ކުޅުންތެރިން ރަޖިސްޓްރީކުރުމަށް ހާއްސަ ސިސްޓަމެއް

ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފީފާގެ އެހީގެ ދަށުން މި އަހަރުން ފެށިގެން ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


އެފްއޭއެމުން މިހާތަނަށް ކުޅުންތެރިން ރަޖިސްޓްރީކުރަމުން އައީ މެނުއަލް ސިސްޓަމެއް ބޭނުންކޮށްގެންނެވެ. އޭގެ ސަބަބުން ބައެއް މައްސަލަތައް ވެސް ދިމާވެފައިވެ އެވެ. ނިމިގެން ދިޔަ ސީޒަނުގެ ކުރީކޮޅު ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅުނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން ހުށަހެޅި މައްސަލަ ބޮޑުވެގެން ދިޔަ އެވެ. އެ މައްސަލަ ސާބިތުވި ނަމަ ލީގުގެ ނަތީޖާއަށް އަސަރުކުރީހެވެ.

ވެލެންސިއާ އިން އޭއެފްސީ ކަޕަށް ރަޖިސްޓްރީ ކުރި ޓީމުގައި ހިމެނުމަށް ފަހު ޕީކޭ އޭނާ ވަނީ ޗެރިޓީ ޝީލްޑް މެޗާއި އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ކޮޅުގައި ވެސް ވެލެންސިއާ ސްކޮޑުގައި ހިމެނިފަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ ދެ ވަނަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. މިލަންދޫ އަށް ޕީކޭގެ ރިލީޒް ދީފައިވަނީ ބީޖީންނެވެ. އެފްއޭއެމުގެ ގަވާއިދު ބުނާ ގޮތުން އެއް ކުޅުންތެރިއަކަށް އެއް ސީޒަނެއްގައި ތިން ޓީމަށް ނުކުޅެވޭނެ އެވެ. އެހެންވެ އެ މައްސަލައިގައި އެފްއޭއެމަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ފީފާ ކަނެކްޓުގެ ދަށުން ކުޅުންތެރިންގެ ޑޭޓާ ބޭސް ސިސްޓަމެއް އެބަ ލިބޭ ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނަށާއި ކްލަބްތަކަށް އަދި އެފްއޭއެމަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"މި ސިސްޓަމް 2018 ފެށުނީމާ ވަރަށް ބޮޑަށް މިކަހަލަ ކަންކަން ރަނގަޅުވެގެންދާނެ. މީގެ ކުރިން އަޅުގަނޑުމެންނާ ކްލަބްތަކާ މިއޮންނަ އެކުވެރި ގާތްގުޅުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލީނިއަންސީއެއް އެބަހުރި ދީފައި ޑޮކިއުމެންޓް ސަބްމިޓްކުރުމުގައި. އެހެން ނަމަވެސް މިދިޔަ އަހަރު މިހިނގައިދިޔަ ކޭސްގައި އަޅުހަނޑުމެން ބެލުމަށް ފަހު މުބާރާތު ކޮމިޓީން ވެސް އަދި ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ވެސް ވަނީ ނިންމާގައި މިކަންކަމުގައި އެ އޮންނަ އުސޫލުން ނޫން ނަމަ އެ ޓައިމްލައިނުގައި ނުފެތޭ ކުޅުންތެރިޔަކަށް ވެއްޖެއްޔާ ފުރުސަތު ލިބިގެންނުދާނެ ކަމަށް،" ޖަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ސިސްޓަމާ އެކު ލިޔެކިޔުންތައް ހުށަހެޅުމާއި އެ ނޫން ވެސް ކަންކަމުގައި ކްލަބްތަކަށް ވެސް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.