މޯހަންގެ ޖަވާބު: "މިއީ އަހަރެން ކޮށްދޭ ހިދުމަތެއް"

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ދ. ކުޑަހުވަދޫ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ބަލިވެފައިވާއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޮޅެއް ނުލިބި އޮތްއިރު ބައިކޮޅަށް ވަނީ 27 ގޯލު ވަދެފަ އެވެ. ޖެހުނީ އެންމެ ތިން ލަނޑެވެ. ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި ނަތީޖާތަކަށް ފަރުވާލެއް ނެތް ކަމަށާއި މުސްތަގުބަލުގައި ބޭނުންވާ ކަންތައް ހާސިލްކުރެވޭނެ ކަމަށެވެ.


"ކުޑަހުވަދޫ އަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ މުސްތަގުބަލަށް. އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް. އެއީ އަންނަ އަހަރު މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު މި ވަރުގެ ތަޖުރިބާހުރި އެހެން ޓީމެއް ނުހުންނާނެ. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ،" މޯހަން ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އައި ޓީމުތަކުގެ ތެރެއިން ބަދަލެއް ނެތި ނުކުތް ހަމައެކަނި ޓީމަކީ ކުޑަހުވަދޫ އެވެ. މޯހަން ބުނީ މަޝްހޫރު ކުޅުންތެރިން ގެނެސްގެން ކާމިޔާބީ ހޯދުނަސް އޭގެން އެއްވެސް މަގުސަދެއް ހާސިލްނުވާ ކަމަށެވެ.

"މުބާރާތަށް ތައްޔާރުވީއިރު ވެސް އަޅުގަނޑުމެން ބުނަމުންދިޔައިން ޓޮޕް ލެވެލްގެ ކުޅުންތެރިން ބޭނުމެއް ނޫނޭ. އެ ކުޅުންތެރިން އެހެން ޓީމުތަކަށް ލިބުނު ގޮތަށް އަޅުގަނޑުމެންނަށް ވެސް ލިބުނު. ބޭނުންނެތީ ގެންނަން. އެއީ އެކަމުން މަގުސަދެއް ހާސިލްވާނެ ކަމަކަށް އަޅުގަނޑަށް ނުފެނުނު. މީގެ ފައިދާ ފެންނާނީ އެއް ދުވަހުން ދެ ދުވަހުންނެއް ނޫން. މުސްތަގުބަލުގައި ފެންނާނީ. ނަތީޖާ ބޭނުންވީ މިނިވަން ޗެމްޕިއަންޝިޕުގައި އެ މުބާރާތުގައި އެކަން ކުރިން އަޅުގަނޑުމެން،" އޭނާ ބުންޏެވެ.

މޯހަން ވަނީ 1997 އިން 2008 ގެ ނިޔަލަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ފުރައިފަ އެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫގެ ހެޑްކޯޗުކަން ކުރި އެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ މެޗަކުން ބަލިނުވެ ނިއު އަށް 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުމެވެ.

މިލަންދޫގެ ފަތުހީ (ކ) ކައިރިން ބޯޅަ ހޯދަން ކުޑަހުވަދޫގެ ޝަހީމް މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު ނަތީޖާތަށް، އަޅުގަނޑުގެ ކޯޗިން ކެރިއަރަށް ވެސް ރަނގަޅެއް ނޫން. ނަތީޖާ އަށް ބަލާއިރުގައި އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް. ދެން އެ ކުޅުންތެރިންގެ މުސްތަގުބަލަށް ވިސްނާއިރު މިއީ ވަރަށް މުހިއްމު ކަމެއް. ސްކޫލުގައި އުޅޭ 16 އަހަރުގެ ދެ ކުޅުންތެރިންނާއި 17 އަހަރުގެެ ކުޅުންތެރިއަކު ލައްވައި ކުޅުވުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކުރިއެރުމެއް މި ފެންވަރުގައި. އެއީ މި ފަހުން އައިސް ގަލޮޅު ދަނޑުގައި ސްކޫލު ކުއްޖެއް މި ފެންވަރުގައި ނުފެނޭ،" މޯހަން ބުންޏެވެ.

ކުރިން މޯހަންއާ އެންމެ ވާދަވެރިކޮށް ފެނުނު އެއް ކޯޗު އަލީ ސުޒޭން ވަނީ ކުޑަހުވަދޫ އަށް ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިން ނުގެނެވުމަކީ މޯހަން އަށް ހެދުނު ގޯހެއް ކަމަށް ބުނެފަ އެވެ. މޯހަން ބުނީ އެ ގޮތަށް އޭނާ ނުދެކޭ ކަމަށެވެ.

"އެއީ އެ ބޭފުޅާގެ ވިސްނުން ދެއްތޯ. އެކި ބޭފުޅުންގެ ވިސްނުން ހުންނާނީ އެކިގޮތަށް. އެ ބޭފުޅާގެ ވިސްނުމުގައި އެ ބޭފުޅާ ނުކުރާނެ ކަމަށް ކަންނޭނގެ އެ ވިދާޅުވީ. އެއަށް އަޅުގަނޑު ހަމަ ރެސްޕެކްޓް (އިހުތިރާމް) ކުރަން،" އޭނާ ބުންޏެވެ.

އޭނާ ބުނީ ހުރިހާ ވިސްނުމެއް ހުރީ މި ވަގުތު ނަތީޖާ ނެރުމަށް ވުރެން ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ. އަދި އޭނާ އަށް މިކަމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އަޅުގަނޑަކީ މި ކަހަލަ ފިޔަވަޅު އަޅަމުން އަންނަ މީހެއް. ރަށް ރަށަށް ގޮސް ކޯޗުކޮށްދޭ މީހެއް. މިއީ ކޯޗުންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ. ވަރަށް ބޮޑު ގުރުބާނީތައް ވާން ޖެހޭ ކަމެއް ހަގީގަތުގައި. އަހަރު ދުވަސް ވަންދެން މާލެ ނައިސް ރަށެއްގައި އުޅެން. ދެން ހަގީގަތުގައި މި ކަހަލަ ގުރުބާނީވާން ކޯޗުންނަށް އުނދަގޫތަކެއް ވަނީ. މިއީ ފުޓްބޯޅަ ކޮށްދޭ ވަރަށް ބޮޑު ހިދުމަތެއް،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމްގައި ކުރިން ހުރި މޯހަން ބުންޏެވެ.

މޯހަން ބުނީ އޭނާ ކޮށްދޭ ހިދުމަތް ކުޑަހުވަދޫ ޓީމުގެ މެނޭޖްމަންޓާއި އެ ރަށުގެ މީހުން ބަލައިގަންނަ ކަމަށާއި މިއީ އޭނާ އަށް މިކަމުން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.