އީގަލްސްގެ ކެޕްޓަން އިންމަ ނިއު އަށް

ކްލަބް އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.


ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ އިންމަ އަކީ މެދުތެރެއިން ބުރަކޮށް މަސައްކަތްކުރާ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި އޭނާ އަކީ ކޯޗު އޮސްކާ ބްރުޒޮން ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށެވެ.

"ކުރިއަށް އޮތީ ބޮޑު ސީޒަނަކަށް ވާތީ އަޅުގަނޑުމެން ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން އިމްރާން ނަޝީދު ގެނައީ. އޭނާ އަކީ މިވަގުތު ކުޅޭ ކުޅުންތެރިންގެ ތެރެއިން ވަރަށް ހުނަރުވެރި އަދި ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިޔެއް،" ޓެޑް ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުން އީގަލްސް އަށް ޖާގަ ނުލިބުމުން އޭނާ އެ މުބާރާތާއި ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނީ ގދ. ތިނަދޫ ޓީމަށެވެ. ވިޔަންސާ އިން ފާހަގަވި އިންމަ ވަނީ އީގަލްސް އިން ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއްކޮށް 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެއާ އެކު ފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް އޭނާ ޖާގަ ކަށަވަރުކުރި އެވެ. އިންމަ ފާހަގަކުރެވެނީ މަސައްކަތުގެ ރޭޓާއި ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އިންމަގެ އިތުރުން ނިއު އިން ވަނީ އާ ސީޒަނަށް މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރާއި ކްލަބް ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) ގެނެސްފަ އެވެ.

މީގެ އިތުރުން ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އާއި މޮންޓެނީގްރޯ ޑިފެންޑަރު ސްޓެވަން މާކޮވިޗުގެ ބަދަލުގައި އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެންނަން ވަނީ ހަމަޖެހިފަ އެވެ. އަދި ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ބަދަލުގައި ޔޫރަޕަށް ނިސްބަތްވާ ފޯވާޑެއް ގެންނަން އަންނަނީ މަސައްކަތްކުރަމުންނެވެ. އަލަށް ގެންނަ ތިން ކުޅުންތެރިންނާ އެކު އަންނަ ސީޒަނުގައި ނިއު އިން ދެން ފެންނާނެ ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ވެސް ކުޅުނު ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ އެވެ.

ނިއު އިން ވަނީ ނިމިގެން ދިޔަ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖަހައި އަދި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އިބްރާހިމް އަތީގް ވެސް ގެނެސްފަ އެވެ. މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު އިމްރާން މުހައްމަދާއި ރިލްވާން ވަހީދު (ރިލޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި އަކްރަމް އަބްދުލްގަނީ އާއި ހަސަން އަދުހަމް (ސަޑޭ) އަބްދުﷲ މިދުހަތު (ބިޗަޑް) ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އަންނަ ސީޒަނުގައި ވެސް ކޯޗުކޮށްދޭ ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ.