މިހާރު އެވޯޑްސް: ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ގަދަ ފަހެއް ހޮވައިފި

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އާއި ޒުވާން ކުޅުންތެރިއާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.


މި އަހަރުގެ ފުޓްބޯޅަ މޫސުމުގެ ދެ ވަނަ މުބާރާތް ކަމަށް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އެ ޓީމުގެ ނާއިޒް ހަސަން (ދާދު) އެވެ.

ލީގުގެ ދެ ވަނަ ބުރުގެ ވެސް އެއް ވަނަ ހޯދައި ނިއު އިން ޗެމްޕިއަންކަން ހޯދިއިރު ދަގަނޑޭ ވަނީ މުހިއްމު ގޯލްތަކެއް ޖަހައިދީފަ އެވެ. އަދި ސެންޓޭ ވަނީ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން ގިނަ ގޯލްތަކެއް ޖަހައިފަ އެވެ. ޓީސީން ނިއުގެ ފަހަތުގައި ވިއްދައި ދެ ވަނަ ހޯދިއިރު ދާދު އާއި ފޭދޫ އިއްބެ ވަނީ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިއްބެ ވަނީ ޓީސީގެ މެދުތެރޭގައި، ފުރަތަމަ ބުރުގައި ވެސް ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ.

އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ދެ ބުރުން ވާދަކުރަނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ޓީސީގެ ނާއިޒް ހަސަން (ދާދު) އާއި މުހައްމަދު ސާމިރު އަދި ކްލަބް ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އެވެ.

މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.