ކުޑަހުވަދޫ ޖޫރިމަނާކޮށް ކްލަބްތަކަށް އިންޒާރުދީފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު 22 ވަނަ ދުވަހުގެރޭ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަ ނުކޮށް ދަނޑުން ފޭބި ދ. ކުޑަހުވަދޫ ޖޫރިމަނާކޮށް އެ ފަދަ ކަމެއް ތަކުރާރު ނުކުރުމަށް ހުރިހާ ކްލަބްތަކަށް އެފްއޭއެމުން އިންޒާރުދީފި އެވެ.


އެ މެޗުގައި މައްސަލަ ޖެހުނީ މިލަންދޫ އިން ދެ ވަނަ ލަނޑު ޖެހުމާ އެކު ފައުލެއްގެ މައްސަލައިގައި ކުޑަހުވަދޫ ކުޅުންތެރިން ރެފްރީ ކިޝަން ފަހަތުން ދުއްވައިގަތުމުންނެވެ. އެއާ އެކު ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުޑަހުވަދޫ ކުޅުންތެރިން ބެންޗަށް އައުމަށް އަންގައިފަ އެވެ. އަދި ކުޑަހުވަދޫގެ މެނޭޖަރު އަހުމަދު މައުރޫފަށް މެޗު ކުރިއަށްގެންދިއުމަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ވަނީ މެޗުގެ ރެފްރީ ކިޝަން ލައިގެން ކުރިއަށްދިއުމަށް ދެކޮޅު ހަދައި މެޗު ފުރިހަމަ ކުރުމަށް އިންކާރުކޮށްފަ އެވެ. އެހެންވުމާ އެކު ރެފްރީ ވަނީ މިލަންދޫ މޮޅުވީ ކަމަށް ބަލައި މެޗު ނިންމާލައިފަ އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ވަނީ ކުޑަހުވަދޫ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. މައްސަލަ ބެލުމުގައި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބެލީ މެޗު ކޮމިޝަނަރުގެ ހާދިސާ ރިޕޯޓާއި ރެފްރީގެ ނަތީޖާ ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑް އެވެ.

މިއީ މި ފަހަރު ލީގުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެން މެޗެއް ހުއްޓާލި ދެ ވަނަ ފަހަރެވެ. މިދިޔަ މަހު 12 ވަނަ ދުވަހު މާޒިޔާ އާއި ގްރީން ސްޓްރީޓްސް މެޗު ހުއްޓާލިއިރު، އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައި އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެ ޓީމަށް ވެސް އިންޒާރު ދީފަ އެވެ.

ދެ މެޗަކު މި މައްސަލަ ތަކުރާރުވުމާ ގުޅިގެން އެފްއޭއެމުން ވަނީ އެ އިދާރާއިން ރާވާ ހިންގާ މުބާރާތްތަކުގައި ވާދަކުރާ ކްލަބްތަކަށް އިންޒާރެއް ދީފަ އެވެ. އެގޮތުން މެޗުގެ ވަގުތު ފުރިހަމަނުކޮށް ކުޅުން ކުރިއަށް ގެންދަން އުޒުރުވެރިވެއްޖެނަމަ، ފުޓްބޯޅައިގެ ގަވައިދު ތަންދޭ އެންމެ ހަރުކަށި އަދަބުދޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި އެ ފަދަ ކަމެއް ކުރާ ޓީމެއް މުބާރާތުން ވަކިކުރުން ފަދަ ފިޔަވަޅެއް އަޅަން ޖެހިދާނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ.