މި ފެނުނީ 13 މިލިއަނާއި ތިން މިލިއަނުގެ ތަފާތު: ނިޒާމްބެ

ފެނިގެން މިދިޔައީ 13 މިލިއަނާއި ތިން މިލިއަނުގެ ތަފާތު ކަމަށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މިރޭ ނިއު ރޭޑިއަންޓް އަތުން 3-0 އިން ބަލިވި ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


މިއީ ދެ އަހަރު ތެރޭ ޓީސީ ބަލިވި ހަތަރު ވަނަ ފައިނަލެވެ. އަދި މި ތިން އަހަރު ވެސް ދިވެހި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރި ނަމަވެސް ދިޔައީ ދެ ވަނަ އަށެވެ. އެކަމާ މާޔޫސްވޭތޯ އެހުމުން ނިޒާމްބެ ބުނީ "މާޔޫސްވާން ހިތަކަށް ވެސް ނާރާ" ކަމަށެވެ.

"މިއީ އާ ކްލަބެއް. ޅަ ކްލަބެއް. ތޭރަ މިލިއަނާއި ތިން މިލިއަނުގެ ތަފާތު ފެނިގެން މިދިޔައީ. މި ޓީމުން މިއަށް ވުރެ ބޮޑު މާޒީތަކެއް އޮތް ޓީމުތަކެއް ފަހަތަށް ޖައްސާލައި ދެ ވަނަ ހޯދުމަކީ އިސްދަށަށް ޖަހަން ޖެހޭ ކަމެއް ނޫން،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ 13 މިލިއަނާއި ތިން މިލިއަން އެ އިޝާރާތްކުރީ ނިއު އާއި ޓީސީގެ ބަޖެޓަށްތޯ އެހުމުން އޭނާ ބުނީ އެކަން ދޫކޮށްލާނީ ނޫސްވެރިންނަށް ކަމަށެވެ. ޔަގީންވާ ގޮތުގައި ނިޒާމްބެ އެ ބުނީ ނިއު އިން މި އަހަރު 13 މިލިއަން ރުފިޔާގެ ބަޖެޓަކުން ޓީމު ހަދައިގެން ނުކުތް ކަމަށެވެ.

ނިޒާމްބެ ބުނީ މިރޭ ތަފާތު ބޮޑު ނަތީޖާއެއް ފެނިގެން ދިޔަ އެއް ސަބަބަކީ ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވުން ކަމަށެވެ. އޭނާ ބުނީ ސީޒަނުގެ ފަހުކޮޅު ޕްރެޝަރު ފަސް މެޗު މި ކުޅެން ޖެހުނީ 12 ދުވަހުގެ ތެރޭގައި ކަމަށާއި މި މެޗުގެ ކުރިން ނިއު އަށް ފަސް ދުވަސް އަރާމްކުރަން ލިބުނުއިރު ޓީސީ އަށް ލިބުނީ ދެ ދުވަސް ކަމަށެވެ. ނިއު އިން ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީން ޓީސީ ބަލިކޮށްފަ އެވެ. އެހެންވެ ޓީސީ އަށް ޖެހުނީ ދެ ވަނަ ސެމީ ފައިނަލެއް ކުޅޭށެވެ. އޭގެ ސަބަބުން އެ ޓީމަށް އަރާމުކުރަން ލިބުނީ މަދު ވަގުތުކޮޅެކެވެ.

"އަޅުގަނޑު އުފާކުރަން ކުޅުންތެރިން 70 މިނެޓާ ހަމަޔަށް ވެސް އެ ދެއްކި ކުޅުމަށް. ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅަ މެޗެއްގައި 11 ކުޅުންތެރިން ބަދަލެއް ނުކުރެވޭނެ،" ނިޒާމްބެ ބުންޏެވެ. "މިގޮތަށް އެހެން ޓީމެއް ކުޅެން އަރަން ޖެހިއްޖެއްޔާ ތަފާތު އެނގޭނީ."