ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން

މެޗު ލަސްކޮށްގެން ވަކި ކަމެއް ހާސިލްކުރަން ވެގެން ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ދަނޑަށް އަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


އިއްޔެ އއ. މާޅޮސް އަތުން ތިނަދޫ މޮޅުވީ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވައްދާލި ލަނޑާ އެކު 2-1 އިންނެވެ. މި މެޗުގެ ދެ ވަނަ ހާފުގައި މާޅޮހުން ނަތީޖާ ހަމަހަމަކުރުމާ އެކު ފަހު 25 މިނިޓްގައި އެ ޓީމުން ވަރަށް ބޮޑަށް މެޗު ލަސްކުރަން މަސައްކަތްކުރި އެވެ. މިކަމާ ތިނަދޫގެ ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރަމުންދިޔަ އެވެ.

މެޗަށް ފަހު ސުޒޭން ބުނީ މި ގޮތަށް ފުޓްބޯޅައިގައި ހޯދޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"މި ފެންވަރުގައި އަޅުގަނޑުމެން ކުރާނަމަ އަޅުގަނޑުމެން ނުކުރަންވީ. އެއީ އަޅުގަނޑުމެން ފުޓްބޯޅައިގައި މި ދައްކަނީ މި ތަަނަކަށް މީހެއް ނުވަދެޔޭ. ސަޕޯޓަރުން އަންނާނެ ކަމެއް ނެތް މި ބޯޅަ ބަލާކަށް މިތަނަން. އެއީ 45 މިނިޓް ތެރޭ 45 ފަހަރު ސްޓެޗަރު އަރުވާތަން ނުބެލިގެނެއް ނޫން މި އުޅެނީ،"

ސުޒޭން ބުނީ 2008 އިން ފެށިގެން މި ކަހަލަ ކަންތައްތަކާ ތަކުރާރުކޮށް ކުރިމަތިލާން ޖެހޭ މިންވަރު ގިނަވަމުން އަންނަ ކަމަށާއި މިއީ ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށެވެ.

"މިކަން ހުއްޓުވަން ކޮންމެެސް ބަޔަކު ކޮންމެވެސް ކަމެއް ކުރަން ވެއްޖެ. މި ރާއްޖޭގެ ކޯޗަކު މި ކަމާ ބެހޭގޮތުން ވާހަކަ ދެއްކީ އެކީ ނޫން. މި ރާއްޖޭގައި މިކަން ކުރާ ބަޔަކު މިކަމާ އުޅުނީއެއް ނޫން. މިކަމަށް ކޮންމެވެސް ބަޔަކު ކޮންމެވެސް ކަމެއް ކުރަން ޖެހޭ،" ސުޒޭން ބުންޏެވެ.

ސުޒޭން މާޒިޔާ އަށް 2015 ވަނަ އަހަރު ކޯޗުކޮށްދިންއިރު އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖުގައި މާޒިޔާއާ ދެކޮޅަށް ކުޅެ އީގަލްސް 1-1 އިން އެއްވަރުކުރިއިރު މެޗު ލަސްކުރުމަށް ގިނަ ކަންތައްތަކެއް ފެނިގެންދިޔަ އެވެ. އެ މެޗަށް ފަހު ވެސް ސުޒޭން ވަނީ މެޗު ލަސްކުރުމަކީ ފުޓްބޯޅަ ހަލާކުކުރުން ކަމަށް ދެކޭ ކަމަށް ބުނެފަ އެވެ.

އިއްޔެގެ މެޗަށް ފަހު މާޅޮހުގެ ކޯޗު އަލީ ނިސްތާރު ބުނީ ލަސްކުރުމަކީ ފުޓްބޯޅައިގައި ކޮންމެ ތާކުގައި ވެސް އޮންނަ ކަމެއް ކަމަށެވެ.