މެޗުގެ ކުރިން ޓީސީ އާއި މާޒިޔާ އަށް އުނދަގޫ ހާލަތެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު ދެ ޓީމަށް ވެސް ކުރިމަތިވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށް އެ ދެ ކްލަބުން ބުނެފި އެވެ.


ލީގުގައި ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު މާޒިޔާ އެއް ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ ތިން ވަނައިގައި އޮތީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ.

މާދަމާގެ މެޗަށް ނުކުތުމުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ތައްޔާރުވާން އެންމެ ރަނގަޅަށް ވަގުތު ނުލިބުނުއިރު، އެ ޓީމަށް ވަނީ އެކިއެކި މައްސަލަތައް ކުރިމަތިވެފައި ކަމަށެވެ.

"މާޒިޔާ މެޗަކީ މުޅި ސީޒަނަށް ބަލާއިރު ވެސް އެންމެ އުނދަގޫ އެއް މެޗު. އެންމެ ވަރުގަދަ ސްކޮޑު. ދެން މާޒިޔާ މެޗަށް ނުކުންނައިރު ޓީސީ އަށް އެބަހުރި ކުދި ކުދި އަނިޔާގެ މައްސަލަތަކާއި ދެން އެކި އެކި ކަންތައްތަކާ ހުރެ ފުރަތަމަ އެގާރައިގައި ނުކުޅެވޭ ކުޅުންތެރިން ވެސް އެބަތިބި. އެހެންވެ ބަދަލުތަކާ އެކު ނުކުންނަން މި ޖެހެނީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އެގާރައިގައި ގަވައިދުން ކުޅެމުން އަންނަ ހަތަރު ކުޅުންތެރިން މި މެޗުގައި ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

"އިއްބެ، ފައްރާހު، ކަޅޭ (އަލީ ނާފިއު) އަދި ދާދު (ނާއިޒު)ގެ މަންމަ އަށް ދިމާވި ސިއްހީ ކަމެއްގެ ސަބަބުން ރަށަށް ގޮސްފައި ނާދޭ. އެހެންވެ މި ކުޅެން ޖެހެނީ އެންމެ ފަހުން މެޗެކޭ އެއްގޮތަށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންތަކެއް ނުލައި،" ނިޒާމްބެ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު، މާޒިޔާ އަތުން ޕޮއިންޓެއް ނަމަވެސް ހޯދުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ނިޒާމްބެ ގަބޫލުކުރެ އެވެ.

"މިހާ ހިސާބަށް އައީމަ ވަރަށް މުހިއްމުވާނެ ކުރީގައި އޮތް ޓީމުތައް އަތުން ޕޮއިންޓް ހޯދުން. ދެން މާޒިޔާ އަކީ މި ސީޒަނުގެ މިހިސާބަށް އައިއިރު އެންމެ ވަރުގަދަ ޓީމު. ލިބެން ހުރި ކުޅުންތެރިންނާ އެކު މި މެޗަށް ނުކުންނައިރު އެ ކުޅުންތެރިންނަށް ވިސްނައިދެމުން މިދަނީ މެޗު ފަސޭހަ ނުވާނެ ކަމާ މި މެޗުން ޕޮއިންޓެއް ހޯދުމުގެ މުހިއްމުކަން. ގަބޫލުކުރަނީ މަސައްކަތްކޮށް ޓީސީ ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށް،" އޭނާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން މާޒިޔާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

މާޒިޔާ އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލިއިރު، އެ މެޗާ ބެހޭގޮތުން މުބާރާތުގެ ކޮމިޓީން ނިންމި ގޮތް އެފްއޭއެމުން އިއުލާން ކުރީ މިއަދު ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. މި ކަމުގެ ސަބަބުން އުނދަގޫތަކެއް މާޒިޔާ އަށް ކުރިމަތިވި ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"އެންމެ ފަހުން އަހަރެމެން ކުޅުނީ ހޯމަ ދުވަހު. އެހެންވެ މާ ބޮޑު ވަގުތެއް ނެތް ތައްޔާރީތައް ވާން. ބައެއް ކަހަލަ މައްސަލަތަކެއް ހައްލުނުވެ ރެއާ ހަމައަށް އޮތީ. އެހެންވެ ނޭނގެ މި މެޗުގައި ކުޅެންވީ ކިހިނެއް ކަމެއް. އެކަމަކު މިހާރު އެކަން ހައްލުވެ. އެންމެ ފަރިތަކުރުމެއް މި ލިބުނީ ހަމަޖެހިލައިގެން މި މެޗު (ޓީސީ މެޗު) ކުޅޭނެ ގޮތް ރާވަން،" ސެކުލޮސްކީ ބުންޏެވެ.

ޓީސީއާ ދެކޮޅަށް ކުޅޭއިރު ސަމާލުވާން ޖެހޭނެ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"ޓީސީ އަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބް. އަހަރެމެން ފިޒިކަލީ އަދި ޓެކްޓިކަލީ ވަރަށް ރަނގަޅަށް ކުޅެން ޖެހޭ މެޗެއް މިއީ. ރާއްޖޭގެ ފުޓްބޯޅަ އަށް ބަލާއިރު އެންމެ ތަފާތު ސްޓައިލަކަށް ސްޕީޑު ބޭނުން ކޮށްގެން ކުޅޭ ޓީމެއް ޓީސީ އަކީ. އެމީހުންގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވުނަސް އެ ސްޓައިލް އޮންނާނެ އެހެން ވުމުން މެޗު ފަސޭހައެއް ނުވާނެ،" އޭނާ ބުންޏެވެ.

ލިބުނު އަނިޔާއެއްގެ ސަބަބުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ގާތްގަނޑަކަށް ސީޒަން ނިމިފައިވުމަކީ ސެކުލޮސްކީ އަށް ދިމާވެފައިވާ ބޮލު ރިހުމެކެވެ. އެހެން ނަމަވެސް އޭނާ ދެކޭ ގޮތުގައި އެ ޓީމު ތެރެއިން އަސަދުﷲ ނެތްތަން ފޫބެއްދޭނެ ގޮތްތަކެއް ހޯދިދާނެ އެވެ.

"އަސަދުﷲ އަށް ބަރޯސާވެގެން އަހަރެމެން ކުރިން މެޗުތަކަށް ޓީމު ރާވާފައި ހުންނާނީ. އެކަމަކު މިހާރު މި ޖެހުނީ އެހެން ގޮތްތަކެއް ހޯދަން. އަސަދުﷲ ނެތްތަން އެއްކޮށް ފޫނުބެއްދޭނެ އެއީ 100 ޕަސެންޓް ޔަގީން ކަމެއް. ދެން އަހަރެމެން މިހާރު މި ޖެހެނީ ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ގެންނަން. އޭގެ މަސައްކަތް އަހަރެން މި ކުރަނީ،" ސެކުލޮސްކީ ބުންޏެވެ.

އަސަދުﷲ ގެ އިތުރުން އަނިޔާގެ ސަބަބުން ހުސެއިން ނިޔާޒް (ބޮކުރީ) އަށް ވެސް މި މެޗު ނުކުޅެވޭއިރު، ގައުމީ ޓީމުން އެނބުރި އައިއިރު އަމްދާން އަލީ (އެންޑީ) ވެސް ހުރީ އަނިޔާގަ އެވެ. އަދި ސަސްޕެންޝަންގެ ސަބަބުން އައްސަދު އަލީ (އަޑޭ) އަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ.

"އަނިޔާގެ މައްސަލަ އެކި ގޮތްގޮތުން ދިމާވެފައި ހުއްޓަސް ދަނޑަށް އަރާ ކުޅުންތެރިން މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.