ޝިފާޒް ގައުމީ މެރަތަން ރެކޯޑް މުގުރާލައިފި

ހަތާވީސް އަހަރު ވަންދެން މުގުރައިނުލެވި އޮތް ގައުމީ މެރަތަން ރެކޯޑް އަހުމަދު ޝަރަފް މުގުރާލިތާ ހަ މަސް ތެރޭ ޝިފާޒް މުހައްމަދު ގައުމީ އާ ރެކޯޑެއް ހަދައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.


ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް ޝަރަފް މުގުރާލީ މި އަހަރު މާޗް މަހު މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރެތަންގައި 2 ގަޑި 42:28 މިނެޓުން ރޭސް ނިންމައިގެންނެވެ.

ޝަރަފްގެ އެ ރެކޯޑް ޝިފާޒް މުގުރާލީ އޭނާ ދުވި ފުރަތަމަ މެރެތަން ކަމަށް ވާ، މިިދިޔަ ހޮނިހިރު ދުވަހު ނޭޕާލްގެ ކަތުމަންޑޫ މެރަތަން 2 ގަޑި 40:47 މިނިޓުން ނިންމައިގެންނެވެ.

ޖުމްލަ 42 ކިލޯމީޓަރު (މާލެ ވަށައި ނަމަ އަށް ބުރު) މެރަތަން ރެކޯޑް ޝަރަފް މުގުރާލައިފައިމިވަނީ 2.19 މިނިޓްގެ ކުރިއެރުމަކާ އެކު އެވެ. މި ރެކޯޑް މޯލްޑިވްސް އެތުލެޓިކްސް އިން ވަނީ މިއަދު ވެރިފައިކޮށްދީފަ އެވެ.

ސިފައިންގޭގައި މަސައްކަތްކުރާ ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.

އެކަމަކު ހާފް މެރެތަން އާއި މެރެތަންގައި އޭނާ ދުވަން މި ފެށީ، ނޭޕާލުގައި މި އަހަރު ހަދަމުން އަންނަ ތަމްރީންތަކުގެ ތެރެއިންނެވެ. އެގޮތުން ގައުމީ ހާފް މެރަތަން ރެކޯޑް ވެސް މިހާރު އޮތީ، ކުރިން 5000 އަދި 10000 މީޓަރަށް ހާއްސަވި ޝިފާޒް އަތުގަ އެވެ.

މިދިޔަ އަހަރުގެ މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ނިންމައިގެން ޝަރަފް ހެދި ރެކޯޑް ޝިފާޒް މުގުރާލީ ނޭޕާލުގެ ބިރްގުންޖް ހާފް މެރެތަންގައި އޭޕްރިލް 22 ވަނަ ދުވަހު 1 ގަޑި 16:10 މިނެޓުން ދުވެގެންނެވެ.

ޝިފާޒް އެފަހަރު ރެކޯޑް މުގުރާލީ ނޭޕާލުގައި ތިން މަސް ދުވަހު ކުރިއަށްގެންދިޔަ ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ. މެރެތަންގެ ގައުމީ ރެކޯޑް މި ހެދީ މަހެއްހާ ދުވަހު ނޭޕާލުގައި ހެދި ތަމްރީނުތަކުގަ އެވެ.

ޝިފާޒް ހާފް މެރަތަން އާއި މެރަތަން ރެކޯޑް މުގުރާލާފައި މިވަނީ ބޭރުގެ މުބާރާތެއްގައި އެ ދެ އިވެންޓުން ފުރަތަމަ ފަހަރަށް ވާދަކޮށްގެން ކަމަށް ވާތީ، އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.