އާ ސީޒަނަށް ތައްޔާރުވާން ތައިލެންޑުގައި ނިއު ކޭމްޕްކުރަނީ

އަންނަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓުން ތައިލެންޑުގައި ދެ ހަފުތާ ކޭމްޕްކޮށް އެކުވެރިކަމުގެ ތިން މެޗު ކުޅެން ރާވާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.


ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ރާވާފައިވަނީ ޖެނުއަރީ 22 ވަނަ ދުވަހު ޕްރެކްޓިސް ފަށައި ފުރަތަމަ ދެ ހަފުތާގައި މާލޭގައި ޕްރެކްޓިސްކުރުމަށް ފަހު ތިން ވަނަ ހަފުތާ އާއި ހަތަރު ވަނަ ހަފުތާގައި ތައިލެންޑުގައި ކޭމްޕްކުރާށެވެ. އަދި ފަސް ވަނަ ހަފުތާ އާއި ހަ ވަނަ ހަފުތާގައި މާލޭގައި ޕްރެކްޓިސް ކުރުމަށް ފަހު އޭއެފްސީ ކަޕާ ކުރިމަތިލާށެވެ.

އޭއެފްސީ ކަޕުގައި ނިއު ކުޅެން ޖެހޭ ފުރަތަމަ މެޗު މާޗު 6 ވަނަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ބަންގްލަދޭޝް ޗެމްޕިއަނުންނާ އެވެ.

އެކަމަކު އޭގެ ކުރިން ސީޒަން ހުޅުވާ މެޗާއި އަދި މާލޭ ލީގު ވެސް އޮވެދާނެތީ ނިއު އަށް ތައިލެންޑަށް ދެވިދާނެ ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ތައިލެންޑުގައި ނިއު ދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ސެންޓަރު ހޯދުމަށް އިތުރު ކްލަބްތަކުން ވެސް އެދިފައިވާތީ ލަސްވެގެން މި ހަފުތާގެ ތެރޭގައި ދުވަހެއް ފައިނަލްކުރަން ޖެހޭ ކަމަށެވެ.

"އެކަމަކު އަދި އަޅުގަނޑުމެންނަށް ރާއްޖޭގެ ޝެޑިއުލް ނުލިބޭ. މިދިޔަ ސީޒަނުގެ ޝެޑިއުލަކަށް ބަލާއިރު ވެސް ވަރަށް އަވަހަށް ސީޒަން ފެށުމުގެ ފުރުސަތު އެބައޮތް. ސީޒަން ހުޅުވާ މެޗުގައި އަދި ލީގު މެޗުތައް ވެސް ފެބްރުއަރީގައި ކުޅެން ޖެހިދާނެ. އެހެންވެ ދަތިތަކެއް ކުރިމަތިވޭ އެބަ ތާވަލުކުރަން،" ޓެޑް ވިދާޅުވި އެވެ.

ނިއު އިން ދިއުމަށް ރާވާފައިވާ ސެންޓަރަކީ އިންޑިއަން ސުޕަ ލީގުގެ ޗެންނާއީ އެފްސީން ވެސް ދާދި ފަހުން ޕްރީ ސީޒަން ހެދި ތަނެވެ. ނިއު އިން ހަމަޖައްސާފައިވަނީ ތައި ޕްރިމިއާ ލީގުގެ ޓީމަކާއި ތައި ޑިވިޝަނުގެ ދެ ޓީމަކާ އެކު އެކުވެރިކަމުގެ މެޗުތައް ކުޅޭގޮތަށެވެ.

ނިއު އިން އަންނަ އަހަރަށް ޕްލޭންތައް ހަދާފައިވާއިރު އެ ކްލަބާ އާ މެނޭޖްމަންޓުން ހަވާލުވެ މިދިޔަ ސީޒަން ނިންމާލި ކާމިޔާބުކަމާ އެކު އެވެ. އެގޮތުން އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކާމިޔާބުކުރިއިރު ސީޒަން ނުނިމެނީސް ކޯޗާއި މުހިއްމު ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރި އެވެ.

"ރާއްޖޭގެ ކްލަބަކާ އާ މެނޭޖްމަންޓަކުން ހަވާލުވެ މިއީ ފުރަތަމަ ފަހަރު ސީޒަނެއްގައި ތިން ތަށި ނެގި. ވަރަށް ފުރިހަމަކަމާ އެކު މިދިޔަ ސީޒަން މި ނިންމާލީ. މުސާރައިގެ އެއްވެސް މައްސަލައެއް ދިމާނުވޭ. ކުޅުންތެރިންނަށް މެޗުގެ ކުރިންނާއި މެޗަށް ފަހު ވެސް ބޭނުންވާ ކަންކަން ހަމަޖައްސައިދިން. މިއީ ޕްލޭނަކާ އެކު މަސައްކަތްކުރާ ކްލަބެއްކަން ސާބިތުކޮށްދީފި. ސީޒަން ނުނިމެނީސް އަންނަ ސީޒަނަށް ތައްޔާރުވާން ފަށައިފިން އަޅުގަނޑުމެން،" ޓެޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިއު ރޭޑިއަންޓުގެ ކިޓް އަދި ޓްރެއިނިން އިކިއުޕްމަންޓްތައް ވެސް ވަރަށް ބޮޑަށް ފެންވަރުމަތިކޮށްފައިވާ ކަމަށާއި ޖާޒީ ތައްޔާރުކޮށްފައިވަނީ ތައިލެންޑުން ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށެވެ.