ވެޓެރަންސް ކަޕް: ނިއު އާއި މާޒިޔާ ސެމީ އަށް

ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 4-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.


ނިއު ސެމީން ޖާގަ ހޯދީ ކުޅުނު ދެ މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ މާޒިޔާ އެވެ. އެ ޓީމަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލަށް ދިޔައީ ޕޮއިންޓެއް ނުލިބި ޔުނައިޓެޑް ވިކްޓަރީ އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް އައްޔަ އަށެވެ. ނިއުގެ އަނެއް ލަނޑު ޖެހީ މުހައްމަދު ޒިޔާދު އެވެ.

މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ނިއުގެ އަބްދުﷲ ޝިފާއު އަށެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ވެލެންސިއާ ކުޅޭނީ މާޒިޔާއާ އެވެ. ދެ ވަނަ ސެމީގައި ބުރާސްފަތި ދުވަހު ނިއު ރޭޑިއަންޓް ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.