ގްރީންސްޓްރީޓްސް އިން އެދުނީ ރެފްރީ ބަދަލުކުރަން: ސޮބާ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަކުރަން ގްރީންސްޓްރީޓްސް އިން ދެކޮޅު ނަހަދާ ކަމަށާއި އެ ކްލަބުން އެދުނީ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދާ ބަދަލުކޮށްގެން ކުރިއަށްގެންދަން ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.


މާޒިޔާ 1-0 އިން ކުރީގައި އޮއްވާ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ އެ ޓީމުގެ ސޮބުލް އިލިއާ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެންނެވެ. އިލިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ނުދެއްކެނީސް އެ ޓީމުގެ ޝައްފާޒް މުހައްމަދު (ސައްޕޭ) މައްސަލަ ޖައްސަމުން ރެފްރީ ފަހަތުން ދުވަން ފެށުމުން ރެފްރީ ފަހަތަށް ޖެހެމުން ގޮސް ދަނޑުން ފޭބި އެވެ. އެތަނުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލައިގެން ނުރުހުން ފާޅުކުރިއިރު މެޗު ކުރިއަށްނުގެންދެވޭނެ ކަމަށް މެޗު ކޮމިޝަނަރު ނިންމީ އެގޮތުގައި ތިރީހަކަށް މިނެޓު ދިޔަ ފަހުންނެވެ.

"އަޅުގަނޑުމެން މެޗު ކުޅެން ދެކޮޅު ހެދީއެއް ނޫން. ވަރަށް ގިނަ ބަޔަކު އެ ވާހަކަ އޮޅުވާލައިގެން އެބަ ފަތުރާ. އެ ރެފްރީގެ ވަރަށް ގިނަ މައްސަލަތަކެއް ހުރެ އެކަންތައް އަޅުގަނޑުމެން އެފްއޭއެމް އަށް ހުށަހަޅާފައިވާތީ އޭނާ އަރުވައިގެން މެޗު ކުރިއަށްގެންދަން އަޅުގަނޑުމެން ދެކޮޅު ހެދީ. އަޅުގަނޑުމެންގެ އެދުނިން އެހެން ރެފްރީއަކު އަރުވައިގެން ކުޅެން ވެސް. އަޅުގަނޑުމެން ދަނޑުން ފައިބައިގެން ޗޭންޖިން ރޫމަށް ދިޔައީ ވެސް މެޗާ މެދު ދެން ގޮތެއް ނިންމާނީ ކޮމިޓީން ކަމަށް މެޗު ކޮމިޝަނަރު ބުނީމާ،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗާއި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީ ނިއުޝާދުގެ ފަރާތުން ވަރަށް ގިނަ މައްސަލަތަކެއް ފެނުނު ކަމަށާއި އެކަމާ ގުޅޭގޮތުން އެފްއޭއެމަށް ރަސްމީކޮށް ޝަކުވާކޮށްފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭނާ ދެން ބޭނުންނުކުރަން އެފްއޭއެމުން ނިންމިކަމަށް އެނގިފައިވާ ކަމަށް ވެސް ސޮބާ ބުންޏެވެ.

"އެކަން އެހެން އޮއްވާ މި މެޗުގައި ވެސް އޭނާ ލައިންސްމަނަށް ހުރި. ދެން ފުރަތަމަ ހާފުގައި މެދަށް އެރި ރެފްރީ އަށް އަނިޔާވެގެން އޭނާ ދެ ވަނަ ހާފުގައި މި އެރުވީ. އަރުވައިގެން އަޅުގަނޑުމެންގެ އެންމެ ރަނގަޅަށް ކުޅެކުޅެ ހުރި ކުޅުންތެރިއާ އަށް މި ކާޑު ދެއްކީ. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ދައްކަން ޖެހޭ ކާޑެއް ދެއްކިޔަސް. އަޅުގަނޑުމެންގެ ކުޅުންތެރިއަކަށް ދެއްކި ކާޑަކާ ގުޅިގެން އިލިއާ އޭނާގެ ރަށު ބަހުން މި އެހީ ކީއްވެހޭ ކާޑު ދެއްކީ. އެހެން އެހީމާ މި ދެއްކީ ކާޑު. އޭނާ އަށް ނުބުނެވުނު ކާޑު ދެއްކީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ މެޗު ނުކުޅުނީ މާޒިޔާ ދެކެ ބިރުން ނޫން ކަމަށާއި މިއަދު ވެސް މާދަމާ ވިޔަސް ގްރީންސްޓްރީޓްސް އޮތީ މެޗު ކުޅެން ތައްޔާރަށް ކަމަށެވެ. އަދި އެ މެޗުގައި އެކަން ދިމާވި އިރު ވެސް ގްރީންސްޓްރީޓްސް އިން އައީ މެޗު ޑޮމިނޭޓްކޮށް އެޓޭކްކުރަމުންކަން ވެސް ސޮބާ ފާހަގަކުރި އެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި މައްސަލައަކަށްވީ އޭނާ ރެފްރީއަކަށް ހުރުން. އޭނާ ބަދަލުކޮށްދޭން އެދުނިން. އެރޭ 12 ޖެހިޔަސް އަޅުގަނޑުމެން ތިބީ އެހެން މީހަކު އަރުވައިގެން މެޗު ކުޅެން ތައްޔާރުގައި،" މާލޭ ލީގުގެ ދެ ވަނަ ހޯދި ޓީމުގެ ކޯޗު ބުންޏެވެ.

ސޮބާ ބުނީ މެޗާ މެދު ގޮތެއް ނުނިމެނީސް އެފްއޭއެމުން ރެފްރީ ސަސްޕެންޑްކޮށް އަދި ރެފްރީސް ޑިޕާޓްމަންޓުގެ އިސްވެރިއާ އަހުމަދު އަމީޒް މަގާމުން ވަކިކުރުމުން ދައްކުވައިދެނީ ވެސް ރެފްރީއާ މެދު ގިނަ ބަޔަކު ޝަކުވާކޮށްފައިވާކަން ކަމަށެވެ.

"ވަރަށް ގިނަ ކްލަބްތަކަކުން ޝަކުކޮށްފައި އޮތުމުން އޭނާ ސަސްޕެންޑްކުރާނީ. އެހެންވީމާ އެބަ އެނގޭ މިއީ އަޅުގަނޑުމެން އެކަނި ދައްކާ ވާހަކައެއް ނޫންކަން. އަޅުގަނޑުމެން ނޫޅެން މުބާރާތް ހަލާކުކޮށްލާކަށް. އަޅުގަނޑުމެންނާ ދެކޮޅަށް ރެފްރީގެ ފަރާތުން މައްސަލަތަކެއް ފާހަގަކުރެވުނީމާ އެ މައްސަލަ ޖެއްސީ. ޖައްސާފައި އޮއްވާ ހަމަ އަނެއްކާ އެ ރެފްރީ އަރުވައިގެން މެޗު ހަލާކުކޮށްލީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ގްރީންސްޓްރީޓްސް އިން ވެސް މުބާރާތަށް ނުކުންނަނީ ބޮޑު ހަރަދުތަކެއްކޮށްގެން ކާމިޔާބީ ހާސިލްކުރަން ކަމަށާއި އެކަމަކު އެންމެ މީހެއްގެ ގޯސް ނިންމުމެއްގެ ސަބަބުން އެ ހުރިހާ ކަމެއް ފެނަށް ވެގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.