ފުޓްބޯޅަ ފޯމެޓަށް ބަދަލު ގެންނަން މަޝްވަރާކުރަނީ

އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފޯމެޓަށް ގެންނާނެ ބަދަލުތަކާ މެދު ގޮތެއް ނިންމުމަށް އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީން މަޝްވަރާތައް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.


މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އާންމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމުން ބުނީ ފުޓްބޯޅަ ފޯމެޓަށް ގެންނަން ޖެހޭ ބަދަލުތައް އަހަރުން އަހަރަށް ގެންނާނީ ކުޑަ ބަދަލުތަކާ އެކު ކަމަށެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ވެސް ވިސްނުމަށް ފަހު ކަމަށް ވެސް އެފްއޭއެމުން އޭރު ބުންޏެވެ.

އެފްއޭއެމްގެ ޖެނެެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ފޯމެޓަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީން މަޝްވަރާތައް ފަށާފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ކަމެއް ނިމި އަހަރީ ކަލަންޑަރު އާންމުކުރެވޭނެ ކަމަށެވެ.

މި އަހަރު ފުޓްބޯޅަ ފޯމެޓަށް ގެނައި އެންމެ ބޮޑު ބަދަލަކީ ދިވެހި ޕްރިމިއާ ލީގު ވަކިކޮށްލުމަށް ފަހު ވަކި ލީގެއް ގޮތަށް އަތޮޅުތަކުގެ ޓީމުތަކާއި ފުރަތަމަ ޑިވިޝަން ޓީމުތައް ވާދަކުރެވޭ ގޮތަށް ހެދުމެވެ. ޕްރިމިއާ ލީގަށް ޓީމު ހޮވަނީ އަތޮޅުތަކުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ މިނިވަން ޗެމްޕިއަންޝިޕުންނާއި ފުރަތަމަ ޑިވިޝަން ޓީމުތައް ކުޅޭ މާލޭ ލީގުންނެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކުޅޭނީ މާލޭ ލީގުގެ ގަދަ ހަތަރަކާއި މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ޓީމުތަކެވެ.

ޕްރިމިއާ ލީގުން ޖާގަ ނުލިބޭ ފުރަތަމަ ޑިވިޝަންގެ ހަތަރު ކްލަބް ޖެހުނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕާ އެކު މާލޭ ލީގު ކޮލިފައިންގައި ކުޅޭށެވެ. މި އަހަރުގެ ފޯމެޓުން ލިބިގެންދިޔަ އެންމެ ބޮޑު ގެއްލުމަކަށްވީ މާލޭ ލީގު ކޮލިފައިންގައި ބައިވެރިވި ދެ ޓީމެއް މާލީ ހާލަތުގެ ސަބަބުން ބައިވެރިނުވުމުން މުބާރާތް ކެންސަލް ކުރަން ޖެހި ބައެއް ޓީމުތަކަށް އަހަރުގެ މެދުތެރެއިން ސީޒަން ނިމުމެވެ.

މި ކަމުގެ ސަބަބުން ފޯމެޓުން ނެރެން ބޭނުންވި ނަތީޖާއަށް އަސަރުކުރި އެވެ. އެއީ ކޮލިފައިން ކެންސަލްވުމުން އެ ޓީމުތަކުގެ ކުޅުންތެރިން އަތޮޅު ތަކުން ޕްރިމިއާ ލީގަށް އައި ޓީމުތަކާ ގުޅުމެވެ. އޭގެ ސަބަބުން އެ ޓީމުތަކަށް އަތޮޅު ބުރާއި ޒޯން ބުރު އަދި ފައިނަލް ބުރު ކުޅުނު ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ފުރުސަތު ނުލިބެ އެވެ.

މި ފަހަރު ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ އަށް ކޯޗުކޮށްދިން ކުރިން އެފްއޭއެމް ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ މި ފޯމެޓަކީ އެންމެ ރަނގަޅު ފޯމެޓެއް ނޫން ކަމަށް ބުނެފަ އެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުތަކުގެ ޓީމުތަކަށް އެއް ފެންވަރެއްގައި ކުޅެވޭނެ ފުރުސަތުތަކެއް މީގެއިން ހޯދައި ނުދެވޭނެތީ ކަމަށް އޭނާ ބުންޏެވެ.

މާލޭ ލީގުގައި ވިކްޓަރީ އަށް ކޯޗުކޮށްދިނުމަށް ފަހު ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ގދ. ތިނަދޫ އަށް ކޯޗުކޮށްދިން އަލީ ސުޒޭން ބުނީ މި ފޯމެޓުގެ ބޭނުމަކީ އަތޮޅުތަކުގެ ޓީމުތަކަށް ޖާގަ ދިނުން ކަމަށްވާ ނަމަ އެކަން ހާސިލްވެއްޖެ ކަމަށެވެ. އެކަމަކު މާލޭ ލީގު ކޮލިފައިން ކެންސަލްނުވި ނަމަ އެ ޓީމުތަކުގެ ކުޅުންތެރިން ނެތި އަތޮޅުތަކުގެ ޓީމުތައް ފެންނާނީ އާދައިގެކޮށް ކަމަށާއި އޭގެ ސަބަބުން ލީގު ފޯރި ކެނޑުނީސް ކަމަށް އޭނާ ބުންޏެވެ.

"މާލޭ ލީގު ކޮލިފައިން ކެންސަލްވުމުން އެ ޓީމުތަކުގެ ކުޅުންތެރިން އަތޮޅުތަކުން އައި ޓީމުތަކާ ގުޅި އެ ޓީމުތައް ވަރުގަދަވެ ލީގުގެ ފޯރި ހިފެހެއްޓުނީ،" އޭނާ ބުންޏެވެ.

މި ފަހަރުގެ ފޯމެޓަށް ބައެއް ކޯޗުން މި ސީޒަނުގެ ތެރޭގައި ފާޑުކީއިރުގައި ބައެއް ކޯޗުން އަމިއްލަ ހިޔާލު ވެސް ހުށަހެޅި އެވެ. އެގޮތުން ކްލަބް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ހޯމް އެންޑް އަވޭ އުސޫލުން ނުކުޅެވޭނަމަ އަތޮޅުތަކުގެ ޓީމުތައް މާލެ އަށް ގެނެސްގެން ކުޅުނު ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާ ނުފެންނާނެ ކަމަށެވެ. އަދި ވަސީލަތްނެތިގެން އަތޮޅުތަކަށް ގޮސް ކުޅެވޭނެ ގޮތެއް ނެތްނަމަ އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ޑިވިޝަނުގެ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ދެ ޓީމު ގޮތަށް ލީގު ކުޅުން ކަަމަށެވެ.

އަންނަ ސީޒަނަށް ހުރިހާ ކްލަބަކުން ޓީމު ވަރުގަދަ ކުރަމުން އަންނައިރު، ކްލަބްތަކުގެ އެންމެ ބޮޑު ބޮލު ރިހުމަކަށް މި ވަގުތު ވެފައިވަނީ ފުޓްބޯޅަ ފޯމެޓަށް އަތުވެދާނެ ބަދަލަކާ އެވެ. މި އަހަރު ތެރޭގައި އެފްއޭއެމުން ވަނީ އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވާ ޓީމުތަކުން ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީ ކުރާގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ޓީމުތަކަށް ސީޒަން ފެށޭނެ ތާރީހެއް އަދި ރަސްމީ ގޮތެއްގައި އެނގިފައިނުވި ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބަށް އަންނަ މަހު 23 ދުވަހު ސީޒަން ފެށޭނެ އެވެ. އެއީ އޭއެފްސީ ކަޕް ޕްލިމިނަރީ ބުރެވެ.