ލީގު ހޯދަން މޯލްޑިވިއަންގެ ފަހަތުގައި ސިފައިން ވިއްދާފައި

ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ބައިގެ ފަހު މެޗުތަކަށް މިއަދު ނުކުންނައިރު މޯލްޑިވިއަން ރެކްރިއޭޝަން ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނައިގައި އޮތްއިރު، މިރޭ އެ ޓީމާ ދެކޮޅަށް ދިވެހި ސިފައިންގެ ކްލަބް ނުކުންނާނީ ތަށި ދިފާއުކުރުމުގެ އުއްމީދުގަ އެވެ.


ލީގުގެ ކުރީގައި މޯލްޑިވިއަން އޮތީ 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިފައިންނަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ސިފައިންނަށް ލީގު ޗެމްޕިއަންކަން ލިބޭނީ ފަސް ސެޓަށް ނުގޮސް އެ ޓީމުން މި މެޗު ކާމިޔާބުކޮށްފިނަމަ އެވެ. އެ ނޫން ގޮތަކަށް މެޗު ނިމިއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބޭނީ މޯލްޑިވިއަން އަށެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ. ސިފައިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-23، 25-16 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިއާ މުނީރު ހާން އެވެ.

ރޭ ކުޅުނު މެޗުން ސީލައިފް ސްޕޯޓްސް ކްލަބް ވަނީ މޯލްޑިވިއަން އަތުން 3-1 ސެޓުން ބަލިވެފަ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ސީލައިފަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. މޯލްޑިވިއަން ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 24-26 އިން ސީލައިފް އެވެ. އެހެން ނަމަވެސް މޯލްޑިވިއަން ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެން ފަހަތުން އަރައި މި މެޗުން މޮޅުވެފަ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-15، 25-16 އަދި 25-14 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް މޮޅު ކުޅުމެއް ދެއްކި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ރޭގެ މެޗަކީ މި ފަހަރުގެ ލީގުގައި ކުޑަކާއްޓޭގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެއް މެޗެވެ. އޭނާ ފޮނުވާލި ގިނަ ޝޮޓްތަކެއް ހުއްޓުވަން ސީލައިފަށް ވަނީ އުނދަގޫވެފަ އެވެ.

މިއަދު ހަވީރު ކުޅޭ މެޗަކީ ގައުމީ މުބާރާތުގެ ކުރިން ޕޮލިހާއި ސީލައިފް ރަނގަޅު ފޯމަކަށް އެޅެން މުހިއްމު މެޗެކެވެ.