެވެ.

މިސްކިތްމަގު އެއް ވަނަ ހޯދީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު ޕޮލިސް އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ފުނާޑު ކްލަބް ފްރެންޑްސް އެވެ.

ފުރަތަމަ ސެމީގައި މިސްކިތްމަގު ބައްދަލުކުރާނީ ލީގު ބުރުގެ ދެ ވަނަ ޓީމާ އެވެ. ދެ ވަނަ ލިބޭނީ ޕޮލިހާއި ފުނާޑުގެ ތެރެއިން ޓީމަކަށެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ޕޮލިސް ނުވަތަ ފުނާޑުގެ ތެރެއިން ޓީމަކާއި ލީގު ބުރުގެ ހަތަރު ވަނަ ޓީމެވެ. އެ މެޗުން ބަލިވާ ޓީމެއް ކަޓާއިރު މޮޅުވާ ޓީމަކަށް ޖެހޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ޕޮލިހާއި ފުނާޑު ވާދަކުރާއިރު ހަތަރު ވަނަ އަށް ވާދަކުރަނީ ދަ ފޭދޫ ސްޕޯޓްސް އާއި ފޭދޫ ޔޫތު ކޮމިއުނިޓީ އަދި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ އެވެ.

މިއަދު ހަވީރު ފޭދޫ ޔޫތު ކޮމިއުނިޓީ އަތުން ޕޮލިސް މޮޅުވިޔަސް ނުވަތަ ފަސް ސެޓުން ބަލިވި ނަމަވެސް އެ ޓީމަށް ދެ ވަނަ ކަށަވަރުވެ ފުނާޑަށް ތިން ވަނަ އަށް ދާނެ އެވެ.

މި ވަގުތު ހަތަރު ވަނައިގައި ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ދަ ފޭދޫ އޮތްއިރު ފަސް ވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާ އެކު އޮތީ ފޭދޫ ޔޫތު ކޮމިއުނިޓީ އެވެ. ހަ ވަނައިގައި ހަތަރު މެޗުން އެއް ޕޮއިންޓާ އެކު އޮތީ ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާ އެވެ.

ދެ ވަނަ، ތިން ވަނަ އަދި ހަތަރު ވަނަ ޖާގަ ކަށަވަރުވާނީ މިއަދު ދަ ފޭދޫ އާއި ވިލިނގިލި އަދި ޕޮލިހާއި ފޭދޫ ޔޫތު ކޮމިއުނިޓީ ކުޅޭ މެޗުތަކަށް ފަހު އެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް ބުދަ ދުވަހު ހަވީރު ކުޅޭއިރު ދެ ވަނަ ސެމީ ފައިނަލް އޮންނާނީ އެރެ އެވެ. ތިން ވަނަ ސެމީ ފައިނަލް ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭ އެވެ.