އިޓަލީގެ "ދިފާއީ ފާރު" ރާއްޖޭގައި

މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ސެންޓްރަލް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ލިއޮނާޑޯ ބޮނޫޗީ އާއި ޖިއޯޖިއޯ ކިއެލީނީ ރާއްޖޭގައި އެއްކޮށް ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.


އޭސީ މިލާނަށް ކުޅޭ ބޮނޫޗީ އާއި ޔުވެންޓަސްގެ ކިއެލީނީ އާއިލާއާ އެކު ރާއްޖެ އާއި އިޓާލިއަން ލީގު ފިނި މޫސުމުގެ ޗުއްޓީ އަށް ދެ ހަފުތާ އަށް މެދުކަނޑާލުމުންނެވެ. އާއްމުކޮށް އިޓާލިއަން ލީގު މެދުކަނޑާލަނީ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ނަމަވެސް މި ފަހަރު އެ ދުވަސްވަރު މެޗުތައް ބޭއްވުމަށް ފަހު މެދުކަނޑާލީ އާ އަހަރު ފެށުމުންނެވެ.

ކިއެލީނީއާ އެކު ޔުވެންޓަސް އަށް ގިނަ އަހަރުތަކެއް ކުޅެފައިވާ ބޮނޫޗީ މި ފަހަރު މިލާނަށް ބަދަލުވުމުން ދެ ކުޅުންތެރިންގެ ކްލަބް ލެވެލް ޕާޓްނާޝިޕް ވަކިވީ އެވެ. ދެ ކުޅުންތެރިން ރާއްޖޭގެ ރިޒޯޓެއްގައި ރޭގަނޑުގެ ކެއުމެއްގައި ތިއްބާ ނަގާފައިވާ ފޮޓޯ ކިއެލީނީގެ އަންހެނުން އިންސްޓްގްރަމް އަށް ލާފައިވަނީ އަލުން އެކުވުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި ދެ ކުޅުންތެރިންނާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯގައި އިޓަލީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަޕޯލީގެ މިޑްފީލްޑަރު އެމެނުއަލް ގިއެކެރީނީ ވެސް އަންނަނީ އެ ދެ ކުޅުންތެރިންނާ އެއް ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކިއެލީނީގެ އަންހެނުންގެ އިންސްޓަގްރަމް ޕޯސްޓް.

ބޮނޫޗީގެ އިންސްޓްގްރަމް ސްޓޯރީގައި އޭނާ ވަނީ ރާއްޖޭގަައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާގެ ދެ ކުދިން އަތިރިމަތީގައި ހުރި މަގޫގަސްތަކެއްގެ ކައިރީގައި ތިއްބާ ނަގާފައިވާ ވީޑިއޯ ކޮޅަކާއި އަންހެން މޫދަށް އެރެނިކޮށް ނަގާފައިވާ ފޮޓޯއެއް ލާފައިވެ އެވެ. އޭގައި ބޭނުންކޮށްފައި ހުރި އިމޯޖީތަކުން ދައްކުވައިދެނީ ގަނޑުވެފައިވާ އިޓަލީން ބޭރުވެ، ރާއްޖެ ފަދަ ވަށައިގެން މޫދު އޮތް ޖަޒީރެއްގައި އިރުގެ ހޫނުން އޭނާ އަށް ލިބިފައިވާ ހިތްހަމަޖެހުމެވެ.

ބޮނޫޗީއާ އެކު އޭސީ މިލާނަށް ކުޅޭ އާޖެންޓީނާގެ ޑިފެންޑަރު މަޓެއޯ މުސާކިއޯ އާއި ސްޕެއިން ފޯވާޑް ސޫސޯ ވެސް މި ވަގުތު ތިބީ ރާއްޖޭގަ އެވެ.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ހާއްސަކޮށް އިޓަލީގެ ކުޅުންތެރިން ފިނި މޫސުމުގެ ޗުއްޓީގައި އަދި ސީޒަން ނިންމާލުމަށް ފަހު ވެސް ރާއްޖެ އާދެ އެވެ. ރާއްޖެ އައިސްފައިވާ ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އާއި އިޓަލީގެ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ޕައޮލޯ މަލްޑިނީ އާއި ރޮބާޓޯ ބާޖިއޯ އާއި ފިލިއްޕޯ އިންޒާގީ އަދި ފްރާންސުގެ ކަރިމް ބެންޒެމާ އާއި ފްރޭންކް ރިބެރީ ހިމެނެ އެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.