މޯލްޑިވިއަން ބަލިވުމުން ލީގު ޗެމްޕިއަންކަން މިސްކިތްމަގަށް

ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ބައިގައި އިއްޔެ ކުޅުނު މެޗުން ޕޮލިސް ކްލަބުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމުން، ބާކީ އެއް މެޗު އޮއްވައި ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމަށް ލީގު ޗެމްޕިއަންކަން ޔަގީންވެއްޖެ އެވެ.


ތިން ޓީމު ވާދަކުރާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މިސްކިތްމަގު ވަނީ މޮޅުވެފަ އެވެ. ރޭ ޕޮލިސް އަތުން މޯލްޑިވިއަން މޮޅުވިނަމަ، ޗެމްޕިއަންކަން ހޯދަން މާދަމާ މޯލްޑިވިއަންއާ ދެކޮޅަށް ކުޅޭ މެޗުން މިސްކިތްމަގަށް ބޭނުންވަނީ ޕޮއިންޓެކެވެ. އެހެން ނަމަވެސް ޕޮލިސް އަތުން މޯލްޑިވިއަން ސީދާ ތިން ސެޓުން ބަލިވުމުން މިސްކިތްމަގަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން މޯލްޑިވިއަންއާ ވާދަކޮށް ޕޮލިހުން ސެޓުތައް ގެންދިޔައީ 17-25، 08-25 އަދި 18-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފިރިހެން ބައިގެ މެޗުން ދިވެހި ސިފައިންގެ ކްލަބް ވަނީ 3-1 ސެޓުން ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 17-25 އިންނެވެ. ސިފައިން މޮޅުވީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. ސިފައިން ސެޓުތައް ގެންދިޔައީ 25-19، 25-23 އަދި 25-18 އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މުބާރާތުގައި މިއަދު އޮންނާނީ ފިރިހެން ބައިގެ މެޗުތަކެވެ. ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. މިރޭ ކުޅޭ މެޗުގައި ސީލައިފް ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ޕޮލިހާ އެވެ. މިރޭ ކުޅޭ މެޗުން މޮޅުނުވެއްޖެނަމަ ތަށްޓައް އަމާޒުކޮށްގެން މި މުބާރާތަށް ނުކުތް ސީލައިފް މުބާރާތުން ކެޓުމުގެ ފުރުސަތު އެބައޮތެވެ.