ކުޅިވަރު / ގައުމީ ބެޑްމިންޓަން މުބާރާތް

ޒަޔާނަށް ނުވާނެޔޭ ބުނި އެކަމަކު މިހާރު އެންމެ އުހުގައި

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން ޒަޔާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

10 ޑިސެމްބަރ 2017 - 09:16

happy icon 79%

"ޒީރޯ ސްކިލްސް. ޒީރޯ ޓެލެންޓް"

މިއީ އުމުރުން އެންމެ 11 އަަހަރުގައި ހުސެއިން ޒަޔާން ޝަހީދު ޒަކީ އަށް ބެޑްމިންޓަނުން ކުރިއަށްދިއުމަށް ކުރި ހުވަފެނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ކޯޗަކު ކޮންމެ ވިސްނުމެއްގައި އެހެން ބުނި ކަމުގައި ވިޔަސް އޭގެ 12 ވަރަކަށް އަހަރު ފަހުން ތަފާތު ގޮންޖެހުންތަކާއި އެކި ގުރުބާނީ ތަކާ އެކު ޒަޔާން ވަނީ ގައުމީ ބެޑްމިންޓަން ތަށި އުފުލާލައިފަ އެވެ.

"އޭރު ވެސް ވާނެ ވައިޑީޕީ ތްރޫ ކޮށް ކުޅެން އަންނަތާ ފަސް އަހަރު ވަރު. އޭރު 9 އަހަރުން ދަށާއި 12 އަހަރުން ދަށުގެ މުބާރާތްތަކުން އެއް ވަނަ ވެސް ހޯދާފައި ހުންނާނީ. ދިވެހި ކޯޗެއް ހަމަަ ދެ ގްރޫޕަކަށް ބަހާލާފައި ބުނީ މި ކުދިން ހަމަ ރަނގަޅުވާނީ އިތުރަށް ނުކުޅުނިއްޔާއޭ. ޒީރޯ ސްކިލްސްއޭ ޒީރޯ ޓެލެންޓޭ އެހެން ކަމަކާ އުޅުނިއްޔާއޭ ރަނގަޅުވާނީ. އޭރު ދެން ހުރިހާ އެއްޗެއް ވެސް މަންމަމެންނަށް ކިޔައިދެން ގެޔަށް އައިސް. މަންމަ ވެސް ވަރަށް ވަރަށް ހިތްހަމަ ނުޖެހުނު. ހަގީގަތުގައި އެހެން ވިޔަސް މާ ބޮޑަކަށް އެކަމާ މެދު ނުވިސްނަން ކުޑަވެސް ވީމަ ކަންނޭނގެ. އެކަމަކު އަބަދުވެސް ހަނދާން ހުރޭ،" އުމުރުން 24 އަހަރުގެ ޒަޔާން އެ ދުވަހުގެ ހަނދާންތައް "މިހާރަ"ށް ކިޔައިދިނެވެ.

ޒަޔާން ބުނީ ކޮންމެ ގޮތެއްވިޔަސް އޭނާ އެކަން ދެކުނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ. އަދި މީހަކު ބުނިބުނަމަކަށް ބަލައިގެން ޒަޔާން ކުރަމުން އައި މަސައްކަތް ހުއްޓާލަކަށް އޭނާ ބޭނުމެއް ނުވި އެވެ. އާ ހިތްވަރާ އެކު އޭނާ އަމިއްލަ ނަފްސަށް ކުރި ޗެލެންޖަކީ އޭނާ އަށް ނުވާނެ ކަމަށް ބުނިބުނުން ގޯސްކޮށް ސާބިތުކޮށްދިނުމެވެ.

"ވަރަށް ޕޮޒިޓިވް ކޮށް ނެގޭތޯ ބެލީ. އެނގޭ އޭރުވެސް އޭޖް ގްރޫޕްތަކުގައި ރިޒަލްޓް ލިބޭކަން. ދެން އެހެންވީމަ މާ ބޮޑަށް ނެގެޓިވް އަށް ނުބަލާ ހަމަ. އެމީހުން ގޯސްކަން ސާބިތުކޮށްދެވޭތޯ ބެލީ. ކަންދިމާ ކުރި ގޮތުން ގައުމީ ފައިނަލް ކުޅުނުއިރު އެ ކޯޗު ވެސް ބަލަންއިން. ވަރަށް އުފާވެސްވި އެކަމާ. އެހެން މީހަކު ބުނާ އެއްޗަކަށް ޑިޕެންޑްނުވާންވީ. ގަބޫލުކުރަންވީ މަސައްކަތް ކޮށްފިއްޔާ ވާނެކަން. އަބަދުވެސް ތިބޭނެ ނެގެޓިވްކޮށް އެއްޗެހި ބުނާނެ މީހުން. އެކަން ގަބޫލުކޮށްގެން ކުރިއަށްދިޔައީޔާ އެކަން ވާނެ. ދެން ގަބޫލުކުރަންވާނެ ހެޔޮއެދޭ މީހުންވެސް ތިބޭނެކަން. އެމީހުންގެ ސަޕޯޓް ވެސް އެބައޮތްކަން،" ޒަޔާން ބުންޏެވެ.

ސްކޫލު ދައުރުން ފެށިގެން ޒަޔާން ވަނީ ކިޔެވުމާއި ބެޑްމިންޓަންގައި އެއް ފެންވަރެއްގައި ހިފަހައްޓައިފަ އެވެ. އަދި އޭލެވެލް އަށް ފަހު އިނގިރޭސިވިލާތުގައި ޑިގްރީ އިން ސްޕޯޓްސް، ހެލްތު އެންޑް އެކްސަސައިޒް ސައިންސަސް އަށް ކިޔަވަން ހުރިއިރު ވެސް ލިބޭ މަދު ވަގުތުގައި ވެސް ޒަޔާން ބެލީ އޭނާ އެންމެ ކުޅޭ ހިތްވާ ކުޅިވަރުން ކުރިއަށްދިއުމަށެވެ.

ޒަޔާން (ކ.2) ގައުމީ ބެޑްމިންޓަން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަސްލު ވަރަށް އުނދަގޫ. ކުރިން ވެއްޖިއްޔާ ސްކޫލުގައި އުޅެމުން ފަރިތަކުރާއިރު. އެއީ އަބަދުވެސް ބޭރުގައި ދެ އެތުލީޓަކު ހުންނާނެ ޓްރެއިންކުރަން. ދެން އެމީހުންނާ ވާދަކުރަން ވަރަށް އުނދަގޫވާނެ. ފުލްޓައިމްކޮށް ކުޅޭ ކުޅުންތެރިންނާއި ޕާޓް ޓައިމްކޮށް ކުޅޭ ކުޅުންތެރިންނާ ވަރަށް ތަފާތުވާނެ. އޭ ލެވެލް މާލޭގައި ނިންމި ގޮތަށް ދެން ދިޔައީ ޔޫކޭ އަށް ޑިގްރީ ނަގަން. ކިޔަވަން އުޅުނުއިރު ވެސް ފުލްޓައިމްކޮށެއް ނުކުޅެން. ވަރަށް ބިޒީކޮށް އުޅުނީ ޔުނިވަސިޓީ ޓީމާ އެކު ފަރިތަކުރީ. އެވެސް ހަފްތާ އަކު ތިން ދުވަހު އެންމެ ގިނަވެގެން. ޓާގެޓަކަށް ބެލީ އެ ތިން އަހަރުގައި ވެސް މެއިންޓެއިން ކުރެވޭތޯ،" ޒަޔާން ބުންޏެވެ.

ޑިގްރީ އަށް ކިޔަވަން ހުރިއިރު ހަފްތާ އަކު ކުޅެލަން ލިބުނު މަދު ވަގުތުތަކުގައި ބޭނުންހިފުމަކުން ޒަޔާން ބެޑްމިންޓަނަށް ދިން މުހިއްމުކަން ނުނިމެ އެވެ. އޭނާ ވަނީ ޑިގްރީ އަށް ކިޔަވަން ހުއްޓައި ލިބުނު ހުރިހާ ޗުއްޓީއެއްގައި މާލެ އައިސް ގައުމީ ޓީމުގައި ޖާގަ ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފަ އެވެ.

"ލިބޭ ފުރުސަތުގައި އެސޯސިއޭޝަނާ ވާހަކަ ދައްކައިގެން ސިލެކްޝަން ތެރެއިން ހޮވިގެން މުބާރާތްތަކަށް ވެސް ދިޔައިން. ޓާގެޓަކަށް ބެލީ ޑިގްރީ ނިންމާފައި މިކަމަށް ހުސްވެލައިގެން ހިފަހައްޓާލެވިއްޖިއްޔާ ގައުމީ ތަށި ނެގޭނެކަމަށް. އިރާދަކުރެއްވިއްޖިއްޔާ ލިބިއްޖެ. އެއްވެސް ޗުއްޓީއެއް ލިބުނަސް އެކޮޅުގައި މަޑެއް ނުކުރަން އަވަހަށް އައިސް ކުޅެނީ ގައުމީ ޓީމުގައި އުޅެން ބޭނުންވާތީ،" ޒަޔާން ބުންޏެވެ.

ޑިގްރީ ފުރިހަމަ ކުރުމަށް ފަހު މިދިޔަ އަހަރު ޒަޔާން ވަނީ ވަގުތު ހުސްކޮށްގެން ބެޑްމިންޓަނުން ކުރިއަށްދިއުމަށް މަސައްކަތް ފަށައިފަ އެވެ. އެހެން ނަމަވެސް އޭނާ އަށް ކުރިމަތިވީ ބޮޑު ގޮންޖެހުމަކާ އެވެ. މިދިޔަ އަހަރު ގައުމީ މުބާރާތުގައި ކަނާތު ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އަހަރެއްހާ ދުވަހު ކުޅުމާ ދުރު ހުންނަން ޖެހުމުގެ ބިރު ހީވި އެވެ.

"މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލް ކުޅުނު ފަހުން ތަދުވާން ފެށީ ކޮނޑަށް. ދެން ނިމުނު ގޮތަށް ދިޔައީ މެލޭޝިއާ އަށް ޓްރެއިނިން ފަށަން ވެގެން. ގޮސްފައި ދެ ހަފްތާވީއިރު ވެސް ވަރަށް ބޮޑަށް ތަދުވާތީ ސްކޭން އެއް ނަގަން ނިންމީ އެ ކޮޅު ކޯޗުވެސް ބުނީމަ. ސްކޭން އެއް ނެގިއިރު އެނގުނީ ކަނާތު ކޮނޑުގެ ޓެންޑަންގައި ޕާޝިއަލް ޓެއާ އިންކަން. ތިން ޑޮކްޓަރެއް ކައިރިއަށް ދިޔައިން ސިންގަޕޫރަށް ގޮސް. އޭގެ ތެރެއިން ދެ މީހުން ވެސް ބުނީ ސާޖަރީ ބޭނުންވާނެއޭ. ސާޖަރީ އަސްލު ބެލީ ފަހު އޮޕްޝަނަކަށް. ކޮނޑުވެފައި ބެޑްމިންޓަންވީމަ އެންމެން ބުނަނީ ސާޖަރީއެއް ވެއްޖިއްޔާ މުޅި އަހަރު ގެއްލޭނެއޭ. ވަރަށް އުނދަގޫވާނޭ ރިކަވާވާން. އެކަމަކު ސާޖަން އަކަށް ދެއްކީމަ އޭނަ ބުނީ ފުލް ޓެއާ އެއް ނެތީމަ ދެ މަސް ވަންދެން ރިހެބިލިޓޭޝަން ނަގަން. ދެން މެލޭޝިއާ އަށް ގޮސް ނެގީ،" ޒަޔާން ބުންޏެވެ.

އިންޖަރީ އަކީ ކޮންމެ އެތުލީޓަކަށް ވެސް އެންމެ އުނދަގޫ ދުވަސްތަކެވެ. ގައިގައި އަޅާ ވޭނުގެ އިތުރުން ދެން ވިސްނަން ޖެހެނީ މާ ބޮޑު ކަމަކާ އެވެ. އެއީ އަނިޔާއިން ރަނގަޅުވެ އަލުން ކުޅެން ނުކުންނައިރު ކުރިން ހުރި ކޮންފިޑެންސް ލެވެލް ހުންނާނެތޯ އުފެދޭ ސުވާލެވެ. ޒަޔާން ވެސް ހުރީ އެ ބިރެއްގެ ތެރޭގަ އެވެ.

"އޭޕްރީލް މަހު ދިޔައީ އަނެއްކާ ސިންގަޕޫރަށް އެ ސާޖަން އަށް ދައްކަން. ދެން އޭރު އެމްއާރްއައި ހެދިއިރު އޯލްކްލިއާ ހަމަ. ދެން އެސޯސިއޭޝަނުން (ބީއޭއެމް) ސަޖަސްޓްކުރީ މާލެ އައިސްފައި ޒިނާން ކައިރިއަށް ރިހެބިލިޓޭޝަން ކުރިއަށް ގެންދަން. އެއީ ޖޫން މަހު މޮރިޝަސްގައި އޮތް މުބާރާތަަކަށްދާން. ދެން މާލެ އައިސް ޒިނާންއާ އެކު ހަ ހަފްތާގައި ފުލްކޮށް ވޯކްކޮށްފައި. އޭރުކިރިޔާ ރެކެޓެއްގައި އަތްލެވެނީ މޮރިޝަސް މުބާރާތަށް ދިޔައިރު ޓޯނަމެންޓް ފިޓެއް ނޫން. ހަމަކިރިޔާ ކުޅެލެވޭ ވަރު ވަނީ. އެކަމު ރަނގަޅު ފުރުސަތެއްވީމަ ދިޔައީ ކަންދިމާކުރި ގޮތުން މެޑަލް ވެސް ލިބުނު މިކްސް ޑަބަލްސް އިން ނަބާއާ އެކު ބްރޯންޒެއް. ދެން އެ މުބާރާތަށް ފަހު މެލޭޝިއާ އަށް ގޮސް ރޯދަ މަސް ނިންމާފައި ދެން އަސްލު ޓްރެއިނިން ފެށުނީ. އެ ހިސާބުން ފެށިގެން ހަތަރު މަސް ޓްރެއިނިން ވަރަށް ރަނގަޅަށް ދިޔައީ،" އިންޖަރީގެ ވާހަކަތައް ޒަޔާން ކިޔައިިދިނެވެ.

ޒަޔާންގެ ހަޔާތުގައި މިހާތަަނަށް ދިމާވި ހުރިހާ ޗެލެންޖެއްގައި ވެސް އެންމެ އެހީތެރިވި އެއް ބަޔަކީ އާއިލާ އެވެ. އޭގެ ތެރެއިން ވެސް އޭނާގެ އެއް ވަނަ ސަޕޯޓަރު އަދި އެންމެ ބޮޑު އެއް އެހީތެރިއަކީ ޒަޔާންގެ ދައްތަ އަދި ޖެންޑަ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ. ގައުމީ ފައިނަލްގައި މި ފަހަރު ޒަޔާން ކުޅެމުން ދިޔައިރު، އޭނާ އަށް އެންމެ ބޮޑަށް ހިތްވަރު ދިނުމުގައި ހުރީ ވެސް ޒެނީޝާ އެވެ.

ޒަޔާން (ކ) އާއި އޭނާގެ ދައްތަ ޒެނީޝާ.

"އަސްލު ދައްތަ (ޒެނީޝާ)ގެ ސަޕޯޓް އެންމެ ކުޑައިރުއް ފެށިގެން ވެސް ލިބޭ. ދައްތަ އާއި މަންމަ އަދި ބައްޕަ ފެމިލީ އެންމެންގެ ސަޕޯޓް. ބެޑްމިންޓަން ވެސް އެހެން ކަންތަކުގައި ވެސް ވަރަށް ސަޕޯޓިވް ވާނެ. ދައްތަ ކިތަންމެ ބުރަކޮށް އުޅުނަސް މުބާރާތް އޮންނަ ޑޭޓް ބަލާފައި މެޗުތައް އޮންނަ ގަޑި ބަލާފައި ހުސްކޮށްދޭނެ އެ ވަގުތު. ދައްތަ ވެސް މަންމަ ވެސް އަދި ބައްޕަ ވެސް. އެމީހުންގެ ސަޕޯޓާ ނުލާ މިހިސާބަށް ނުވެެސް އާދެވޭނެ. ދެން މަންމަ އަބަދުވެސް ދޭ ނަސޭހަތެއް ކުރާހިތްވާ ކަމެއް ވިއްޔާ ކުރިއަށްދާށޭ ކާމިޔާބު ލިބޭނެޔޭ،" އާއިލާއާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ހެވިފައި ހުރެ ޒަޔާން ބުންޏެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ސީނިއާ ޓީމާ އެކު ޒަޔާން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށިއިރު، އޭރު ސީނިއާ ކުޅުންތެރިން ގިނަ އެވެ. އޭރުގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ހުރި ގިނަ ގޮންޖެހުންތަކާ އެކު ވެސް ކުރި މަސައްކަތް ޒަޔާން ފާހަގަކުރެ އެވެ. އަދި އޭރާއި މިހާރު ހުރި ތަފާތުތަކެއް ވެސް ޒަޔާން ކިޔައިދިނެވެ.

"އަސްލު ޒަޔާން ފެށިއިރު ތިބީ ވަރަށް ސީނިއާ ކުޅުންތެރިން އަޖުފާން، އަފްޝީން ދެން ނަޝީއު، ސާރިމް މެން. ދެން ވަރަށް ރަނގަޅަށް ފެނުނު އެ ކުޅުންތެރިން ކުރި މަސައްކަތާ އެއްޗެހި. އެއް ފެންވަރެއްގައި ހިފަހައްޓައި ކުރިއަރަން. ވަރަށް ޕްރޮފެޝަނަލްކޮށް އެ ކުޅުންތެރިންކޮށް ތިބީ. ދެން މިހާރު ޒަޔާން މި މަސައްކަތް ކުރަން ޖެހެނީ ތަންކޮޅެއް ޖޫނިއާ ކުދިންނާ އެކީ އަދި އެ ކުޅުންތެރިން ޒުވާންވީމަ ޕްރޮފެޝަނަލް ވިސްނުން ނުހުންނަނީ ކަންނޭނގެ އަދި. މިއީ އެއްގޮތަކަށް ވެސް ދެރަބަހެއް ނޫން. ދެން ވަގުތުވީ ވަރަކުން އެ ކުޅުންތެރިންނަށް ވެސް ވިސްނައިދެން ޕްރެކްޓިސް ކުރާ ވަގުތުގައި އެފަޓްލައިގެން ކޮމިޓްމަންޓް ދީގެން ކުރިއަށްދާން،" ޒަޔާން ބުންޏެވެ.

ގައުމީ ބެޑްމިންޓަން ޓީމުގައި މިހާރު އޮތީ ޒުވާން ކުޅުންތެރިން ގިނަ ސްކޮޑެކެވެ. ހުނަރުވެރި ކުޅުންތެރިން ގިނަ މި ސްކޮޑުގައި އެވްރެޖް އުމުރަކީ 24 އަހަރެވެ. އަދި 21 އަހަރު ނުފުރޭ ކުޅުންތެރިން އޭގެ ގިނަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އަންނަނީ މި ކުޅުންތެރިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒަޔާން ބުނީ ބީއޭއެމް އިން ރަނގަޅު ޕްލޭނަކާ އެކު މަސައްކަތް ފަށާފައިވާ ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށެވެ. އަދި މީގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރި އެވެ.

ފައިނަލް މެޗުގެ ތެރެއިން ޒަޔާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި އަހަރު ވެސް އައިސްފި ތިން ކޯޗުން. ދެން ލޯންގް ޓާމްކޮށް އެއް ކޯޗަކު ހުރުން ވަރަށް މުހިއްމު ކަންނޭނގެ އެއީ ހުރިހާ ކުޅުންތެރިން އޭނާ އަށް އެނގި އެ ގޮތަށް ޑިވެލޮޕްވާން ފަސޭހަ ވެސް ވާނެ. ރަނގަޅު ކޯޗެއް ހުރެފައި ދެން އަސްލު ގަބޫލުކުރެވެނީ ކުޅުންތެރިންގެ ވިސްނުން ރަނގަޅުވެއްޖިއްޔާ ތަފާތު ފެންނާނީ. އަންނަ ކޯޗަކަށް އެހާ ބަރޯސާނުވެ އެހެން އުޒުރެއް ވެސް ނުދައްކާ އަމިއްލަ ބެސްޓް ޕްރެކްޓިސް ދީފިއްޔާ ނަތީޖާ ނެރެވޭނެ. އެއީ އެހެން ގައުމުތަކުގައި ވެސް އެންމެ ޓޮޕް ފިޔަވައި ހަމަ ގޮންޖެހުންތަކާ އެކު ކުރިއަށްދަނީ ދެން މިތާގައި ޓްރެއިނިން އަށް ކަނޑައަޅާފައި ހުރި ވަގުތާ އެހެން ކަންތައްތައް ވެސް ރަނގަޅު. ބީއޭއެމް ވެސް އޮތީ ރަނގަޅު ޕްލޭނަކާ އެކު،" ޒަޔާން ބުންޏެވެ.

ބީއެއޭއެމް އިން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރީ ރަން މެޑެއްޔަކަށް ޓާގެޓް ކޮށްގެންނެވެ. ކަންދިމާކުރި ގޮތުން އެ ފަހަރު ރަން މެޑެއްޔަކާ އެންމެ ގާތްކުރި އިވެންޓުގައި ޒަޔާން ވެސް ވާދަކުރި އެވެ. އެއީ ފިރިހެން ޓީމު އިވެންޓުގަ އެވެ. އެ ބައިން ރާއްޖެ އަށް ލިބުނީ ރިހި މެޑަލެވެ. ބީއޭއެމް އިން މިހާރު އަމާޒުހިފާފައިވަނީ 2019 ވަަނަ އަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔެއް ހޯދުމަށެވެ. ޒަޔާން ވެސް ހުރީ އެ އުއްމީދުގަ އެވެ.

"ޒަޔާން ވެސް މަސައްކަތް ކުރަނީ އިންޑިވިޖުއަލީ މެލޭޝިއާގައި 2019 އާ ހަމައަށް ހުރެވޭތޯ. ދެން 2019 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގޯލްޑެއް ގެނެވޭތޯ،" ޒަޔާން ބުންޏެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 7%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454