ގަތަރާ އެކު އެފްއޭއެމް އެއްބަސްވުމަކަށް

އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުން ސޮއިކޮށްފި އެވެ.


ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ގާއިމްކުރި އެއްބަސްވުމެކެވެ.

އެފްއޭއެމުން ބުނީ މި އެއްބަސްވުމުގެ ދަށުން އެފްއޭއެމް އާއި ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރުމަށާއި ޕްރޮމޯޝަނަލް ކަންތައްތަކާއި އެފްއޭއެމްގެ އޮނިގަނޑާއި ގައުމީ ޓީމްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކަންކަމާއި ގުޅުން ހުރި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ދެ އެސޯސިއޭޝަނުގެ މެދުގައި ބަދަލުކުރުމަށް ހިމަނާފައިވާ ކަމަށެވެ.

ގަތަރަކީ ރާއްޖެ އަށް ފުޓްބޯޅައިން ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފައިވަނީ ވެސް ގަތަރުގެ އުރީދޫ ކުންފުނިންނެވެ. ފީފާ ވޯލްޑް ކަޕް 2022 ވަނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ގަތަރަކީ ފުޓްބޯޅައިގައި އޭޝިއާގައި މި ވަގުތު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ.