ކުޅިވަރު

ކުޅިވަރު ތަރިންނާ އެކު މާފުށީގައި ފޯރިގަދަ ހަވީރެއް

ދުވުންތެރިއާ ހަސަން ސާއިދާ އެކު މާފުށީގެ ކުދިންތަކެއް ދުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

05 ނޮވެމްބަރ 2017 - 00:04

ރާއްޖޭގެ މަޝްހޫރު ކުޅިވަރު ތަރިންނާ އެކު، "މިހާރު އެވޯޑްސް" އިން ކ. މާފުށީގައި "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ކާމިޔާބުކަމާ އެކު މިއަދު ހަވީރު ކުރިއަށްގެންގޮސްފި އެވެ.

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ އިޖްތިމާއީ ޒިންމާގެ ދަށުން މާފުށީގައި ބޭއްވި މި ހަރަކާތުގައި ކުޅިވަރު ތަރިންގެ އިތުރުން އެވޯޑުގެ ޕާޓްނަރުން އެ ރަށަށް ޒިޔާރާތްކޮށް އެ ރަށުގެ ކުޑަކުދިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރި އެވެ.

މާފުށްޓަށް މެހެމާނުން ފޭބުމުން މަރުހަބާކީ އެ ރަށުގެ ކައުންސިލުންނާއި ސްކޫލުންނެވެ. އޭރު މެހެމާނުންގެ އިސްތިގާބަލުގައި މާފުށީ ސްކޫލުގެ ދަރިވަރުން ތިއްބެވެ. ކޮންމެ މެހެމާނެއްގެ ކަރުގައި އެޅުވީ، ޓީޗަރުން ތައްޔާރުކޮށްފައިވާ ހިތްގައިމު މާފައްޗެކެވެ. ފިއެސްޓާ ކުރިއަށްގެންދިޔަ މާފުށީގެ އިރުމަތީ ފަރާތަށް މެހެމާމުން ދިޔައީ، އެ ރަށުގެ ޒުވާނުންގެ ސަގާފީ ކުޅިވަރުތަކާ އެކު އެވެ.

ފިއެސްޓާގައި ބައިވެރިވި ރާއްޖޭގެ މަޝްހޫރު ބައެއް ކުޅިވަރު ތަރިން (ކ-ވ) ޝައްފަ، މުއީނާ، ސާޖިނާ އަދި ސަޖަން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިއެސްޓާގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކުޅިވަރު ސްޓޯލްތައް ހުރީ ގާއިމްކޮށްފަ އެވެ. ކުޑަކުދިން ޝައުގުވެރިވާނެ ކުޅިވަރުތަކުގެ އިތުރުން ފޭސްޕެއިންޓިން ފަދަ ހަރަކާތްތައް ވެސް އޮތެވެ.

އެ މަޖަލުގައި އުޅެމުން ވެސް މާފުށީ ސްކޫލުގެ ދަރިވަރުން ވަނީ މެހެމާނުންގެ ޝަރަފުގައި ގިނަ އަދަދެއްގެ ނެށުމުގެ އައިޓަމްތަކެއް ހުށަހަޅައިދީފަ އެވެ. އަދި މަޝްހޫރު ލަވަކިއުންތެރިއާ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އާއި އޭނާގެ ބޭންޑުން ދިޔައީ ހިތްގައިމު ލަވަތައް ހުށަހަޅަމުންނެވެ. އޭނާއާ އެކު މަޖަލުގައި ގިނަ ކުދިން ބައިވެރިވެ ފޯރި ނެގި އެވެ. ކުޑަކުދިންގެ އިތުރުން އެކި އުމުރުގެ މީހުން ވެސް އެ ސަރަހައްދަށް އެއްވި އެވެ.

ކުދިން އެންމެ ގަޔާވި އެއް ހަރަކާތަކީ ރާއްޖެ އަށް ދުވުމުން ރަން މެޑަލް ގެނެސްދީފައިވާ ހަސަން ސާއިދާ އެކު ރޭހެއް ޖަހާލުމެވެ. އޭޝިއާގެ ހަތަރު ވަނަ ހޯދާފައިވާ ސާއިދާ އެކު ދުވެލައި، އޭނާއާ އެކު ގިނަ އަދަދެއްގެ ކުދިން ވަނީ ފޮޓޯ ވެސް ނަގައިފަ އެވެ.

ދުވުންތެރިއާ ހަސަން ސާއިދާ އެކު މާފުށީގެ ކުދިންތަކެއް ދުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސާއިދުގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއާ މުއީނާ މުހައްމަދާއި އަންހެން ވޮލީބޯޅައިގެ ތަރި އައިޝަތު ޝައްފަ އާއި ސްވިމިން އިން ބައިނަލްއަގްވާމީ މެޑަލް ހާސިލްކޮށްފައިވާ އައިމިނަތު ސަޖަން އާއި މެރެތަން ރެކޯޑް ހާސިލްކޮށްފައިވާ އަހުމަދު ޝަރަފާއި ދިގު ރާސްތާ ދުވުމުގައި ވިދަމުން އަންނަ ހުސެއިން ފަޒީލް ހާރޫނާއި އިބްރާހިމް ޒައިދު ޝަރީފް އަދި ބެޑްމިންޓަންގެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ މައިސާ ފަތުހުﷲ (މައި) އާއި އައިމިނަތު ޝަހުރުނާޒް ވެސް މި ފިއެސްޓާގައި ބައިވެރިވި އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ކޭން ވަންލީ އާއި މިހާރު އެވޯޑްސްގެ އިސް ފަނޑިޔާރު ހުސެއިން މުހައްމަދާއި ކްލަބް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އާއި ގައުމީ ސްވިމިން ކޯޗު އިސްމާއިލް ފަރުހާނާއި ދުވުމުގެ ތަފާތު ހަރަކާތްތަކުން ހިތްވަރު ސާބިތުކޮށްފައިވާ އަހުމަދު އާތިފް ވެސް ބައިވެރިވި އެވެ.

މި ފިއެސްޓާގައި މިހާރު ނޫހުން އަދި އެވޯޑްސްގެ ޕާޓްނަރުން ވަނީ މާފުށީ ސްކޫލާއި މާފުށީ ނިއުސްޓާ ސްޕޯޓްސް ކްލަބަށް ހަދިޔާ ދީފަ އެވެ.

މާފުށީގައި ކުރިއަށްގެންދިޔަ ފިއެސްޓާގެ ތެރެއިން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އުރީދޫގެ ފަރާތުން މާފުށީ ސްކޫލަށް ފަސޭހަ މޮޑެމްސް ހަދިޔާކުރިއިރު އެލައިޑް އިންޝުއަރެންސްގެ ފަރާތުން ތިން ކޮމްޕިއުޓާ ސިސްޓަމް ދިނެވެ. މީގެ އިތުރުން ވެލިގާ ހާޑްވެއާ އިން ވަނީ ސްކޫލަށް 15،000ރ. ވައުޗަރެއް ހަދިޔާކޮށްފަ އެވެ. ޕްރިންޓްލެބާއި މިހާރުގެ ފަރާތުން ސްކޫލަށް ލެޕްޓޮޕެއް ހަދިޔާކުރިއިރު ބީއެޗްއެމްގެ ފަރާތުން ވަނީ 55 އިންޗީގެ ސްމާޓް ޓީވީއެއް ދީފަ އެވެ.

ނިއުސްޓާ އަށް ސޮނީ ސްޕޯޓްސް އަދި މިހާރުން ވަނީ ކުޅިވަރު ސާމާނު ހަދިޔާކޮށްފަ އެވެ. ކޮޕިއާޕްލަސް އިން ވަނީ ސްކޫލާއި ނިއުސްޓާ އަށް އޭތުރީ މަލްޓިފަންކްޝަން ޕްރިންޓަރެއް ދީފަ އެވެ.

"ވަރަށް ކުލަގަދަކޮށް، ފޯރިގަދަކޮށް މި ހަރަކާތް ކުރިއަށްދިޔައީ. ވަރަށް އުފާވެރި ހަވީރެއް މިއީ ހުރިހާ އެންމެންނަށް. މިކަމުގައި އަޅުގަނޑުމެންނަށް ޕާޓްނަރުންނާއި މާފުށީ ކައުންސިލާއި ސްކޫލުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ހާއްސަކޮށް މާފުށީ ސްކޫލުގެ ޓީޗަރުން ވަނީ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް މިކަމަށް ދެއްވާފައި،" މިހާރުގެ އޮފިޝަލަކު ބުންޏެވެ.

އުރީދޫގެ ޑިރެކްޓަރ، ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހުސެއިން ނިޔާޒް (ކ) މާފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުލްނާސިރު މުހައްމަދާ އިނާމް ހަވާލުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ބުނީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކި ރަށްރަށުގައި މި ހަރަކާތް ކުރިއަށްގެންދާނެ ކަމަށެވެ.

މިހާރު އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

މިހާރު އެވޯޑްސް ކޮމިޓީގެ އިސް ފަނޑިޔާރު ހުސެއިން މުހައްމަދު (ކ) މާފުށީ ނިއު ސްޓާ ސްޕޯޓްސް ކްލަބުގެ ނައިބް ރައީސާ އާއިޝަތު ސަނާއާ އިނާމް ހަވާލުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.

0 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 6%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454