އޮއްޕޮގެ ދެ ލަނޑުން ނިއު އިން ގައުމީ ތަށި އުފުލާލައިފި

ދިވެހި ފުޓްބޯޅައާ ދުރުގައި ދުވަސްކޮޅަކު ހުރުމަށް ފަހު މި އަހަރު އެނބުރި އައި ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ދެ ގޯލާ އެކު، 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.


މި ސީޒަނުގައި ހަތް ވަނަ ފަހަރަށް ނިއު އިން ޓީސީ ބަލިކުރި، އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރީ ވެސް ޓީސީ އަތުން މޮޅުވެގެންނެވެ. މިއީ ނިއު އިން އެއް ސީޒަނެއްގައި ތިން ތަށި ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން 1997 ގައި އަދި 2013 ވަނަ އަހަރު ނިއު ވަނީ ތިން ތަށި ނަގައިފަ އެވެ.

އަނެއްކޮޅުން މިއީ މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީ ދެ އަހަރުގެ ތެރޭގައި ބަލިވި ހަތަރު ވަނަ ފައިނަލެވެ. މިދިޔަ އަހަރާއި މި އަހަރު ވެސް އެ ޓީމު ވަނީ އެފްއޭ ކަޕާއި ގައުމީ މުބާރާތުގެ ފައިނަލުން ބަލިވެފަ އެވެ.

މިރޭ އޮއްޕޮ ދެ ލަނޑު ޖެހި ނަމަވެސް ނިއުގެ ކާމިޔާބީގައި އޭނާގެ އިތުރުން ކެޕްޓަން އިމްރާން މުހައްމަދާއި ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ހިއްސާ ވަރަށް ބޮޑެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީސީ އަށް ލިބުނު ޕެނަލްޓީ އިމްރާން މަތަކޮށްފައިވަނިކޮށް ދެ ވަނަ ހާފުގައި ނިއު އަށް ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ސެންޓޭ އެވެ. އަދި ނިއުގެ ދެ ވަނަ ލަނޑު ޖަހަން އޮއްޕޮ އަށް މަގުފަހިކޮށްދިނީ ވެސް ސެންޓޭ އެވެ.

ނިއުއާ ސީޒަނުގެ ވަކި ހިސާބަކުން ހަވާލުވެ އެ ޓީމަށް ތިން ތަށި ހޯދައިދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ މި ކާމިޔާބީގައި ހުރިހާ ކުޅުންތެރިންގެ ހިއްސާ އެބައޮތް ކަމަށާއި މިއީ ވަރަށް މަސައްކަތުން ހޯދުނު ތަށްޓެއް ކަމަށެވެ.

"އަހަރެމެން ވަރަށް ރަނގަޅު ގޭމެއް ކުޅުނިން. އެކަމަކު ޓީސީ ފެނުނީ ވަރުގަދަކޮށް. ފަސް ޑިފެންޑަރުންނާ އެކު ވަރަށް ރަނގަޅަށް އަހަރެމެން ބައްދާލައިހެން ކުޅުނީ. އަނެއްކާ މިޑްފީލްޑް ތެރެއިން ޕްރެސްކޮށް ކައުންޓާ އެޓޭކުގައި ނުރައްކާކުރި. އެކަމަކު އެކަން ހުއްޓުވައި އަހަރެމެން ފަހު ހާފުގައި ނަތީޖާ ނެރުނީ،" އޮސްކާ ބުންޏެވެ.

ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ވަން މި މެޗުގެ ފަށައިގެން ކޮންޓްރޯލް އޮތީ ނިއުގަ އަތުގަ އެވެ. އެކަމަކު ޓީސީން ވަރަށް ރަނގަޅަށް ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައި ޑިފެންސްކުރަމުން ދިޔުމުގެ ނަތީޖާއަކަށްވީ ނިއު އަށް އޭރިއާ ތެރެއަށް ވަދެގަންނަން ފުރުސަތު ނުލިބުމެވެ. އަދި ޓީސީން ދިޔައީ ލިބޭ ފުރުސަތުތަކުގައި، ހަލުވި ފޯވާޑުންގެ ބޭނުން ހިފައި ނުރައްކާކުރަމުންނެވެ. އެގޮތުން ކައުންޓާ އެޓޭކެއްގައި 11 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ކުރިއަށް އަރައި ނިއުގެ އަކްރަމް އަބްދުލްގަނީ ކައިރިން ނައްޓާލުމުން، އަކްރަމް ފަހަތުން ގޮސް އޭނާ ވައްޓާލުމުން ރެފްރީ ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ ޑިފެންޑަރު އަލާ ނާސިރު ޖެހުމުން ނިއުގެ ކީޕަރު އިމްރާން ދިފާއުކުރި އެވެ.

އޮއްޕޮ ޕެނަލްޓީ ޖަހަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ހާފުގައި ނިއު އިން އެންމެ ނުރައްކާތެރި ބޯޅައެއް ފޮނުވާލީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ޝޮޓް ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ. އަނިޔާގައި ހުރި ނިއުގެ އިތުބާރު ޑިފެންޑާރު ހުސެއިން އެލްޑޯގެ ބަދަލުގައި ސެންޓްރަލް ޑިފެންޑަރަކަށް މިރޭ ކުޅުނު ރިލްވާން ވަހީދު (ރިލޭ) ކައިރިން ނައްޓާފައި ފުރަތަމަ ހާފުގެ ފަހުކޮޅު ފޭދޫ އިއްބެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އިމްރާން ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ކުރިއަށް ވުރެ އޯޕަން ގޭމެއް ކުޅެން ފެށި އެވެ. އަދި 49 ވަނަ މިނެޓުގައި ނިއު އިން ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. ދަގަނޑޭ ދިން ބޯޅަ އޭރިއާ ތެރެއިން ސެންޓޭ ޖެހުމުން ދިފާއުކުރީ ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރެވެ.

ނިއު އިން ލީޑު ނެގީ 67 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސެންޓޭ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން ސެންޓޭ ކުރިއަށް ދެމިގަންނަން އުޅުނު ވަގުތު، ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އޭނާ ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ސެންޓޭ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ޓީސީގެ ކީޕަރުގައި އަތުގައި ޖެހިފަ އެވެ.

އޭގެ ފަހުން ޓީސީ އަށް އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ރޮނގުމަތިން ފޭދޫ އިއްބެ ފޮނުވާލި ހިލޭ ޖެހުން އިމްރާން ހުށިޔާރުކަމާ އެކު މަތަކުރި އެވެ. ނިއު އަށް 84 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސެންޓޭ އެކަނިމާއެކަނި އަރައި ހުސްކޮށް ހުރި ދަގަނޑޭ އަށް ދިން ބޯޅަ އޭނާ ޖެހުމުން ދިޔައީ ގޯލް ކަނާ ދިމާލުން ބޭރަށެވެ.

ދެ ވަނަ ސެމީ ފައިނަލް ކުޅުނުތާ ދެ ދުވަސް ފަހުން މިރޭ ފައިނަލުގައި ކުޅުނު ޓީސީގެ ކުޅުންތެރިންގެ ފަރާތުން މެޗުގެ ފަހުކޮޅު ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނެވެ. އޭގެ ފައިދާ ނިއު އިން ވަރަށް ބޮޑަށް ނެގި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 86 ވަނަ މިނެޓުގައި އޮއްޕޮ ޖެހީ ސެންޓޭ ދިން ބޯޅައަކުންނެވެ. ފަހަތުން ޓީސީގެ އެޓޭކެއް ހުއްޓުވައި މުހައްމަދު ރަޝީދު (ހޮކޭ) ކުރިއަށް އަރައި ހުސްކޮށް ހުރި ސެންޓޭ އަށް ދިން ބޯޅަ އޭނާ ޖައްސާލީ ގޯލް ކުރިމަތީ ހުހަށް ހުރި އޮއްޕޮ އަށެވެ. އޭނާ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ވައްދާލި އެވެ.

ނިއުގެ ތިން ވަނަ ލަނޑު އޮއްޕޮ ޖެހީ އިތުރު ވަގުތުގަ އެވެ. ހަސަން އަދުހަމް (ސަޑޭ) އާއި އަލީ ޝާމިއު (މައިތޯ) އަދި އޮއްޕޮ ވެގެން އުފެއްދި ހަމަލައެއްގައި، އޭރިއާ ތެރެއިން އޮއްޕޮ އަށް މައިތޯ ޖައްސާލި ބޯޅަ، އޭނާ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.

ފައިނަލް މެޗަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ނިއުއާ ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބު، ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.