ޓީއެފްޖީގެ "ރަން އިން ލާމު": ފަސޭހަ ރޫޓެއް

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި މަހު 27 ގައި ލ. އަތޮޅުގައި ބާއްވާ "ކޮކާކޯލާ ރަން އިން ލާމު" ދުވުމުގެ ރޭހުގެ ހިތްގައިމު ރޫޓް އާއްމުކޮށްފި އެވެ.


ރޭސް ފަށާ އަދި ނިންމާ ޕޮއިންޓް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ގަމުގެ މުކުރިމަގު އަވަށުގެ ބަނދަރު ސަރަހައްދުގަ އެވެ. ރޭސް ވިލެޖުގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅައި ރޭހުގެ އެކްސްޕޯ މި މަހުގެ 26 ވަނަ ދުވަހު އޮންނާނީ އެ ސަރަހައްދުގަ އެވެ. މީގެ އިތުރުން 26 ވަނަ ދުވަހު ބާއްވާ ކުޑަކުދިންގެ 2 ކިލޯމީޓަރު ދުވުމާއި އުމުރުންދުވަސްވީ މީހުންގެ ހިނގުން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މުކުރިމަގުގެ އެ ސަރަހައްދުގަ އެވެ.

މެންދަމު 3 ޖަހާއިރު 42 ކިލޯމީޓަރުގެ މެެރެތަން ރޭސް، މުކުރިމަގު ބަނދަރު ކައިރިން ފަށައިގެން ފުރަތަމަ ދުވަން ޖެހޭނީ އުތުރަށެވެ. އަދި އުތުރުން ފަސް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރުމަށް ފަހު އަނބުރާލައިގެން ދެކުނު ގޮސް މާންދޫ، ކައްދޫ އަދި ފޮނަދޫ ހުރަސްކޮށް މާންދޫ ކޮޅާ ދިމާލުން އުތުރަށް މިސްރާބު ޖަހާނެ އެވެ. އަދި އެ ދާގޮތަށް ގޮސް ކައްދޫ ކައިރިން ވަށާލައި އެ ސަރަހައްދުގައި ކުޑަ ބުރެއް ފުރިހަމަކުރުމަށް ފަހު އުތުރަށް ގޮސް ރޭސް ނިންމާނީ މުކުރިމަގު ބަނދަރު ސަރަހައްދަށެވެ.

ހެނދުނު 6 ޖަހާއިރު ފާށާ ހާފް މެރެތަން (21 ކިލޯމީޓަރު) ރޭހުގެ ދުވުންތެރިން މުކުރިމަގުގެ ސްޓާޓިން ޕޮއިންޓުން ރޭސް ފަށައިގެން އުތުރަށް 5 ކިލޯމީޓަރު ދުވެފައި އަނބުރާލާނެ އެވެ. އަދި ދެކުނަށް އައިސް ކައްދޫ އެއާޕޯޓް ކައިރިން އަނބުރާލާފައި އުތުރަށް ގޮސް މުކުރިމަގަށް ރޭސް ނިންމާލަށެވެ.

ދިހަ ކިލޯމީޓަރު ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 7 ޖަހާއިރެވެ. އެ ރޭހުގެ ބައިވެރިން މުކުރިމަގުން ފަށައިގެން އުތުރަށް ގޮސް ގަން ރީޖަނަލް ހޮސްޕިޓަލް ވެސް ހުރަސްކޮށް 4.6 ކިލޯމީޓަރު ކަޑަތައް ކުރުމަށް ފަހު އަނބުރާލާއި ދެކުނަށް އައިސް މުކުރިމަގު ބަނދަރާ ދިމާލަށް ނުކުމެ ރޭސް ނިންމާނެ އެވެ. ފަސް ކިލޯމީޓަރު ރޭސް ޖަހާ ދުވުންތެރިން ރޭސް ފަށައިގެން އުތުރަށް 2.4 ކިލޯމީޓަރު ދުވެފައި އަނބުރާލާފައި ދެކުނަށް އައިސް ބަނދާރާ ދިމާލަށް ނުކުމެ ރޭސް ނިންމާލާނެ އެވެ.

ޓީއެފްޖީގެ ޑިރެކްޓަރު މުހައްމަދު މިސްތޯ ވިދާޅުވީ އައްޑޫގައި މިދިޔަ އަހަރު ބޭއްވި ރޭހަށް ވުރެ މި ފަހަރު ރޫޓް ފަސޭހަވެގެންދާނެ ކަމަށާއި އެގޮތުން ބަލަހައްޓަން ޖެހޭ ސަރަހައްދު ކުޑަވެ އޭގެ ފަސޭހަތަކެއް އިންތިޒާމްކުރުމުގައި ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މޮނިޓާކުރަން ޖެހޭ ސަރަހައްދު ކުޑަވެގެންދޭ އެބަ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފޯރިގަދަކޮށްލައި މީހުން މޯޓިވޭޓްކުރަން ފަސޭހަތަކެއް ވެގެންދާނެ. ބޮޑުބެރުގެ ހަރަކާތްތަކާ ވެސް ދުވުންތެރިންނާ ދެ ފަހަރެއްގެ މަތިން ދިމާވާނެ،" މިސްތޯ ވިދާޅުވި އެވެ. "ދުވުންތެރިންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ މި ފަހަރު."

ކޮކާކޯލާ ރަން އިން ލާމުގެ ރޫޓް.

އޭނާ ވިދާޅުވީ މުކުރިމަގު ބަނދަރު ސަރަހައްދަކީ ރޭހުގެ ވިލެޖް ކަމަށާއި ރޭހުގެ ސްޓާޓިން އާއި ފިނިޝިން ޕޮއިންޓް އެތަނުގައި ގާއިމްކުރުމުގެ އިތުރުން ކިޓް ދޫކުރުމަށް ބާއްވާ ރޭސް އެކްސްޕޯ ވެސް އޮންނާނީ އެ ހިސާބުގައި ކަމަށެވެ.

މި ފަހަރު ބައިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ރޭހުގެ ސްޓާޓުން ޕޮއިންޓް ސަރަހައްދުގައި ފާހަނާކުރެވޭނެ އިންތިޒާމް ޓީއެފްޖީން ހަމަޖައްސާފައިވުމެވެ. އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިންނަށް ވަކިން އެ އިންތިޒާމް ހަމަޖައްސާފައިވާއިރު ދަބަސް ބެހެއްޓޭނެ ގޮތް ވެސް ޓީއެފްޖީން ހަމަޖައްސާނެ އެވެ.

"އެއީ އަޅުގަނޑުމެންނަށް ހުޅުމާލޭ ލޯންގް ރަންގައި ވެސް ހަމަނުޖެއްސުނު އިންތިޒާމެއް. އަޅުގަނޑުމެން މި ފަހަރު އެބަ ގާއިމްކުރަން އަންހެން ފިރިހެން ވަކިން ފާހަނާކުރެވޭނެ ނިޒާމެއް. އަދި އެތަނުގައި ބޭގް ޑްރޮޕް ކުރެވޭނެ ގޮތް ވެސް ހުންނާނެ. މާނައަކީ ގެއިން އެތަނަށް އައިސް އެއްޗިސް ބަދަލުކޮށް ދަބަސް ބަހައްޓާލާފައި ދުވަން ދެވޭނެޔޭ ބައިވެރިންނަށް،" މިސްތޯ ވިދާޅުވި އެވެ.

އައްޑޫ ރޭހާ ހިލާފަށް މި ފަހަރު މެރެތަން ރޭސް މެންދަމު 3 ޖަހާއިރު ފަށަން ފުރުސަތު ލިބޭނެ އެވެ. އައްޑޫ ރޭހުގެ ރޫޓުގެ ތެރެއަށް ފަޅު، އަނދިރި ސަރަހައްދުތައް ވަނުމުގެ ސަބަބުން، ރޭސް ފެށުން ފަސްކުރަން ޖެހުމުން ދުވުންތެރިންނަށް އަވީގައި ގިނަ ވަގުތު ދުވަން ޖެހުނެވެ. އެކަމަކު މި ފަހަރު ދުވަން ޖެހޭ ކޯޒްވޭ ސަރަހައްދު އަލިކޮށްފައި އޮތުމުން މެންދަމު 3 ޖަހާއިރު ފެށޭނެ އެވެ.

"މާނައަކީ މެރެތަން ދުވުންތެރިންނަށް ތިބޭނީ އިރުއަރައި އަވީގައި ދުވަންވާއިރު ރޭސް ނިންމާ ހިސާބުގަޔޭ،" މިސްތޯ ވިދާޅުވި އެވެ.

މި ފަހަރު މުޅި ރޭސް އޮތީ ވެސް ތާރު އަޅާފައިވާ މަގުތަކުގައި ކަމަށްވުމުން ވެލީގައި ދުވަން ނުޖެހޭނެ އެވެ.

މި ރޭހަށް ލ. އަތޮޅުން ވޮލަންޓިއަރުން ހޯދުމަށް ކުރި މަސައްކަތަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެގޮތުން އެ އަތޮޅުން ލިބުނު 50 ވޮލަންޓިއަރުންނާ އަދި ޓީއެފްޖީގެ އޮފިޝަލުންނާ އެކު ޖުމްލަ 80 ފަރާތެއް ރޭސް އޮފިޝަލުންގެ ގޮތުގައި ތިބޭނެ އެވެ.

އައްޑޫ ރަންގެ ކުޑަކުދިންގެ ދުވުން ކުރިއަށްދަނީ: ލާމުގައި ވެސް އޮންނާނެ. --ފޮޓޯ: ޓީއެފްޖީ

މި ރޭހުގައި އައްޑޫ ރޭހެކޭ އެއްގޮތަށް 300 ދުވުންތެރިން ދުވާނެ ކަމަށް ޓީއެފްޖީން އުއްމީދުކުރެ އެވެ. އަދި ރޭހުގެ ކުރީ ދުވަހުގެ ހަވީރު ބާއްވާ ކުޑަކުދިންގެ 2 ކިލޯމީޓަރު ދުވުމާއި އުމުރުންދުވަސްވީ މީހުންގެ ހިނގުމާ އެކު މުޅި މި ހަރަކާތުގައި 400 މީހުން ބައިވެރިވާނެ އެވެ.

ރާއްޖޭގެ އެންމެ ބިން ބޮޑު އެއް އަތޮޅު ކަމަށްވާ ހައްދުންމަތީގައި ބާއްވާ ދުވުމުގެ މިފަދަ ފުރަތަމަ ހަރަކާތަށް ޓީއެފްޖީން އަންނަނީ ދުވުންތެރިން ވެސް ތަމްރީންކުރަމުންނެވެ. އަދި ރާއްޖޭގެ ބައެއް އަމިއްލަ ދުވާ ގްރޫޕްތަކުން ވެސް އަންނަނީ ދުވުންތެރިން ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން މި ރޭހުގައި ގިނަ އަދަދަކަށް ބައިނަލްއަގްވާމީ ދުވުންތެރިން ވެސް ބައިވެރިވާނެ އެވެ.

މި ރޭހުގައި ވެސް ޓީއެފްޖީގެ އެހެން ހުރިހާ ރޭހެއްގެ ސިފަތައް ހުންނާނެ އެވެ. އެގޮތުން ޓައިމިން ބަލާނީ ބައިނަލްއަގްވާމީ މިންގަނޑަށް، ޓައިމިން ޗިޕް ބޭނުންކޮށްގެންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑެއްޔެއް ދޭނެ އެވެ.

ހުޅުމާލޭގައި 2013 ވަނަ އަހަރުން ފެށިގެން ލޯންގް ރަންގެ ނަމުގައި ޓީއެފްޖީން ބާއްވަމުން އައި ދުވުމުގެ އިވެންޓް މުޅި ރާއްޖެ އަށް ފުޅާކުރީ މި އަހަރެވެ. ޓީއެފްޖީން މާލެ ސަރަހައްދުން ބޭރުގައި ބޭއްވި ފުރަތަމަ ރޭސް، "ރަން އިން އައްޑޫ" ވެސް ވަރަށް ކާމިޔާބެވެ.

"ރަން އިން ލާމު" އަށް ފަހު ޓީއެފްޖީން ދެން ބާއްވާނީ އެ ޖިމުގެ ރަސްމީ ދުވުން ކަމަށްވާ ލޯންގް ރަން އެވެ. ހުޅުމާލޭގައި ބާއްވާ މި ރޭސް އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް 13 ގަ އެވެ.

ޖުމްލަ 210 ދުވުންތެރިންނާ އެކު 2013 ވަނަ އަހަރު 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާ އެކު ފެށި ޓީއެފްޖީ ރޭސް އައީ އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވަމުންނެވެ. އެ ދެ އިވެންޓާ އެކު ދެ އަހަރު ރޭސް ބޭއްވުމަށް ފަހު 2015 ވަނަ އަހަރު ވަނީ ފުލް މެރެތަން (42 ކިލޯމީޓަރު ރޭސް) އިތުރުކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ދުވުންތެރިން ވެސް އައީ ރޭހުގައި ބައިވެރިވަމުންނެވެ. ފުރަތަމަ ދެ އަހަރު ހަވީރު ބޭއްވި ރޭސް 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ މެންދަމު 3:20 އިން ފަށައިގެންނެވެ.