ގައުމީ ޓީމަށް ކުޅުމުގެ ރޫހެއް ނެތް: ކުޑަ އިންމަ

އަލުން ގައުމީ ފުޓްބޯޅަ ޓީމަށް އަންނަން ގިނަ ބަޔަކު އެދުނު ކަމަށާއި އެކަމަކު ނިންމުން ބަދަލު ނުކުރީ ޓީމަށް އެނބުރި އަންނަ ވަރުގެ ހާލަތެއް ނެތުމުން ކަމަށް ށ. މިލަންދޫ ޓީމަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ބުނެފި އެވެ.


ފުރަތަމަ ޑިވިޝަންގެ ތިން ކްލަބަށް މީގެ ކުރިން ކުޅުނު އުމުރުން 32 އަހަރުގެ ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ މަހު 3-1 އިން އޮމާން އަތުން ބަލިވި މެޗަށް ފަހު އެވެ.

ކުޑަ އިންމަ "މިހާރަ"ށް މިއަދު ބުނީ އަލުން ގައުމީ ޓީމާ ގުޅުމުގެ ހިޔާލެއް އޭނާ ގެންގުޅުނު ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އެދުނު އަލުން ޓީމާ ގުޅެން. ކޯޗު (ސްޓެވާޓް) ވެސް އެދުނު އިތުރު ފުރުސަތެއް ދޭން. އަހަރެން އެއްބަސް ވެސް ވިން. އެކަމަކު ފަހުން ވެސް އެހާ ވަރަށް އަޅާނުލީމަ ނުދިޔައީ. ގައުމީ ޓީމަށް ހަގީގަތުގައި ކުޅުމުގެ ރޫހެއް ނެތް. ވަކި މީހަކަށް އޮންނަ އެއްޗެއް ހެން ހީވަނީ. ލީގުގައި މޮޅަށް ކުޅޭ ކީޕަރު ބަހައްޓާފައި މި އަރުވަނީ ޓީމެއްގެ ބެންޗުގައި އިންނަ ކީޕަރެއް،" އިންމަ ބުންޏެވެ.

ކުޑަ އިންމަ ގައުމީ ޓީމުގައި ފުރަތަމަ ފަހަރަށް ހިމެނުނީ 2012 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ގަވާއިދުން އޭނާ އަށް ޓީމުން ފުރުސަތު ނުލިބެ އެވެ. އޭނާ އަށް ގަވާއިދުން ޓީމުން ޖާގަ ލިބެން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ފުރަތަމަ ފަހަރަށް ކުޑަ އިންމަ ގައުމީ ޓީމަށް ވާދަވެރި މެޗެއް ކުޅުނީ 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.

އެ ފަހަރު އިމްރާނަށް ފުރުސަތު ލިބުނީ އޭރު ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވުމާ ގުޅިގެންނެވެ. ކުޑަ އިންމަ އެ ފަހަރު ވަނީ ބޫޓާނާއި ޗައިނާ އަދި ހޮންކޮންއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗުގައި ކުޅެފަ އެވެ.

ކުޑަ އިންމަ ވަނީ ޓީމުގައި ތަފާތު ކުރުން ވެސް ގެންގުޅޭ ކަމަށް ބުނެފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން ކުޑަ އިންމަ (މ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަންނަށް މައުލޫމާތު ލިބިފައި އޮތްގޮތުގައި ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން އެދުމުން ބޫޓާއި އަންގިއާ އެއްޗެހިދޭ. އެކަމަކު ތިން އަހަރު މި ވަނީ އަހަންނަށް (އޭގެން އެއްޗެއް) ނުލިބޭ. މި އަހަރު ފެށި ފަހުން އަހަރެން އަންގި ދޭން ބުނީމަ ބުނަނީ ފަހަރަކު މީހެއް ގާތުގައި ބުނާށޭ. މި ފަހަރު ޓީމަށް އަލުން އަންނަން ބުނީމަ ވެސް ބުނިން އަންގިގެ ވާހަކަ މާ ބޮޑު ސަމާލުކަމެއް ނުލިބުނު،" ކުޑަ އިންމަ ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވެސް ހަަމަހަމަ ކަމެއް ނެތް ކަމަށެވެ.

"ގައުމީ ޓީމަށް މި ނަގަނީ ލީގުގައި އެންމެ ރަނގަޅަށް ކުޅޭ 30 ކުޅުންތެރިން ކަމަށް ބުނަނީ. ދެން ޕްރެކްޓިސް ކޮށްފައި އެ ކުޑަކުރަނީ 23 ކުޅުންތެރިންނަށް. މި ކަމުގައި ވެސް އިންސާފެއް ނޯވޭ. އެންމެ ރަނގަޅަށް ކުޅޭ މީހެއް ހުރެފާނެ ބާކީ ވެފައި ވެސް،" ކުޑަ އިންމަ ކިޔައިދިނެވެ.

ފުރަތަމަ ޑިވިޝަނަށް 2009 ވަނަ އަހަރު ވެލެންސިއާ އިން ތައާރަފްވި އިމްރާން ވަނީ އެ ޓީމަށް ތިން އަހަރު ކުޅެފަ އެވެ. އޭނާ މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. ކުޑަ އިންމަގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ އޭނާ ދެއްކި ކުޅުމުންނެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީސީ ޓީމުގައި އޭނާ މޮޅަށް ކުޅުނެވެ.

މި އަހަރުގެ އެސްޓީއޯ މާލޭ ލީގުގައި ކުޑަ އިންމަ ކުޅުނީ ވިކްޓަރީ އަށެވެ. ފުރަތަމަ މެޗުގައި ކުޑަ އިންމަ އަށް ވިކްޓަރީގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނީ އޭރު އެ ޓީމުގައި ސީރިއާ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު މަހުމޫދު އަލް ޔޫސުފް ހުރުމުންނެވެ. އެހެން ނަމަވެސް މާލޭ ލީގުގެ ދެ ވަނަ ބުރު ފެށިގެން ކުޑަ އިންމަ ވަނީ ގިނަ މެޗުތަކެއް ވަނީ ކުޅެފަ އެވެ.

ވިކްޓަރީ އަށް މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ޖާގަ ގެއްލުމުން ކުޑަ އިންމަ ދެން ބަދަލުވީ ށ. މިލަންދޫ އަށެވެ. އެ ޓީމު ޕްރިމިއާ ލީގުގައި ކުޅުނު ހުރިހާ މެޗުގައި ވެސް ކުޑަ އިންމަ ކުޅުނުއިރު، ޖުމްލަކޮށް ގިނަ މެޗުތަކުގައި އޭނާގެ ކުޅުން ރަނގަޅެވެ.

ސަތާރަ އަހަރަށް ފަހު ތަޖުރިބާކާރު ކީޕަރު އިމްރާން މިދިޔަ އަހަރު ރިޓަޔަަކުރުމުން ދެން ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނެ ކުޅުންތެރިއަކާ މެދު ސުވާލު އުފެދުނެވެ. އެކަމަކު އިމްރާން ރިޓަޔާކުރުމަށް ފަހު މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ބެލެހެއްޓީ ފައިސަލް އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ހަވާލުވި ފަހުން ކުޑަ އިންމަ އަށް މެޗަކުން ފުރުސަތު ނުލިބެ އެވެ.