ފައިނަލުގެ ފުރުސަތު އަނަންތާރާ ބޮޑުކޮށްފި

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމުގެ ފުރުސަތު އަނަންތާރާ ކިހާވަށް ވިލާސް އިން ބޮޑުކޮށްފި އެވެ.


އަނަންތަރާ ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ގްރޭންޑްޕާކް ކޮއްދިއްޕަރު އަތުން ފަސޭހަ މޮޅެއް ހޯދައިފި އެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ވާދަވެރިކޮށް ދިޔަ ފުރަތަަމަ ސެޓުން އަނަންތަރާ މޮޅުވީ 31-29 އިންނެވެ. ދެ ވަނަ ސެޓާއި ތިން ސެޓު ގެންދިޔައި 25-17 އަދި 25-21 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި ފަހަރުގެ މުބާރާތުގައި އަނަންތަރާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ކުޑަކާއްޓޭ އަކީ މިދިޔަ އަހަރު ބަނޑޮސް އަށް މި މުބާރާތް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

މި ދެ ޓީމު ކުޅޭ ސެމީ ފައިނަލް ދެ ވަނަ ލެގުގެ މެޗު އޮންނާނީ މާދަމާ ހަވިރު އަނަންތަރާގަ އެވެ. މިއަދު ހަވީރު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި ސޮނޭވާފުއްޓާއި ބަނޑޮސް ބައްދަލުކުރާ މެޗު އޮންނާނީ ބަނޑޮހުގަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ގަވައިދަށް ވީއޭއެމުން ވަނީ ބަދަލު ގެނެސްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ އެއް ޓީމަކަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިންގެ އަދަދު މަދުކުރުމެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހު އެވެ.