އުމެއިރު އަލުން ނިއު އަށް ސޮއިކޮށްފި

ފާއިތުވި ތިން ސީޒަނުގައި މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އަލުން ކުރީގެ ޓީމު ނިއުއަށް މިއަދު ސޮއިކޮށްފި އެވެ.


އުމެއިރު 2015 ގެ ޕީޕަލްސް ކަޕަށް ފަހު މާޒިޔާ އަށް ބަދަލުވީ ނިއުގެ މެނޭޖްމަންޓާ މައްސަލަތަކެއް ޖެހިގެން ކަމަށް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް އުމެއިރު "މިހާރު"އަށް ބުނީ ހަގީގަތުގައި އޭރު އޭނާ ނިއު ދޫކޮށްލީ ދެ ފަރާތުން ވެސް މަޝްވަރާކޮށްގެން ރުހުމާ އެކު ކަމަށެވެ.

"އޭރު ނިއު ދޫކޮށްލީ ރަނގަޅަށް ޕާފޯމް ނުކުރެވޭތީ ޗެއާމަން ބަލަކް (އަލީ ވަހީދު) އާ ވާހަކަ ދައްކާފައި. އޭރު ބަލަކް ވެސް ބުނި ރަނގަޅަށް ޕާފޯމް ނުކުރެވޭތީ އުމެއިރު ވެސް ބޭނުމިއްޔާ ކްލަބުން ދޫކޮށްލާ ގޮތަށޭ މިހުރީ،" އުމެއިރު ބުންޏެވެ.

"ދެން އަލުން އެހެން ކްލަބަކަށް ގޮސް އުމެއިރަށް އަލުން ކުރީގެ ކުޅުން ގެންނަން ފަސޭހަ ވެދާނެއޭ ބުނި. ހަގީގަތުގައި މީޑިއާ އިން އައި ކަމެއްގެ ސަބަބުން މި މައްސަލައަކަށް ވީ. ނިިއުއާ އަނެއްހެން އެއްވެސް އިރަކު މައްސަލަ އެއް ނެތް."

އުމެއިރަކީ ނިއު އިން 2013 ގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. އަދި ގިނަ މެޗުތަކުގައި އޭނާ ވަނީ ލަނޑު ވެސް ޖަހައިފަ އެވެ.

މި ސީޒަނުގައި މާޒިޔާ އިން އޭއެފްސީ ކަޕުގައި ނެރުނު ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި އުމެއިރުގެ ދައުރު ބޮޑެވެ. އަދި އޭގެ ފަހުން އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދިއިރު އުމެއިރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މާޒިޔާ އިން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނުއިރު އުމެއިރު ހުރީ އަނިޔާގަ އެވެ. ބައެއް މެޗުތަކުގައި ކުޅުނު ނަމަވެސް އެއްކޮށް ފިޓެއް ނޫނެވެ.

އުމެއިރު ބުނީ އަންނަ އަހަރު ނިއު އަށް ކުޅެން ނިންމީ އެ ޓީމުގައި މިހާރު އޮތް މެނޭޖްމަންޓާ އެކީ ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ނިއު އިން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބިފައި އޮތީ. ދެން ނިއުގެ ކޯޗުގެ ޕްލޭން ވެސް ރަނގަޅު. ހަގީގަތުގައި ކާމިޔާބު ލިބެން އޮތް ރަނގަޅު އޮފާއެއް ވީމަ ނިއުއާ އަލުން ގުޅުނީ،" އޭނާ ބުންޏެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ބުނީ އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ހުށަހެޅި ލިސްޓުގެ އެންމެ ކުރީގައި އޮތީ އުމެއިރު ކަމަށެވެ.

"އެހެންވުމާ އެކު މެނޭޖްމަންޓުން ވެސް ވަރަށް ބޮޑަށް އެދޭ އުމެއިރު ކަހަލަ ކުރިން ކްލަބަށް ގިނަ ކާމިޔާބީ ހޯދައިދީފައި ހުރި ކުޅުންތެރިއަކު އަލުން ޓީމާ ގުޅެން،" އޭނާ ބުންޏެވެ.

މި ސީޒަނުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ނިއު އިން ވަނީ ގިނަ ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް އާކޮށްފަ އެވެ. އެގޮތުން ދެ ގޯލްކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލްގަނީ އާއި ރިލްވާން ވަހީދު (ރިލޭ) އާއި ހަދަން އަދުހަމް (ސަޑޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދުހަތު ފަހުމީ (ބިޗަޑް) އަދި ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

މި ސީޒަނުގެ މެދުތެރެއިން އަލީ ފާސިރު (ސެންޓޭ) ވަނީ ނިއުއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނިއު އިން ވަނީ ކޯޗު އޮސްކާ ބްރުޒޮން ބަހައްޓަން ވެސް ނިންމައިފަ އެވެ.