މެޗުގެ ނިސްބަތުން ދުނިޔޭގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި ދަގަނޑޭ

މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން، މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބިއްޖެ އެވެ.


މިދިޔަ ޑިސެމްބަރު 31 އާ ހަމަޔަށް ދަގަނޑޭ ގައުމީ ޓީމަށް 78 މެޗުން 52 ގޯލް ޖަހާދީފައިވާއިރު އިންޑިއާގެ ޓައިމްސްނައު އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އޭނާ ވަނީ މެޗަކަށް 0.67 ލަނޑު ޖަހައިފަ އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފޯވާޑުން ހިމެނޭ މި ލިސްޓުގެ ދެ ވަނައިގައި އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާ އެވެ. އޭނާ 83 މެޗުން 53 ގޯލް ޖަހާފައިވާއިރު މިއީ މެޗަކަށް 0.64 ލަނޑުގެ ނިސްބަތެކެވެ. ތިން ވަނައިގައި އޮތީ ސްޕެއިނާ އެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާ ބާސެލޯނާގެ ކުރީގެ ފޯވާޑް ޑަވިޑް ވިޔާ އެވެ. އޭނާ ގައުމީ ޓީމަށް 98 މެޗުން 59 ގޯލް ޖަހާފައިވާއިރު މެޗަކަށް ޖެހޭ ނިސްބަތަކީ 0.60 އެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ މި ލިސްޓުގައި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލައިފަ އެވެ. ޗެތުރީ ފަސް ވަނައިގައި އޮތީ 97 މެޗުން 56 ގޯލް ޖަހައި މެޗަކަށް 0.58 ގޯލުގެ ނިސްބަތަކާ އެކު އެވެ.

ރޮނާލްޑޯ އަށް ލިބެނީ ހަތް ވަނަ އެވެ. އޭނާގެ ޖުމްލަ އަކީ 147 މެޗުން 79 ގޯލެވެ. މެޗަކަށް ޖެހޭ ނިސްބަތަކީ 0.54 ގޯލެވެ. މެސީ އޮތީ އޭނާގެ ފަހަތުގަ އެވެ. އޭނާ 123 މެޗުން 61 ގޯލް ޖަހާފައިވާއިރު ނިސްބަތަކީ 0.50 ގޯލެވެ.

ތަފާސް ހިސާބު.

ފުޓްބޯޅަ ކެރިއަރު އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ޕްރީ ޕްރިމިލަނަރީގައި މާލޭގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިގެން އެއް މެޗެއްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. ފަހުން އޭނާ ވަނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ކޮޅަށް ހަ ގޯލް ޖަހައި އެ ރެކޯޑް މުގުރާލި އެވެ.

އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ދަގަނޑޭ 20 ގޯލް ޖަހާފައިވާއިރު އެންމެ ގާތުގައި އޮތް ޗެތުރީ އަށް ޖެހިފައިވަނީ ވެސް 13 ގޯލެވެ.

ރާއްޖޭގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި ރަންބޫޓް ހަ ފަހަރު ހޯދި އެވެ.

ވެލެންސިއާ، ނިއު އަދި ވީބީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އޭނާ ވަނީ މެލޭޝިއާގައި ކުޅެ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ފަހުން އެނބުރި ރާއްޖެ އައިސް 2016 ވަނަ އަހަރު މާޒިޔާއާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގު އަދި މިދިޔަ އަހަރު ނިއުއާ އެކު ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އެވެ.