ނިއުގެ ކާމިޔާބަށް ފީފާގެ ރައީސްގެ މަރުހަބާ

ހަ ސީޒަނުގެ ތެރޭ ފަސް ވަނަ ފަހަރަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަން މި އަހަރު ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރުހަބާ ވިދާޅުވެއްޖެ އެވެ.


ފީފާ އިން ނިއު އަށް ފޮނުވި މަރުހަބާގެ މެސެޖް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ މިއަދު އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދާ ހަވާލުކުރައްވައިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކުރައްވައި އިންފަންޓީނޯ ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ، ހަ ސީޒަނުގެ ތެރޭ ނިއު ރޭޑިއަންޓުން ފަސް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމުން އެކަމަށް ހޫނު މަރުހަބާއެއް ކިޔުމަކީ އެމަނިކުފާނު ލިބިވަޑައިގަންނަވާ ހާއްސަ އުފަލެއް ކަމަށެވެ.

"މި ކާމިޔާބަކީ، މިކަމުގައި ބައިވެރިވި އެންމެންގެ ވަރުގަދަ އަޒުމުގެ ނަތީޖާ، އެހެންވެ މި ބޮޑު ކާމިޔާބީއަށް އަހަރެން ކިޔާ މަރުހަބާ ރައްދުވޭ ކުޅުންތެރިންނާއި ކޯޗާއި އިދާރީ މީހުންނަށާއި ޓެކްނިކަލް އަދި މެޑިކަލްގެ އެންމެން އަދި ސަޕޯޓަރުންނަށް،" އިންފަންޓީނޯ ލިޔުއްވާފައިވެ އެވެ.

އިންފަންޓީނޯ ވަނީ ފުޓްބޯޅައިގެ އުޖާލާކަން ފެތުރުމުގައި ނިއު ރޭޑިއަންޓާއި އެފްއޭއެމުން ދޭ އެހީތެރިކަމަށް މުޅި ފުޓްބޯޅަ މުޖުތަމައުގެ ނަމުގައި ޝުކުރުއަދާކުރައްވައިފަ އެވެ.

ނިއު ރޭޑިއަންޓުން ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އިތުރަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ސީޒަނުގެ ފަހު ތިން މުބާރާތުގައި އެ ޓީމު ވަނީ އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ.