ޓީސީ ދޫކޮށް ދާދު މާޒިޔާ އަށް

ޓީސީ ސްޕޯޓްސް ކްލަބަށް ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ އުއްމީދީ މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.


ދާދު މިއަދު މާޒިޔާއާ އެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އޭނާގެ އެއްބަސްވުން އާ ކުރަން ޓީސީން ވެސް މަސައްކަތްކުރި އެވެ. އަދި މި ސީޒަނުގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓުން ވެސް ދާދު ގެންނަން ބޭނުންވި އެވެ.

ދާދު ނެތްތަނަށް ޓީސީން ހޯދި ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ށ. މިލަންދޫ އަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ބ. އޭދަފުއްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އެވެ.

މާޒިޔާ އަށް ސޮއިކުރުމަށް ފަހު ދާދު ބުނީ އެ ޓީމާ ގުޅުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"މާޒިޔާއާ ގުޅުމުން ވަރަށް އުފާވޭ. އުއްމީދަކީ މާޒިޔާގެ ޓާގެޓަށް އަންނަ އަހަރު ދާން އެހީވެދެވޭނެކަމަށް. މާޒިޔާ އަކީ ވަރަށް ރަނގަޅު ކްލަބެއް. ވަރަށް ރަނގަޅު މެނޭޖްމަންޓެއް ވެސް އޮތް ޓީމެއް،" ދާދު ބުންޏެވެ.

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ބުނީ ދާދު އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ އުޖާލާ މުސްތަގުބަލެއް އޮތް ކުޅުންތެރިޔާ ކަމަށާއި އޭނާ މާޒިޔާއާ ގުޅުމަކީ ކްލަބަށް ވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

މި އަހަރު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި މާޒިޔާ އިން ދާދު ސޮއިކުރިއިރު، އެ ޓީމުގެ ބައެއް ކުޅުންތެރިންވަނީ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އޭގެ ތެރޭގައި ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ)، މޫސާ ޔާމިން (ޔާމްބެ) އަދި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ހިމެނެ އެވެ.

މާޒިޔާ އަށް ސޮއިކުރުމަށް ފަހު ދާދު އެ ޓީމުގެ ޖާޒީ ދައްކާލަނީ.- ފޮޓޯ: މާޒިޔާ

ޓީސީން 2014 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ކާމިޔާބުކުރިއިރު ދާދު އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ. ޖެހިގެން އައި އަހަރު ޓީސީ އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ލީގުގެ ދެ ވަނަ ހޯދިއިރު، ދާދު އަކީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ.

ފުރަތަމަ ޑިވިޝަނުގައި ފާއިތުވި ތިން ސީޒަނުގައި ޓީސީ ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި ދާދުގެ ދައުރު ބޮޑެވެ. މުހިއްމު މެޗުތަކުގައި އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. އަދި ޓީމަށް ގިނަ ގޯލުތަކެއް ވެސް ކާމިޔާބު ކޮށްދިނެވެ. އަދި މި އަހަރު ކުރީކޮޅުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީން ކާމިޔާބުކުރިއިރު، ދާދު ވަނީ ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.

ޓީސީ އަށް ދެއްކި މޮޅު ކުޅުމުގެ ސަަބަބުން ދާދު އަށް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ޓީމުން ޖާގަ ލިބިފަ އެވެ. އޭނާ ގައުމީ ޓީމާ އެކު ކުރިމަތިލި ފުރަތަމަ މުބާރާތަކީ 2015 ވަނަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕް އެވެ. ދާދު ވަނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދާދު ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެގޮތުން މާލޭގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި އަލީ ފާސިރު (ސެންޓޭ) ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ދާދު އެވެ. އަދި ފަލަސްތީން އަތުން ރާއްޖެ ތަފާތު ބޮޑުކޮށް ބަލިވި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ ދާދު އެވެ.

އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯލް ގުޅިގެންދޭ އެވޯޑްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ދާދު އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލުގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކުޅުންތެރިޔެއް ކަމަށް ރާއްޖޭގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.