އައްޑޫގައި އިންޓަނޭޝަނަލް މެރެތަން ރޭހެއް ބާއްވަނީ

ފަނަރަސަތޭކަ ބައިވެރިންނަށް އަމާޒުކޮށްގެން ނަސީރު ސްޕޯޓްސް އެކަޑަމީ އާއި ރަނާސް މޯލްޑިވްސް ގުޅިގެން އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ދުވުމުގެ ރޭހެއް ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ.


"އީކުއޭޓާ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރެތަން" ގެ ނަމުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުގައި ޑިސެމްބަރު 8 ވަނަ ދުވަހު ބާއްވާ މި އިވެންޓުގައި މެރެތަން (42 ކިލޯމީޓަރު)، ހާފް މެރެތަން (21 ކިލޯމީޓަރު) އަދި 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ރޭސް އޮންނާނެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ދެ ކިލޯމީޓަރާއި 1500 މީޓަރު އަދި 800 މީޓަރުގެ ރޭސް ބާއްވާއިރު ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ދެ ކިލޯމީޓަރުގެ ވީލްޗެއާ ރޭހެއް ވެސް އޮންނާނެ އެވެ. މި ރޭހުގައި އެހީތެރިއަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ނަސީރު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިއާ ނަސީރު އިސްމާއިލް ބުނީ މިއީ ބައިނަލްއަގްވާމީ ރޭހަކަށް ވުމުން ފައިސާގެ އިނާމް ވަރަށް ބޮޑުވާނެ ކަމަށެވެ. އެގޮތުން އެއް ވަނަ ދުވުންތެރިއަކަށް 5000 ޑޮލަރު (77،100ރ.)، ދެ ވަނަ އަށް 3000 ޑޮލަރު (46،260ރ.) އަދި ތިން ވަނަ ދުވުންތެރިއަކަށް 2000 (30،840ރ.) ވަނީ ހުށަހަޅައިފަ އެވެ.

"އަޅުގަނޑުމެންނަށް މި ރޭސް ބާއްވަނީ ބައިނައަގްވާމީ މިންގަނޑަށް. މި ރޭހުގެ ތެރެއިން އައްޑޫ އިވެންޓް ޓޫރިޒަމް ޕްރޮމޯޓްކޮށް، ދުވުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރުން ޓާގެޓަކީ،" ނަސީރު ބުންޏެވެ.

އޭނާ ބުނީ މިހާރު ވެސް ކެންޔާ ފަދަ ގައުމުތަކުން ދުވުންތެރިން ރޭހުގައި ބައިވެރިވެފައިވާ ކަމަށާއި ދެކުނު އޭޝިއާ ގައުމުތަކުގެ ދުވުންތެރިންނަށް ދައުވަތު ފޮނުވާނެ ކަމަށެވެ.

ނަސީރުގެ އެކަޑަމީ އާއި ރަނާސް މޯލްޑިވްސް ގުޅިގެން ރޭސް އިންތިޒާމްކުރި ނަމަވެސް ރޭހުގެ އައްޑޫ ސިޓީގެ ޒުވާނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ނަސީރު ބުންޏެވެ. އެގޮތުން ރޭސް ޕްރޮމޯޓްކޮށް އެހެނިހެން މަސައްކަތުގައި އެ ސިޓީގެ ޒުވާނުން ހިމެނޭ ކޮމިޓީއަކުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މިއީ މި އަހަރު އައްޑޫ ސިޓީގައި ބާއްވާނެ ދުވުމުގެ ތިން ވަނަ އިވެންޓެވެ. މީގެ ކުރިން އައި-ރަނާސް އިން އައްޑޫ މެރެތަންގެ ނަމުގައި އިވެންޓެއް ބޭއްވިއިރު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ވަނީ ކޮކޯކާލާ ރަން އިން އައްޑޫގެ ނަމުގައި ކާމިޔާބު އިވެންޓެއް ބާއްވައިފަ އެވެ.