ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ޝެޑިއުލް: ކުޅުންތެރިންނަށް ވޭނެއް!

ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ސީޒަނުގެ ފަހުކޮޅު ކުރިއަށްދާ މުބާރާތްތަކުގައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ ކުޅުންތެރިންނާއި ކޯޗުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.


ފުޓްބޯޅަ އަށް ބަލާއިރު އެސްޓީއޯ މާލޭ ލީގާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ފުރަތަމަ ހަދާފައި އޮތީ ދެ މެޗުގެ ދޭތެރެއަށް އެކަށީގެންވާ ވަގުތު ލައިފަ އެވެ. އެކަމަކު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް މިދަނީ ވަރަށް ހަލުވި މިނެއްގަ އެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ ސެމީ ފައިނަލުގައި މާދަމާރޭ މާޒިޔާއާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗަކީ 11 ދުވަހުގެ ތެރޭ އެ ޓީމު ކުޅޭނެ ހަތަރު ވަނަ މެޗެވެ. އަދި އެ މެޗުން މޮޅުވެ ފައިނަލަށް ގޮސްފި ނަމަ ހުުކުރު ދުވަހުގެރޭ ކުޅޭ ފައިނަލަކީ 14 ދުވަހުގެ ތެރޭގައި ކުޅޭނެ ފަސް ވަނަ މެޗެވެ.

ނިއު ރޭޑިއަންޓަށް ބަލާއިރު 11 ދުވަހުގެ ތެރޭ ހަތަރު މެޗު ކުޅެފި އެވެ. އެފްއޭ ކަޕުގެ ފައިނަލުގައި ނިއު އާއި ޓީސީ 120 މިނެޓު ކުޅުމަށް ފަހު ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލަށް އެ ދެ ޓީމު ނުކުތީ، 72 ގަޑިއިރު ނުވަހީހެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ އެސިސްޓަންޓް ކޯޗަކު ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ މެޗު ޓްރެއިނިން ބާއްވާފައި ކުޅުންތެރިން ރިކަވާކުރަން ވަގުތު ނުލިބޭ ކަމަށާއި އޭގެ ސަބަބުން އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"ވަރަށް ގިނަ ކުޅުންތެރިން މިހާރު ވެސް ތިބީ އަނިޔާގައި. ބައެއް ކުޅުންތެރިން އަނިޔާގައި ތިބެ އެ ކުޅެނީ ވެސް. އޭގެ ސަބަބުން އެންމެ ރަނގަޅު ކުޅުން ނުދެއްކޭ. ޖުމްލަކޮށް ފުޓްބޯޅައިގެ ފެންވަރު ދަށް ވަނެ. އަނެއްކާ އެގޮތަށް އަނިޔާގައި ހުރެ ކުޅުމުގެ ސަބަބުން ދިގު މުއްދަތުގެ އަނިިޔާއާ ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ސީޒަން އަވަަހަށް ނިމެންޏާ ކްލަބްތަކަށް ފައިދާވާނެ ކަމަށާއި އެކަމަކު އަވަސް އަރުވާލުމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބުރަވާ ކަމަށެވެ. އަދި މޭޒު ކައިރީގައި ތިބެގެން އެއީ ވަރަށް ފަސޭހަކަމެކޭ ބުންޏަސް، އެއީ ވޭން ބޮޑު ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މިކަމަށް އޮތް ހައްލަކީ ދިރާސާކޮށް އެންމެން މަޝްވަރާކޮށްގެން ޝެޑިއުލް ހެދުން. މިސާލަކަށް މިހާރު އޮތީ އޭއެފްސީން އަންނަ އަހަރުގެ ޝެޑިއުލް ނެރެފައި. މެޗު ކުޅޭނެ ދުވަހަށް ދާންދެއް،" އޭނާ ބުންޏެވެ.

މާޒިޔާގެ ކުރީގެ ކޯޗު މަރްޔަން ސެކުލޮސްކީ ވެސް ވަނީ ޝެޑިއުލްގެ މައްސަލައިގައި ކުރިން ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން އޭއެފްސީ ކަޕުގައި ވާދަކުރިއިރު މާލޭ ލީގުގެ ޝެޑިއުލްގެ ސަބަބުން އުނދަގުލާ ކުރިމަތިވެ ސެކުލޮސްކީ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޝެޑިއުލްގެ މައްސަލައިގައި އެ އިދާރާ އަށް ޝަކުވާއެއް ނާންނަ ކަމަށާއި ގިނަ ކްލަބްތަކުން ބޭނުންވަނީ ވެސް އަވަހަށް ސީޒަން ނިންމާލައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ވަގުތު ހޯދަން ކަމަށެވެ.

"އަޅުގަނޑުމެން ސީޒަން ފެށުމުގެ ކުރިން ޝެޑިއުލް ހަދަން. އެއާ އެއްގޮތަށް މި ކުރިއަށްދަނީ. ސީޒަނުގެ ތެރެއިން ގެންނަ ބަދަލާ އެކު ވެސް އެޖެސްޓްމަންޓްތަކެއް ގެންނަން. އަބަދުވެސް ޕްރެޒިޑެންޓްސް ކަޕް ކުޅެނީ މި ޝެޑިއުލަށް. ސީޒަން ދިގުވުމަކީ ގިނަ ކްލަބްތަކަށް ކުރިމަތިވާ އުނދަގުލެއް. އެހެންވެ ގިނަ ކްލަބްތަކުން ބޭނުންވޭ އަވަހަށް ނިންމާލައި އަންނަ ސީޒަނަށް ތައްޔާރުވާން ވަގުތު ހޯދަން،" ޖަވާޒް ވިދާޅުވި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ މެޗެއްގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޮލީބޯޅައިގައި އޮތީ އަދި މިއަށް ވުރެ ބާރުބޮޑު ޝެޑިއުލެކެވެ. ގައުމީ ވޮލީބޯޅަ ލީގުގައި ބައެއް ދުވަސް ދުވަހު ރޭގަނޑު ކުޅެފައި އަނެއް ދުވަހު ހަވީރު ވެސް މެޗު ކުޅެން ޖެހެ އެވެ. އާއްމު އުސޫލުން ނަމަ ދެ ދުވަހުން އެއް ދުވަހު މެޗު ކުޅެން ޖެހެ އެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިއަކު ނަން ނުޖަހާ ގޮތަށް ބުނީ 24 ގަޑިއިރު ނުވަސްނީސް މެޗެއް ކުޅެން ޖެހުމަކީ އޭގެ ސަބަބުން ކުޅުމަށް އަސަރުކުރާ ކަމެއް ކަމަށާއި އަނިޔާގެ މައްސަލަތައް ވެސް އިތުރުވާ ކަމަށެވެ.

ޓީމެއްގެ ކޯޗަކު ބުނީ ދެ މެޗު ދޭތެރެއިން ރިކަވާވާން ވަގުތު ދޭން ޖެހޭތީ ޓެކްޓިކަލް ޓްރެއިނިން ކުރިއަށް ނުގެންދެވޭ ކަމަށާއި އެންމެ ކުޑަ މިނުން، އެއް މެޗުގައި ހެދޭ ގޯސްތައް އަނެއް މެޗުގެ ކުރިން ކިޔައިދޭނެހާ ވަގުތު ވެސް ނުލިބޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއް މެޗަށް ފަހު އަނެއް މެޗަށް ރިކަވާވާން އެކަށީގެންވާ ވަގުތު ނުލިބޭތީ އެކަމަށްޓަކައި ބައެއް ކުޅުންތެރިން އިންޖެކްޝަން ވެސް ޖަހަ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް އަދީލް (ބޭބެ) ވިދާޅުވީ ޝެޑިއުލް ހެދީ ކްލަބްތަކުގެ ލަފާގެ މަތިން ކަމަށާއި ކްލަބްތަކުން ބޭނުންވަނީ އަވަހަށް ނިންމާލަން ކަމަށެވެ.

"ބޭރުގެ ކުޅުންތެރިން ވެސް މި ލިބެނީ ވަކި ޓައިމް ލިމިޓަކަށް. ބައެއް ކުޅުންތެރިން 17 ގައި އެބަފުރަން ޖެހޭ. އެހެންވެ ކްލަބްތަކުން ބޭނުންވަނީ ވީހާ ވެސް އަވަހަށް ނިންމާލަން. އެއް ކްލަބުން އެދުނު ޝެޑިއުލް ބަދަލުކުރަން. އެކަމަކު މެޖޯރިޓީ ކްލަބްތަކުން ބޭނުމެއް ނުވި ބަދަލުކުރަން. ގިނަ ދުވަސްވާ ވަރަކަށް ކްލަބްތަކުގެ ހަރަދު ވެސް ބޮޑުވޭ،" އަދީލް ވިދާޅުވި އެވެ.

ދެ އެސޯސިއޭޝަނުގެ ވާހަކަތަކަށް ބަލާއިރު ވެސް ޝެޑިއުލް އަވަސް ކުރަނީ، ކްލަބްތަކުން ވެސް ބޭނުންވާތީ އެވެ. ދިގު ލައިގެން ދިއުމަކީ މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުމަކަށް ވާތީ އެވެ. އެކަމަކު ކުޅުންތެރިން އެއީ ބޮޑު ބުރަ އެކެވެ. އެހެންވެ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ.