ރާއްޖެ އަކީ އެކުވެރިއެއް، އެކަމަކު ބޭނުންވަނީ މޮޅެއް: ފަލަސްތީން

އޭޝިއަން ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި މިއަދުގެ މެޗަށް ނުކުންނައިރު ރާއްޖެ އަކީ އެކުވެރި ގައުމެއް ކަމަށާއި އެހެން ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު ބޭނުންވަނީ މޮޅެއް ކަމަށް ފަލަސްތީންގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނެފި އެވެ.


ފަލަސްތީނުން 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް އޭޝިއަން ކަޕަށް ކޮލިފައިވީ 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަދި 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ފަލަސްތީނުން ދަތުރުފެށީ މިދިޔަ މާޗް މަހު މާލޭގައި ކުޅުނު މެޗުން 3-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.

"ރާއްޖެ އަކީ އަހަރެމެންގެ އެކުވެރިއެއް. އެކަމަކު ފުޓްބޯޅައިގައި ކޮންމެ ޓީމެއް ވެސް ބޭނުންވާނީ މޮޅެއް. ހާއްސަކޮށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަހަރެމެންނަށް ކުޅެން ލިބެނީ މަދު ފުރުސަތެއް. އޭގެ ބޭނުން ހިފަން ބޭނުން،" މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަރަކާތު ބުންޏެވެ.

ފަލަސްތީންގެ ކޯޗު އަބްދުލް ނާސިރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮލިފައިންގައި ފަލަސްތީން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އަލް ރާމްގައި ކުޅެގެން ވަނީ އޮމާންގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ. އޭގެ ފަހުން ދެ ވަނަ މެޗު ކުޅުނީ ހެބްރަންގައި ބޫޓާނާ ދެކޮޅަށެވެ. އެ މެޗުން މޮޅުވީ 10-0 އިންނެވެ. ރާއްޖެއާ ދެކޮޅަށް މިރޭ ކުޅޭ މެޗު އޮންނާނީ ޖެނިންގަ އެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ފަލަސްތީނަށް ވަނީ އޭޝިއަން ކަޕުގެ ޖާގައެއް ލިބިފަ އެވެ. ބަރަކާތު ބުނީ ކޮލިފައިން ނިންމާލަން ބޭނުންވަނީ 100 ޕަސެންޓް ރެކޯޑަކާ އެކު އެވެ.

ބޫޓާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ފަލަސްތީންގެ ބައެއް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ޖޯޑަން ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ މަހްމޫދު ވާދީ ހިމެނެ އެވެ. އަދި އޭގެ އިތުރުން ވެސް ފަލަސްތީން ކޮލިފައިވެފައި އޮތުމުން ބައެއް މުހިއްމު ކުޅުންތެރިން ވަނީ ކްލަބުގައި ކުޅެން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޗިލީ ލީގުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ.

މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރު އެވެ.