11 އަހަރަށް ފަހު އޭ ލައިސަންސް ކޯސް ބާއްވަނީ

އޭއެފްސީން މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ބީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯހުގައި ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ބައިވެރިވެފައިވާއިރު 11 އަހަރަށް ފަހު އޭ ލައިސަންސް ކޯސް މި އަހަރު ރާއްޖޭގައި އޮންނާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


ސިންގަޕޫރުގެ އިންސްޓްރަކްޓަރެއް ކިޔަވައިދޭ ބީ ލައިސަންސް ކޯހުގައި ބައިވެރިވި ކޯޗުންގެ ތެރޭގައި ރާއްޖެގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑް ކަމަށްވާ އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ގައުމީ ޓީމުގެ ކުރީގެ ދެ ޑިފެންޑަރުން ކަމަށްވާ ސޮބާހް މުހައްމަދު އިބްރާހީމާއި މުހައްމަދު ނާސިރު ހިމެނެ އެވެ. އަދި ކްލަބް ލެވެލްގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ފަރީދު މުހައްމަދާއި މުހައްމަދު އާފިއު ވެސް އަންނަނީ ކޯސް ހަދަމުންނެވެ.

މީގެ ތެރެއިން ސޮބާ ވަނީ މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ކްލަބް ގްރީންސްޓްރީޓްސް އަށް ހޯދައިދީފަ އެވެ. އޭނާ ކުރިން ނިއުގެ ކޯޗުކަން ވެސް ކުރި އެވެ. ފަރީދު މަސައްކަތްކުރީ އޭނާގެ އެސިސްޓަންޓަކަށެވެ.

ނާސިރު ވަނީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ގޮވައިގެން، ވާދަވެރި ކުޅުމެއް ދައްކައިފަ އެވެ. ނިއުގެ ޓްރޭނަރަކަށް ލައްޗޭ މަސައްކަތްކުރިއިރު އާފިއު ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ބެންޗުން ފެނިފަ އެވެ.

އެފްއޭއެމް ގަވާއިދު ބުނާ ގޮތުން ބީ ލައިންސަންސް ކޯޗުންނަށް އެންމެ މަތިވެގެން ކުރެވޭނީ ދެ ވަނަ ޑިވިޝަނުގެ ކޯޗުކަމެވެ. އެކަމަކު ރާއްޖޭގައި އޭ ލައިސަންސް ކޯޗިން ކޯސް ނުބާއްވާތީ ހާއްސަ ހުއްދައެއްގެ ދަށުން ކޯޗުންނަށް އެފްއޭއެމުން ފުރުސަތު ދިނެވެ.

އެފްއޭއެމުން މިހާރު ތައްޔާރުވަމުން އަންނަނީ އޭ ލައިސަންސް ކޯސް މި އަހަރު ބާއްވާށެވެ. އެ ކޯހުގައި 16 ފަރާތުން ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގައި ނިސްބަތުން ގިނަ އަދަދަކަށް ސީ ލައިސަންސް އަދި ބީ ލައިސަންސް ކޯޗުން އެބަތިއްބެވެ. އަދި ރާއްޖޭން ބޭރުގައި ބޭއްވި ބައެއް ކޯސްތައް ފުރިހަމަކޮށް ބައެއް ކޯޗުން ވަނީ އޭ ލައިސަންސް ވެސް ހޯދައިފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން އޭ ލައިސަންސް ކޯސް ބޭއްވީ 2007 ވަނަ އަހަރު އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަދި ވޯލްޑް ކަޕުގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގައި ވެސް ހިމެނުނު މެލޭޝިއާގެ ލިމް ކިން ޗިން ކިޔައިދިން އެ ކޯހުން މަޝްހޫރު ގިނަ ކޯޗުން އޭ ލައިސަންސް ނެގި އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އަލީ ސުޒޭނާއި މުހައްމަދު ޝިޔާޒް (މޯހަން) އަދި އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. ތިން ކޯޗުން ވެސް ކްލަބް ލެވެލްގައި ކާމިޔާބީތަކެއް ހޯދާފައިވާއިރު މީގެ ތެރެއިން ސުޒޭނާއި މޯހަން ވަނީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކޯޗުންގެ އެހީތެރިންނަށް ތިބީ ވެސް މޯހަން އާއި ސާންތީ އެވެ.