ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު އަލީ ސުޒޭން އަންނަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.


ގްރީން ސްޓްރީޓްސް އިން ވަނީ އެ ޓީމުގެ ހެޑްކޯޗުގެ މަގާމަށް ސުޒޭން ހަމަޖެއްސިކަން މިރޭ އިއުލާންކޮށްފަ އެވެ.

ސުޒޭން ބުނީ އާ ޓީމަކަށް ވިޔަސް އަދި އާ ޗެލެންޖަކަށް ވިޔަސް އޭނާގެ އޮތީ އެންމެ ޓާގެޓެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއާ އެކު ކާމިޔާބު ސީޒަނަކަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމް ހުސްވީ ސީޒަނުގެ ފަހުކޮޅު ސޮބާހް މުހައްމަދު އިބްރާހިމް ވަކިވުމުންނެވެ. ސުޒޭނުގެ އިރުޝާދުގެ ދަށުން ކުރިން ވިކްޓަރީ އަށް ކުޅުނު ސޮބާ ވަނީ މިދިޔަ ސީޒަނުގެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމް ގްރީން ސްޓްރީޓްސް އަށް ހޯދައިދީފަ އެވެ. އެކަމަކު ފަހުން ނަތީޖާތައް ދަށްވި އެވެ.

ސުޒޭން މިދިޔަ ސީޒަނުގައި ފުރަތަމަ ފެނުނީ ވިކްޓަރީންނެވެ. އެކަމަކު މާލޭ ލީގުގެ ގަދަ ހަތަރަކަށް ނުހޮވި އުރީދޫ ދިވެހި ޕްރިމިއާ ލީގުން ފުރުސަތެއް ނުލިިބުމުން މަގާމުން ވަކިވާން ޖެހުނީ އެވެ. ފަހުން ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާ ހަމައިން އޭނާ ހަވާލުވީ ގދ. ތިނަދޫއާ އެވެ. އެ ޓީމަށް ގަދަ ހަތަރަކުން ޖާގަ ހޯދައިދީ ޕްރެޒިޑެންޓްސް ކަޕަށް ގެންދިޔަ އެވެ.

ވިކްޓަރީ އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ސުޒޭން ކޯޗިން ކެރިއަރު ފެށީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވިކްޓަރީންނެވެ. އެންމެ ފުރަތަމަ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެށިއިރު 2002 ވަނަ އަހަރު ވިކްޓަރީން ތަށި މިލްކުކުރިއިރު އޭނާ ކޯޗިންގައި މުހިއްމު ދައުރެއް އަދާކުރި އެވެ. ފަހުން ހެޑްކޯޗުކަމާ ހަވާލުވެ އެ ޓީމަށް ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް ފުރި ސުޒޭން 2012 ވަނަ އަހަރަށް ފަހު ވިކްޓަރީން ވަކިވެ އެފްއޭއެމުގައި ވެސް މަސައްކަތްކުރި އެވެ. އޭނާ ކޯޗިންގެ ތެރެއަށް އެނބުރި އައީ 2014 ވަނަ މާޒިޔާއާ އެކު އެވެ. ސުޒޭން ވަނީ މާޒިޔާ އަށް 2016 ވަނަ އަހަރގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ މާޒިޔާގެ 20 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗަށެވެ.