މިހާރު އެވޯޑްސް: ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ގަދަ ފަހެއް ހޮވައިފި

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އާއި ޒުވާން ކުޅުންތެރިއާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.


މި އަހަރުގެ ފުޓްބޯޅަ މޫސުމުގެ ދެ ވަނަ މުބާރާތް ކަމަށް ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ވަނަ ބުރުން، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ މުހައްމަދު އުމެއިރާއި މުހައްމަދު އިރުފާން އަދި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

ފުރަތަމަ ބުރުގެ އެއް ވަނަ ނިއު އިން ހޯދިއިރު ސެންޓޭ އާއި ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކެޕްޓަން ބޭންޑް އަޅައިގެން ޓީމު ލައްވައި މެދުތެރެއިން ކުޅުވުމުގެ ޒިންމާ ގިނަ މެޗުތަކުގައި ސެންޓޭ ނެގިއިރު ދަގަނޑޭ ވަނީ މުހިއްމު ގޯލްތަކެއް ކާމިޔާބުކޮށްދީފަ އެވެ.

ފުރަތަމަ ބުރުގެ ދެ ވަނަ ހޯދި މާޒިޔާގެ މެދުތެރޭގައި އުމެއިރާއި އިރުފާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެދުތެރެއަށް ކުޅެމުން އުމެއިރު މުހިއްމު ގޯލްތަކެއް ވެސް ޖަހާދީފައިވާއިރު ޒުވާން ކުޅުންތެރިއާ އިރުފާން ވަނީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލުމަށް ފަހު މާޒިޔާގެ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުކޮށްފަ އެވެ.

ގަދަ ފަހެއްގައި އަލަށް ހިމެނުނު ޒުވާން ކުޅުންތެރިއާ އިއްބެ އަކީ ޓީސީގެ ގޭމްޕްލޭނުގެ މުހިއްމު ކުޅުންތެރިއެކެވެ. ހުނަރުވެރި މި ކުޅުންތެރިއާ ފާހަގަކުރެވެނީ ދަނޑުމަތީގައި އަހުލާގު ރަނގަޅު، ވިސްނުންތޫނު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން: (ކ-ވ) ބިއްލެ، ސާމިރު، ރިޒްކޯ، ދާދު، ސަމުއްޓެ. --ފޮޓޯ: ނިޝާން އަލީ މިހާރު

އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ފުރަތަމަ ބުރުން ވާދަކުރަނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ޓީސީގެ ނާއިޒް ހަސަން (ދާދު) އާއި މުހައްމަދު ސާމިރާއި ކްލަބް ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އަދި ށ. މިލަންދޫގެ އިބްރާހިމް ޝިޔާމް (ބިއްލެ) އެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރު ކަމަށްވާ ސަމުއްޓެ ވަނީ މާޒިޔާގެ ޑިފެންސް ލައިން ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ދާދު ވަނީ ޓީސީން މި ބުރުގައި ކުރީގެ ފޯމް ދެއްކިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއާ އެވެ. ގައުމީ ޓީމުން ފުރުސަތު ހޯދާފައިވާ ރިޒްކޯ އަކީ ވެސް ވަރަށް އުއްމީދީ ކުޅުންތެރިއެކެވެ. ޑިފެންސަށް ކުޅެމުން ކުރިއަށް ޖެހި އޭނާ އަންނަނީ އެޓޭކުގައި ވެސް ބައިވެރިވަމުންނެވެ. މި ސީޒަނުގައި ޓީސީ އަށް ބަދަލުވި ސާމިރަކީ ޓީސީގެ އެޓޭކުގައި މިހާރު އެންމެ މުހިއްމު އެއް ކުޅުންތެރިއާ އެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ މިލަންދޫ އިން ލީގުގައި ބޮޑެތި ޓީމުތަކަށް ވަރުގަދަ ޗެލެންޖެއް ދިންއިރު ބިއްލެ ވަނީ ތަފާތު ދައްކައިފަ އެވެ.

މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.