ހިތްވަރުކުރާނަން، އޭރުން ފުރުސަތު ލިބޭނެ: ދާދު

އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕުގައި ބަންގްލަދޭޝް ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ނާއިޒު ހަސަން (ދާދު) ޖެހި ގޯލުން އޭނާ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. ޖެހިގެން އައި މެޗުން އަފްގާނިސްތާނާ ދެކޮޅަށް ދާދު އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނެވެ. އެކަމަކު އޭގެ ފަހުން އޭނާ އަށް އެންމެ ފަހުން ފުރަތަމަ އެގާރަ އިން ޖާގަ ލިބުނީ މިދިޔަ މަހު އޮމާނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ދާދު ބުނީ ފުރުސަތު އިތުރުވާނީ ހިތްވަރު ކޮށްގެން ކަމަށެވެ.


ވަރުގަދަ އޮމާނާ ދެކޮޅަށް މިދިޔަ މަހު މާލޭގައި ރާއްޖެ ކުޅުނު މެޗުން 3-1 އިން ބަލިވިއިރު، މި މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ލަނޑު އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރީ ދާދު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މީގެ އިތުރުން ވެސް މި މެޗުގައި ދާދު ވަނީ އޮމާން ޑިފެންޑަރުން ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

"ކޮލިފައިންގައި ފުރަތަމަ އެގާރައިގައި ކުޅެލަން ލިބުނު ފުރަތަމަ މެޗާ ބަލައި ރަނގަޅު ކުޅުމެއް ދެއްކުނު. އުއްމީދުކުރަނީ ދެން ވެސް ޖާގަ ލިބޭނެ ކަމަށް. އޭގައި އޮންނާނީ ހިތްވަރާ އެކު މަސައްކަތް ކުރުން،" އުމުރުން 21 އަހަރުގެ ދާދު "މިހާރަ"ށް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރަށުން ބޭރުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ރާއްޖެ އަށް މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ނެތެވެ. ފަލަސްތީނާ ދެކޮޅަށް މާލޭގައި މިިދިޔަ މާޗް މަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ފަލަސްތީން ވަނީ އެންމެ ފަހުން ކުޅުނު ކޮލިފައިން މެޗުގައި އަމިއްލަ ދަނޑުގައި 10-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

ދާދު ބުނީ އިދިކޮޅަށް ނުކުންނަނީ ވަރުގަދަ ޓީމެއްކަން އެނގޭ ނަމަވެސް އެކަން ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖެއާ ބަލާއިރު އެހެން ލެވެލެއްގެ ބޯޅައެއް ކުޅޭ ބައެއް އެއީ. އެކަމަކު މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ވެސް ލިބިދާނެ،" ދާދު ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ދާދު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުން ޖާގަ ހޯދިއިރުން ފެށިގެން ދާދު އަންނަނީ ލިބޭ ފުރުސަތުތަކުގައި ބޭނުން ހިފަމުންނެވެ. އަދި މެޗުތަކުގައި ރާއްޖެ އަށް ނަތީޖާ ބަދަލުކޮށްދިނުމުގައި ވެސް އެހީތެރިވެދެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ބޫޓާން އަތުން 4-2 އިން ރާއްޖެ މޮޅުވި މެޗުގައި ދާދު ކުޅެން އެރީ މެޗުގެ ނަތީޖާ އެއްވަރުވެފައި އޮއްވަ އެވެ. މެޗުގެ ފަހު 10 މިނިޓަށް ކުޅެން އަރައި ދާދު ވަނީ އެ މެޗުގައި ލަނޑު ޖަހައި ރާއްޖެ މޮޅު ކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.

މި އަހަރު ކުރީކޮޅުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބު ކޮށްދިނުމުގައި ދާދުގެ ދައުރު ބޮޑެވެ. އަދި އޭގެ ފަހުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކަށް ޓީސީ އެރިއިރު، ދާދު ވަނީ ލީގުގެ ދެ ވަނަ ބުރުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދިވެހި ޕްރިމިއާ ލީގަށް ޓީސީ ވާދަކުރަމުން އަންނައިރު މުހިއްމު މެޗުތަކުގައި ދާދު އަންނަނީ ތަފާތު ދައްކަމުންނެވެ.

ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ވަނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި އޭނާގެ ރޭވުންތަކެއް ވެސް އެބަހުރި ކަމަށް ބުނެފަ އެވެ. އަދި ފުރުސަތު ލިބޭ ވަރަކަށް ޓީމުން ޒުވާން ކުޅުންތެރިންނަށް ޖާގަ އިތުރުވާނެ ކަމަށެވެ.

ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮތް އޮމާނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ހަތަރު މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖެ އާއި ފަލަސްތީން ކުޅޭ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރު އެވެ.