ފަލަސްތީން އަތުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ފަލަސްތީން އަތުން 8-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.


މިއީ ފާއިތުވި ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ސީނިއާ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ.

މި މެޗަށް ނުކުތްއިރު ވެސް ފަލަސްތީނަށް ވަނީ އޭޝިއަން ކަޕުގެ ޖާގައެއް ޔަގީންވެފަ އެވެ. އަދި މިއަދު މި ގްރޫޕުގެ އަނެއް މެޗުގައި ބޫޓާންގެ މައްޗަށް 4-2 އިން ކުރިހޯދައި އޮމާން ވެސް ވަނީ އޭޝިއަން ކަޕުން ފުރުސަތު ހޯދައިފަ އެވެ.

ކޮންމެ ޓީމެއް ފަސް މެޗު ކުޅުނުއިރު ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފަލަސްތީން އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮމާނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އަހަރު މާޗް 27 ގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭނީ ބޫޓާނާ އެވެ.

މި މެޗަށް ނުކުތްއިރު ރާއްޖެ ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ އެންމެ ފަހުން އޮމާން މެޗު ގެއްލުނު ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މެޗު ފެށި އެވެ. އަދި މުހައްމަދު އުމެއިރު ބެންޗުގައި ހުރިއިރު އަހުމަދު ރިޒުވާން (ރިޒޭ) އާއި ނާއިޒު ހަސަން (ދާދު) ވަނީ ފުރަތަމަ އެގާރައިގައި ޖާގަ ދަަމަހައްޓައިފަ އެވެ. އަދި މުހައްމަދު ރަޝީދު (ހޮކޭ)ގެ ބަދަލުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ އަލުން ފުރަތަމަ އެގާރައިން ޖާގަ ހޯދައިފަ އެވެ.

ފަލަސްތީނުގެ ޖެނިންގައި ހުންނަ އަރަބް އެމެރިކަން ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ 33 މިނިޓް ތެރޭ ފަލަސްތީނުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ފަނަރަ މިނިޓް ތެރޭ އިތުރު ހަތަރު ލަނޑު ޖެހި އެވެ.

މެޗުގެ ހަ ވަނަ މިނިޓްގައި ފަލަސްތީނަށް ލީޑުނަގައިދިނީ ޖޮނަތަން ޒޮރީލާ އަރިމަތިން ނަގައިދިން ހުރަހަކުން އެ ޓީމު ކުރިއަށް ކުޅޭ މަހުމޫދު ޔޫސުފް ބޮލުންނެވެ. އޭނާ މި ލަނޑު ޖެހީ ހުސްކޮށް ކަހަލަ ގޮތަކަށް އަރަ އެވެ.

އޭގެ ދެ މިނިޓް ފަހުން ރާއްޖެ އޭރިއާ ތެރެއިން ފަަލަސްތީނުގެ ތަމެރް ސޭޔަމް ހުަސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރަށެވެ.

ފަލަސްތީންގެ ލަނޑާ އެކު ރާއްޖޭން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރަމުން ދަނިކޮށް މައްސަލަ ދިމާވީ ލިބުނު ކޯނަރަކުން ފަލަސްތީނުން ދެ ވަނަ ލަނޑެއް ޖެހުމުންނެވެ. މި ލަނޑަކީ މެޗުގެ 15 ވަނަ މިނިޓްގައި ފަލަސްތީންގެ ޒޮރީލާ ނަގައިދިން ކޯނަރަކުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ބޯޅަ ހިފަން އުޅެނިކޮށް އަތުން ދޫވެގެން ފަލަސްތީންގެ ހައިތަމް ތީބް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަހުން ފަލަސްތީނުން ފޮނުވާލީ ނުރައްކާތެރި ދެ ހަމަލާއެއް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ދާދު ހުސްކޮށްލާފައި އަލީ ފާސިރު (ސެންޓޭ) އަށް ދިން ބޯޅަ އޭނާ ފޮނުވާލަން ލަސްކުރުމުން ފަލަސްތީން ކީޕަރު ރަމީ ހަމަދާ ވަނީ ބޭރުކޮށްލައިފަ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ދާދު އަށް ލިބުނު ހުސް ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސެންޓޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އެ ބޯޅަ އެ އަށް ވުރެ ރަނގަޅަށް ފޮނުވާލުމުގެ ފުރުސަތު ސެންޓޭ އަށް އޮތެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ފަލަސްތީންގެ ތިން ވަނަ ލަނޑު ޖެހީ ސަމީހު މަރާބިއާ އެވެ. ރާއްޖެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ރޮނގު ކައިރިން ސަމީހު ފޮނުވާލި ބޯޅަ ތިރިތިރިން ގޯސް ވަނީ ގޯލުގެ ކައިރީ ކަނަށެވެ. އޭގެ ދެ މިނިޓް ފަހުން ލިބުނު ކޯނަރަކުން ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ބޭރުކޮށްލުނެވިގެން އުޅެނިކޮށް ފަލަސްތީންގެ ހަތަރު ވަނަ ލަނޑު ޖެހީ މަހުމޫދެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުރިއަށް ކުޅޭ ކުޅުންތެރިން މަސައްކަތް ކުރީ އަަވަސް ކުޅުމާ އެކު އެޓޭކް ގިނަ ކުރުމަށެވެ. އެހެން ނަމަވެސް ލިބޭ ފުރުސަތުތަކުގައި އެންމެ ރަނގަޅު ބޯޅަ ނުކުޅެވުނެވެ. އަދި ދަގަނޑޭގެ ބޭނުން ވެސްް އެންމެ ރަނގަޅަށް ނުުހިފުނެވެ.

ދެ ވަނަ ހާފް ފަށައިގެން ހަ ވަނަ މިނިޓް ތެރޭގައި ރާއްޖެ އަށް ލަނޑު ޖަހައިދިނީ ދާދު އެވެ. އަރިމަތިން ރިޒޭ ހުސްކޮށްލާފައި އޭރިއާ ތެރެެއަށް ތިރިތިރިން ނަގަައިދިން ބޯޅަ ދާދު ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އޭގެ ފަހުން ކުޅުނު އަށް މިނިޓް ތެރޭ ފަލަސްތީނުން ވަނީ އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ. މި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ސަމީހު އެވެ. އަނެއް ލަނޑު ޖެހީ ޒޮރީލާ އެވެ. މި ހަތަރު ގޯލަކީ ވެސް ރާއްޖޭގެ ޑިފެންސްލައިނުގެ ތެރެއިން ވަރަށް އާދައިގެ ގޮތަކަށް ވަދެގެން ދިޔަ ގޯލުތަކެކެވެ. އަދި ފަލަސްތީނުގެ އަށް ވަނަ ގޯލަކީ ކީޕަރު ފައިސަލް އަތުން ހެދުނު ގޯހަކުން ފަލަސްތީނުން ޖެހި ގޯލެކެވެ.

އޭގެ ފަހުން ރާއްޖޭން ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ވަހީދު (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައިފަ އެވެ. އަދި ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ކުޅެން އެރި އެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކުގައި ރާއްޖެ އަށް އިތުރު ލަނޑެއް ޖަހަން ދަގަނޑޭ އާއި ސެންޓޭ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނެވެ.

މި މެޗުގެ ކުރިން ރާއްޖޭގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނީ 34 ގަޑިއިރުގެ ދަތުރެއް ކޮށްފައި އައިސް ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި އެހެން ނަމަވެސް މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެއީ ޝަކުވާ އަކަށް ހަދައިގެން އެ ވާހަކަ ނުދައްކާނެ ކަމަށެވެ.

މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ޖުމްލަ ގޮތެއްގައި ފެނުނީ އެހެން މެޗުތަކަށް ވުރެ އާދައިގެ ކުޅުމެކެވެ. ރާއްޖޭގެ ގައުމީ ޓީމު އެސިސްޓަންޓް ކޯޗު ކަމުން އިސްމާއިލް މަހްފޫޒް (އިންމަ) ވަކިވެފައިވުމުން މި މެޗުގައި ޓީމަށް އިރުޝާދުދިނުމުގައި އުޅުނީ ކޯޗު ސްޓެވާޓް އެކަންޏެވެ.