މައިޒާން އަލިބެ އަށް ބައިނަލްއަގްވާމީ ޝަރަފެއް

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މައިޒާން އަލިމަނިކު (މައިޒާން އަލިބެ)ގެ ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.


ލަންޑަންގައި ރޭ އޮތް އައިއޭއޭއެފްގެ ކޮންގްރެސްގައި، ދިގު މުއްދަތަކަށް އެތުލެޓިކްސް އަށް ހިދުމަތް ކޮށްދެއްވި ފަރާތްތަކަށް ދެއްވާ ވެޓެރަންސް ޕިން ވަނީ އަލިބެއާ ހަވާލުކޮށްފަ އެވެ. މިއީ އެތުލެޓިކްސް ދުނިޔޭގެ ފެޑެރޭޝަނުން ދިވެއްސެއްގެ ހިދުމަތުގެ އަގުވަޒަންކުރި ފުރަތަމަ ފަހަރެވެ.

މައިޒާން އަލިބެ އަކީ ރާއްޖޭގެ އެތުލެޓިކްސް އަށް އެންމެ ބޮޑު ހިދުމަތްތައް ކޮށްދެއްވި އެއް ފަރާތެވެ. އޭނާ އަކީ ރާއްޖެ އަށް ބައިނަލްއަގްވާމީ މުބާރާތަކުން މެޑެއްޔެއް ގެނައުމުގެ ދުރު ވިސްނުމުގެ ޕްލޭނެއް އެންމެ ފުރަތަމަ ހެއްދެވި ފަރާތެވެ.

މައިޒާން އަލިބެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް ހުރިއިރު ރާއްޖޭގެ ޒުވާން އެތުލެޓިކްސް ޓީމުން ވަނީ 2007 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި މެޑެލް ހޯދައިފަ އެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް އެތުލެޓިކްސް އިން ހޯދުނު ފުރަަތަމަ މެޑެއްޔެވެ.

އޭގެ ފަހުން އަލިބެގެ ޕްލޭންގެ ދަށުން ރާއްޖޭގެ ސްޕްރިންޓް ރިލޭ ޓީމު ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދައިފަ އެވެ. މި މުބާރާތުގައި މެޑެލް ހޯދުމުގެ އެންމެ ކްރެޑިޓް ބޮޑު ފަރާތަކީ މައިޒާން އަލިބެ އެވެ. މިއީ ބައިނަލްއަގްވާމީ އެތުލެޓިކްސްގައި ރާއްޖޭގެ ކާމިޔާބީގެ ފެށުމެވެ.