ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ޒަޔާން (ވ.2)އާ ތަށި ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން ޒަޔާން ޒަކީ އަދި އަންހެން ޗެމްޕިއަންކަން އައިމިނަތު ނަބީހާ ރޭ ހޯދައިފި އެވެ.
ފުރަތަމަ ޑިވިޝަން އަންހެން ފައިނަލުން ނަބީހާ މޮޅުވީ މިދިޔަ އަހަރުގެ ޗެމްޕިއަން މައިސާ ފަތުހުﷲ އިސްމާއިލް ބަލިކުރުމަށް ފަހު އެވެ.
އުމުރުން 17 އަހަރުގައި މައިސާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުން އޭނާ ތާރީހުގެ ތެރެއަށް ވަނީ ބެޑްމިންޓަން ގައުމީ މުބާރާތުގެ ސިންގަލްސް ތަށި ހޯދި އެންމެ ޒުވާން އަންހެން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެކަމަކު މި ފަހަރުގެ ފައިނަލްގައި އެ ކާމިޔާބު ދެމެހެއްޓޭ ވަރެއް ނުވި އެވެ. ނަބީހާ މޮޅުވީ 22-20، 10-21 އަދި 21-14 އިން ސެޓްތައް ގެންގޮސްގެންނެވެ.
ފިރިހެން ބައިގެ ފައިނަލަށް ޒަޔާން ދިޔައީ މިދިޔަ އަހަރު ފައިނަލުގައި އޭނާ އަތުން މޮޅުވެ ޗެމްޕިއަންކަން ހޯދި މުހައްމަދު ސާރިމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލުގައި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަޖުފާން ރަޝީދާ ވާދަކޮށް ޒަޔާން މޮޅުވީ ސީދާ ދެ ސެޓުން، 21-18، 21-18 އިންނެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނީލާ ނަޖީބާއި އަފްނާން ރަޝީދެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ފާތުމަތު ނަބާހާ އެވެ. އަދި ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއު އެވެ.
ހަތަރު ކެޓަގަރީ އަކުން ޗެމްޕިއަންކަން ހޯދި ޝިފްނާ (ވ)އާ ތަށި ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ހުސެއިން މުހައްމަދެވެ. މި ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފިޔާޒާއި އަހުމަދު ޝަރީފެވެ.
ދެ ވަނަ ޑިވިޝަންގެ އަންހެން ސިންގަލްސް އާއި އަތޮޅު ލީގުގެ އަންހެން ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދީ ޝިފްނާ ހުސެއިން އެވެ. އަދި ދެ ވަނަ ޑިވިޝަންގެ އަންހެން ޑަބަލްސް އާއި އަތޮޅު ލީގުގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޝިފްނާ އާއި ނާޒިމާ މުހައްމަދެވެ. ދެ ވަނަ ޑިވިޝަނާއި އަތޮޅު ލީގުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފިޔާޒު އާއި އައިމިނަތު ނަސީމާ އެވެ.
ޝިފްނާ އަކީ މި ފަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ. ފާއިތުވި ތިން އަހަރަށް ބަލާއިރު އަތޮޅު ލީގާއި ދެ ވަނަ ޑިވިޝަނުގައި އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދި އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު އިކުރާމް ބަލިކުރުމަށް ފަހު އިބްރާހިމް ނަޝީދެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮފްވާން
05 December 2017
މުބަރާތައް ގައުމުތަކުގައި ޓްރެއިނިން ހެދި ކުދިންނަށް ސަލާމޭ. އަންނަ އަހަރު ވާނެ ޔޫރަޕަށް ޓްރެއިނިންއަށް ޖައްސާލަން
ތަލަބޯ
05 December 2017
ގައުމީ ޗެމްޕިއަނުން އަންހެން އަދި ފިރިހެން ބަލިކޮއް އާދައިގެ ކުޅުންތެރިން ހޯދި ކާމިޔާބަށް މަރުހަބާ.
މުހަންމާ
05 December 2017
ކޮބާތަ ފޮނިކެނޑީ ‘ރަޝީދްސް’ ލޮލް
ފޭމްސް
05 December 2017
ކަލޯ އެމީހުން ފޭސްބުކްގަ ޖަސްޓިފައިންގަ. އިންސްޓާގަ ފޮނިކެނޑުމުގަ.