ޔޫތު ފުޓްބޯޅަ މުބާރާތް އަންނަ މަހު 21 ގައި

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އެފްއޭއެމުން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތް އަންނަ މަހު 21 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.


އެފްއޭއެމުން މި އަހަރު އާ ފޯމެޓަކަށް މުބާރާތްތައް ކުރިއަށް ގެންދަން ތާވަލްކުރިއިރު މި އަހަރު ކުރީކޮޅުގައި އާއްމުކުރި އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި ޔޫތު ޗެމްޕިއަންޝިޕް ހިމަނާފައެއް ނުވެ އެވެ. އެހެން ނަމަވެސް އޭރު ވެސް އެފްއޭއެމުން ވަނީ އެ މުބާރާތް ބާއްވާނެ ކަމަށް ބުނެފަ އެވެ.

އަންނަ މަހު 21 ވަނަ ދުވަހު ފަށާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހު ތިން ވަނަ ދުވަހާ ހަަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެފްއޭއެމުން ބުނީ އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމުގެ އިތުރުން މާލޭ ލީގުގައި ވާދަކުރި ޓީމުތަކަށް ކަމަށެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ދެ ވަނަ ފަހަރަށް ހޯދީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.

މިދިޔަ ދެ އަހަރު ޗެމްޕިއަންކަން ހޯދި އީގަލްސް އިން މި އަހަރު ތަށި މިލްކު ކުރަން ނުކުންނައިރު އަންނަ ހަފްތާގައި ފަށާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭނީ އީގަލްސްގެ ޔޫތު ޓީމެވެ.

ޔޫތު ޗެމްޕިއަންޝިޕަކީ ފުރަތަމަ ޑިވިޝަނަށް ޒުވާން ކުޅުންތެރިން ތައާރަފް ވުމަށް ރަނގަޅު މުބާރާތެކެވެ. މި މުބާރާތުގެ ތެރެއިން އައި ބައެއް ކުޅުންތެރިން މިހާރު އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. އޭގެ ތެރޭގައި އީގަލްސްގެ މިހާރުގެ ފޯވާޑް އިބްރާހިމް މުބީން (މުއްކި) އާއި އަންސަރު އިބްރާހިމް އަދި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި އަމްދާން އަލީ (އެންޑީ) އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރިޒުވާން (ރިޒޭ) ހިމެނެ އެވެ.